ށ. ފުނަދޫގައި ހުންނަ 'މަސްޖިދުލް ޣުފްރާން' ނުވަތަ އުތުރުކޮޅު ކުޑަ މިސްކިތު ފެންޑާ ތެރެއިން ގަބުރު ކަށިތަކެއް އިއްޔެ ފެނިއްޖެއެވެ.
އެކަމާ ގުޅުން ހުރު މައުލޫމާތު 'ސަން؛އާ ހިއްސާކުރައްވަމުން ފުނަދޫ ކައުންސިލްގެ ނަައިބު ރައީސް އަލީ ޚާލިދު ވިދާޅުވީ، އެ މިސްކިތް ހުރި ސަރަހައްދަކީ ކުރިން ގަބުރު ކަށި ފެންނަ ތަނެއް ސަރަހައްދެއް ކަމަށްވާތީ، ރަމަޟާން މަހާ ދިމާކޮށް ގިނަ ބަޔެއްގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށެވެ.
އެ މިސްކިތް ބިނާކޮށްފައި ހުރީ ގަބުރުތައް ސާފުކޮށްފައި ކަމަށްވިޔަސް، އެ ތަން ބޭނުންކުރުމުގައި ޚިޔާލު ތަފާތުވުންތައް އުފެދޭކަން ޚާލިދު ފާހަގަކުރެއްވިއެވެ.
އެހެންވެ، މިފަހަރުގެ ރަމަޟާން މަހުގެ ކުރިން ކައުންސިލުން އެޖެންޑާކޮށްގެން އެ މައްސަލާގައި މަޝްވަރާކުރުމަށް ފަހު ނިންމީ، މިސްކިތުގެ ބޭރުން ފެންޑާ ކައިރިން ކޮންނަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮނެގެން ދާއިރުގައި [ގަބުރު ކަށި] ފެނިއްޖިއްޔާ ފެންޑާ އެތެރޭން ވެސް އެދިމާލުން ކޮންނަން. އެގޮތަސް ފެންޑާގަ ޖައްސާފަ ކޯރެއްހެން އަޅުގަނޑުމެން ކޮނުނީ،" އޭނާ ވިދާޅުވިއެވެ.
ޚާލިދު ވިދާޅުވީ، ފެންޑާ ކައިރިން ކޮނުނު އިރު ދެދިމާލަކުން ގަބުރު ކަށިތައް ފެނުނު ކަމަށާއި ގަބުރު ފެނުނު ތަނުން އެއް ދިމާ ރަނގަޅަށް ސާފުކޮށްފައި ވިޔަސް އަނެއް ދިމާ އޮތީ އެހާ ރަނގަޅަށް ސާފުނުކޮށް ކަމަށެވެ.
'ސަން'އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މިސްކިތުން ފެނިފައި ވަނީ އާންމުކޮށް ފެންނަ ވަރަށް ވުރެ ބޮޑެތި ކަށިތަކެކެވެ.
"ގޯތިތެރެއިން ފެންނާނެ ވަރަށް [ގަބުރު ކަށި]. މިސާލަކަށް އަޅުގަނޑުމެން ފެން ހޮޅިއެއް ވަޅުލާން ވެގެން ނޫނީ ގަހެއް އިންދަން ވަޅެއް ކޮނުނަސް ވަރަށް ގިނަ ފަހަރު ފެނޭ،"
އެ މިސްކިތަކީ މިހާރު ވެސް ބޭނުންކުރާ މިސްކިތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރަމަޟާން މަހަށް އެ ތަނުގެ ދެ ފެންޑާ ވެސް ނަމާދު ކުރާ މީހުން ބޭނުންކޮށް ފުރޭ ކަމަށެވެ. އަދި އެއީ އާންމުކޮށް ވެސް މީހުން ނަމާދުކުރަން އަރާ މިސްކިތެއް ކަމަށެވެ.
ފެންޑާ ތެރެއިން ފެނުނު ކަށިތައް މިހާރު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަަމަށާއި އެއަށް ހަދާނެ ގޮތެއް އަދި ކައުންސިލުން ނުނިންމާ ކަމަށާއި އެތަކެތި ވަޅުލާނަމަ، ވަޅުލާނީ ގަބުރުސްތާނުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ މިސްކިތުގައި ނަމާދު ކުރުން މިހާރަށް ވަނީ ހުއްޓާލާފައެވެ.
މީގެކުރިން ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުން ގަބުރު ކަށި ފެނިފައި އެބަހުއްޓެވެ.