ފޮރެސްޓަށް އާސެނަލް ކައިރީ ގަދައެއް ނުހެދުނު

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި، އާސެނަލުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބުކާޔޯ ސާކާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް އާސެނަލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ތޯމަސް ޕާޓޭއެވެ. ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އީތަން އެންވަނޭރީއެވެ.

މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ހޯދާ ހައިރާން ކުރުވަނިވި ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވި ފޮރެސްޓަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ.

މި މެޗަށް އާސެނަލާ އެއްވަރަށް 19 ޕޮއިންޓުގައި އޮވެ ނުކުތް ފޮރެސްޓަށް އާސެނަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އޮތީ 12 މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައެވެ. ފޮރެސްޓް އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ.

މުބާރާތުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާއި ފުލަމް ބައްދަލުކުރި މެޗު ރަށުން ބޭރުގައި4-1 އިން ކާމިޔާބުކޮށްފައިވަނީ ވުލްވްސްއެވެ. މިއީ މި ސީޒަންގައި ރަށުން ބޭރުގައި ކުޅެ އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެލެކްސް އިވޯބީ ކާމިޔާބުކޮށްދިން ލަނޑާ އެކު ލީޑު ނަގާފައިވަނީ ފުލަމް އިންނެވެ. ނަމަވެސް، މެތިއުސް ކޫންޔާވަނީ 31 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގައި ކޫންޔާ އިތުރު އެއް ލަނޑު ވުލްވްސްއަަށް ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާއޮ ގޯމޭޒާއި ގޮންކާލޯ ގުއެޑޭސްއެވެ.

މި ކާމިޔާބީއާ އެކު ވުލްވްސް މިހާރު އޮތީ 12 މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާ އެކު ތާވަލުގެ 17 ވަނައިގައެވެ. ފުލަމް އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް