ކޮވިޑް-19އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ށ. ނަރުދޫގެ ކޮންމެ ގެއަކަށް އެ އަތޮޅު ފުނަދޫ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަށް ނިސްބަތްވާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފެއެވެ. އަދި ފަހުން ނަރުދޫގެ 11 މީހަކު ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުން ސަލާމަތް ކުރުމަށް އަވައްޓެރި ފުނަދޫ އިން މިއަދު ވަނީ އެހީގެ ތަކެއްޗާއި އެކު ބޯޓެއް އެ ރަށަށް ބަނދަރުކޮށްފަ އެވެ.
ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވުނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެކަމާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު "ސަން"އަށް ވިދާޅުވީ، ކައުންސިލާއި ރަށުގެ ވިިޔަފާރިވެރިންނާއި މުއްސަސާތަކާއި މަސްވެރިންގެ އިތުރުން ޖުމްލަކޮށް ރަށުގެ ހުރިހާ ރައްޔިތުންގެ ދެ ދުވަހުގެ މަސައްކަތުން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ނަރުދޫއަށް މިއަދު ފޮރުކޮށްދީފައި ވާނެ ކަމަށެވެ.
އެގޮތުން ނަރުދޫގެ 85ގެއަށް ޕެކޭޖުތަކެއް ހަދިޔާކޮށްފައިވާއިރު އޭގައި ޒަރޫރީ ބޭނުންތަކަށާއި ރޯދަ މަހަށް ބޭނުން ކުރެވޭނެ ސާމާނު ހުންނާނެ ކަން ވެސް އިބްރާހިމްފުޅު ވިދާޅުވި އެވެ. އަދި މި ދަނޑިވަޅުގައި ނަރުދޫއަށް އެންމެ ދަތިވެފައިވާ ރޯ މަސް ވެސް ފޯރުކޮށްދިންކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގައި ތާޒާ ތިން ރޯމަސް ދީފައިވެއެވެ.
މޭ، 17، 2020: ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ހާއްސަކޮށް ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު،" އިބްރާހިމްފުޅު ވިދާޅުވި އެވެ.
ނަރުދޫ ކައުންސިލުގެ ރައީސް އަހްމަދު އާރިފް ވިދާޅުވީ ފުނަދޫގެ ރައްޔިތުން ވެދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ގަބޫލުކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ރަށުގެ ގުޅުްނ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
ނަރުދޫ ރައްުޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި އެ އަތޮޅުގެ އެހެން ރަށްތަކުން ވެސް ވަމުން އަންނަ އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަކޮށް އެކަމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.