ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ށ. ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައިފި އެވެ.
މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫއަށް ނިސްބަތްވާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ފަހުން ނަރުދޫގެ އިތުރު 11 މީހަކު ވެސް ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެއާއެކު މުޅި ނަރުދޫ ބިރުވެރިކަމެއްގެ ތެރޭގައި އޮތް އޮތުން މިހާރު މަޑުމަޑުން ބަދަލުވާން ފަށާފައިވާ އިރު، އެ ރަށުގެ ރައްޔިތުންނަށް އެކި އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުން ސަލާމަތް ކުރުމަށް އަވަށްޓެރި ފުނަދޫއިން ވަނީ އެހީގެ ތަކެތިން ބޯޓެއް ބަރުކޮށްގެން ގޮސް އެރަށު ރައްޔިތުންނަށް ހަދިޔާ ކޮށްފަ އެވެ.
އަދި އެއަށްފަހު ރޭގެ ވަގުތެއްގައި އެ ރަށް ނިސްބަތްވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވެސް ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. މިކަން އެ ރަށު ފެނަކަ ބްރާންޗުގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮވިޑް19 ގެ ކޭސްތައް ފެނުނު ބައެއް ރަށްރަށް މިހާރު މޮނީޓަރިންގް ހާލަތުން ނަގާފައިވީ ނަމަވެސް ނަރުދޫއަކީ އެ ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި އޮތް އިރު، ސިއްހީ ފަރުވާ ނުދެވި އެރަށުގެ މާބަނޑު މީހެއްގެ ބަނޑަށް ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ށ. ނަރުދޫއަކީ މާލެއިން ބޭރުން އެންމެ ގިނަ ކޮވިޑް19ގެ ކޭސްތައް ފެނުނު އެއް ރަށެވެ. އެހެންވެ، މިދިޔަ މަހު 16 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ އަރާ ފޭބުން މަނާކޮށް، ފުރަބަންދުގެ ހާލަތުގަ އެވެ.