ޗިލްރަންސް އޮމްބަޑްސްމަނަށް 35،000 ގެ މުސާރައެއް ދޭން ފާސްކޮށްފި

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: އޮންލައިން ކޮށް ބޭއްވި އެކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ވަނީ ކަނޑައަޅާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނު ބުނާ ގޮތުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް އައްޔަނު ކުރަން ޖެހެއެވެ.

އެ މަގާމަށް މީހަކު އައްޔަނު ކުރުމުގެ ކުރިން މަޖިލީހުން މުސާރައެއް ކަނޑައަޅަން ޖެހެއެވެ. އެހެން ކަމުން މިއަދު އޮތް މާލިއްޔަތު ކޮމެޓީގައި ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި 10،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ފާސްކޮށްފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ އަށް މެންބަރުންގެ ތާއީދާ އެކެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައެއް ކަނޑައެޅުމާއި މެދު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އުފެދުނުވެ. ސަބަބަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހުއްޓި ސަރުކާރުގެ ހަރަދު ކުޑަކުރަން ހިފާފައިވާ ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރަން ޖެހުމުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް ހަމަނުޖެއްސެމަކުން ރައްޔިތުން ކަންބޮޑުވުން ނުވާ ކަމަށާއި، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރައްޔިތުންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ދަށްވެފައި ވުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަވަހަށް ލޯނު ހަމަޖެހި ދިރިއުޅުން އާރާސްތްކުރެވޭނެ މަގެއް ފަހިވުން ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.

ކުރިން ފާސްކޮށްފައި އޮތް ގާނޫނުކަން ކުރަން ލާޒިމްކޮށްފައި އޮތް ކަމެއް ކުރަން ޖެހޭނެކަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި ހާލަތުގައި ކަނޑައަޅަން ޖެހޭނީ އެންމެ ކުޑަ މުސާރައެއްކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަކީ މާ ބޮޑެތި މަސްއޫލިއްޔަތުތަކެއް އޮތް ފަރާތެއް ނޫން ކަމަށާއި މުސާރައެއް ކަނޑައަޅަން ޖެހޭނީ ރާއްޖޭގެ މާލީ ހާލަތާއި ތަނަވަސްކަމާއި އެއްވަރަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް