އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، ޓޮޓްނަމް ހޮޓްސްޕާ އަތުން ބަލިވެ، ޖެހިޖެހިގެން ފަސްވަނަ މެޗުން ބަލިވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސްއިން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވުމުން މި މެޗުގައި އެކަން ބަދަލުކުރުމަށް ނުކުތް ސިޓީގެ ޓީމުން މެޗު ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ސިޓީއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިފައެވެ. ނަމަވެސް، މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 13 ވަނަ މިނެޓުގައި ސްޕާސްއިން އުފެއްދި ހަމަލާއެއްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގުމެވެ. ޖޭމްސް މެޑިސަން އޭނާގެ 28 ވަނަ އުފަންދުވަހު ކާމިޔާބުކުރި މި ލަނޑު ވެގެންދިޔައީ ސްޕާސްއަށް ހިތްވަރު އިތުރުވެ، އަދި ސިޓީއަށް ސިހުން ގެނުވި ލަނޑަކަށެވެ.
ދެން ފެނިގެންދިޔައީ ސްޕާސްއިން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދި ތަނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސިޓީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޑިސަންވަނީ ސްޕާސްގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑާ އެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން ސްޕާސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ފެނިގެންދިޔައީ ސިޓީއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު ސްޕާސްއިން ޑިފެންސްކުރުމާ އެކު ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޕެޑްރޯ ޕޯރޯ ވަނީ ސްޕާސްއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. މި ހާފުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސްޕާސްގެ ޑިފެންސް ފޫއަލުވާލެވޭ ގޮތެއް ނުވިއެވެ.
މި ނާކާމިޔާބީއާ އެކު ސިޓީ މިވަނީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ފަސްވަނަ މެޗުން ބަލިވެފައެވެ. ސިޓީން މިވަނީ އަމިއްލަ ދަނޑުގައި 52 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވެފައެވެ.
މި ކާމިޔާބީއާ އެކު ސްޕާސް މިހާރު ވަނީ 12 މެޗުން ލިބިފައިވާ 19 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. ސިޓީ އޮތީ 12 މެޗުން ލިބިފައިވާ 23 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ.
މުބާރާތުގައި އެވަޓަންއާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ބްރެންޓްފަޑްގެ ކްރިސްޓިއަން ނޯގާޑަށް ރަތް ކާޑު ދެއްކުމާ އެކު މެޗުގެ ބާކީބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިއާ އެކު ބްރެންޓްފަޑް 17 ޕޮއިންޓާ އެކު 11 ވަނައިގައި އޮތްއިރު އެވަޓަން އޮތީ 11 ޕޮއިންޓާ އެކު 15 ވަނައިގައެވެ.