މަޖިލީހުން ކަނޑައަޅާ މުސާރަތައް ކުޑަ ކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުން ކަނޑައަޅާ މުސާރަތައް ކުޑަކުުރުމަށް ވަނީ ފާސްކޮށްފައި --- ފޮޓޯ/ މަޖިލިސް

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަަކުގެ މުސާރަ ކުޑަ ކުރުމުގެ ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ މާލިއްޔަތު ކޮމެޓންނެވެ.

އެ ރިޕޯޓްގައިވާ އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް ވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައި ވަނީ 35 ޕަސެންޓެވެ. މިއީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރުމަށް ނިންމާފައިވާ އުސޫލެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިތުރުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ.

މުސާރަތައް ކުޑަކުރުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް މޭ، ޖޫން އަދި ޖުލައި ތިން މަހަށެވެ. ތިން މަހަށް ފަހު ހާލަތު މުރާޖައާ ކުރުމަށް ފަހު އަނެއްކާ ވެސް މުސާރައާ މެދު ގޮތެއް ނިންމާނެ އެވެ.

comment ކޮމެންޓް