މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު މާލެއިން ބޭރުގައި ތިއްބެވި އެމްޑީޕީގެ ދެ މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މާލެ ވަޑައިގެންފައިވާ ކަމަށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ސަނީފް ތުހުމަތުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ދިޔައީ ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތް މައްސަލަ ދިރާސާކުރުމެވެ.
ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޔާޒް މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މެމްބަރު ސިރާޖު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.
ކޮމިޓީން މިއަދު ނިންމާފައި ވަނީ ރިޔާޒް މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެން ކަަމަށާއި، އެހެންކަމުން މިކަމުގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ.
ކޮމިޓީގައި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް އެއް މޭރުމަކުން ވާހަކަދެއްކެވި ނަމަވެސް، މެމްބަރު ސަނީފްގެ ވާހަކަ ތަފާތުވިއެވެ.
މެމްބަރު ސަނީފް ވިދާޅުވީ މެމްބަރު ރިޔާޒު މާލެ ވަޑައިގައިތީ ހުއްދަ ހޯއްދަވައިގެން ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް ނުލިބޭ ހުއްދައެއް ފުލުހުން ބައެއް ފަރާތްތަކަށް ދޫކުރާ އުސޫލު ސާފު ނުވާ ކަމަށެވެ.
ސަނީފް ވިދާޅުވީ އެ އުސޫލުގެ ދަށުން ރިޔާޒް މާލެ ވަޑައިގަތުމާއެކު، މެމްބަރު މުޣުނީ އާއި މެމްބަރު ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި، "އެމްސީ" އަށް ގުޅުއްވައިގެން މާލެ ވަޑައިގެންފައިވާ ކަަމަށެވެ.
"އެއާ ގުޅިގެން އަޅުގަނޑަށް އެނގިހުރެ މި ވާހަކަ އަޅުގަނޑު މި ބުނަނީ ނުފޫޒުގެ ބޭނުންކޮށްގެން ދެން ތިބި ދެ މެމްބަރުން [މުޣުނީ އާއި ފިރުޝާން] ވެސް އައިސްގެން އުޅެނީ. އެމްސީއާ ހަމައަށް ފޯނުކޮށްގެން. އަބްދުﷲ ރިޔާޒަށް ފުރުސަތު ދިނީތީވެ، އެބޭފުޅުން ވެސް އަންނަން ބޭނުންވެގެން މަސައްކަތް ކޮށްކޮށް ހުއްޓާ ރިޔާޒަށް ފުރުސަތު ދިނީތީވެ އެހެންވެގެން،" ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ މާލެ ސިޓީ ލޮކްޑައުން ކުރުމުން، އެ ދެ މެމްބަރުން މާލެ އައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ވެސް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަން ހަމަނުޖެހުނު ކަމަށެވެ.
"ނުފޫޒުގެ ބޭނުންކޮށްގެން، ހަގީގަތުގައި ވެސް ނުފޫޒުގެ ބޭނުންކޮށްގެން. އަޅުގަނޑަށް އެނގޭތީ މި ބުނަނީ. ސީދާ އެމްސީއަށް ގުޅުއްވައިގެން ފަހުން އެ ދެބޭފުޅުން ވެސް އައީ،" މެމްބަރު ވިދާޅުވިއެވެ.
ސަނީފް ވަނީ ފުލުހުން ހުއްދަ ދޭ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަރަށް ބޮޑެތި ޒަރޫރީ ކަންކަމަށް ރަށަށް ނުވަތަ މާލެއަށް ދާން ޖެހޭ ފަރާތްތަކަށް ހުއްދަ ނުލިބޭއިރު، ވަކި ބަޔަކަށް ހުއްދަ ލިބެންޖެހޭ ސަބަބު ނުވިސްނޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
"އެ އަދި އެދޭހާ އިރަށް އެދޭހާ ކަމެއްގައި އެބޭފުޅުން ބޭނުންވާ ބަޔަކަށް ފުރުސަތު ދޭކަމަށް ވަންޏާ އޭގަ އެބައުޅޭ މައްސަލައެއް،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ފުލުހުން ހުއްދަ ދީފައި ވަނީ ވަކި ތަރުތީބަކުން، އުސޫލާ ހަމަތަކުގެ ތެރެއިން ކަމަށް ގަބޫލުނުކުރައްވާ ކަަމަށެވެ. އަދި ސިޔާސީ މީހުން މެދުވެރިކޮށް، މެދުވެރިކޮށް ފުލުހުންގެ އެންމެ އިސްވެރިޔާއަށް ގުޅައިިގެން ހުއްދަތައް ހޯދަން ޖެހުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"މީކީ އާދައިގެ މައްސަލައެއް ނޫން. ބައެއް މީހުން މީ އާދައިގެ މައްސަލައެއް ކަމަށް ދެކުނަސް މީކީ އާދައިގެ މައްސަލައެއް ނޫން. މީ އެތައް ރައްޔިތުންނެއް އަޅުގަނޑުމެންނާ ދިމާލަށް އެތައް އެއްޗެއް ކިޔާ ގޮވި މައްސަލައެއް. ހަގީގަތުގައި ވެސް މިކަން ހިނގީ ރަނގަޅަށްތޯ ގޯސްކޮށްތޯ ބަލަން ޖެހޭނެ،" މެމްބަރު ވިދާޅުވިއެވެ.
ނަމަވެސް ވަކި މެމްބަރުންގެ މައްސަލަ ބަލަން ސަނީފް ހުށަހަޅުއްވާފައެއް ނުވެއެވެ. ސަނީފް ވިދާޅުވީ މިކަމުގައިި މެމްބަރުންގެ މައްސަލައެއް ނޫޅޭ ކަމަށާއި، ބަލަން ބޭނުންވަނީ ފުލުހުން ހުއްދަ ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ކަމަށެވެ.
ނަމަވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ މެމްބަރު ފިރުޝާން އަދި މެމްބަރު މުޣުނީގެ މާލެ ވަޑައިގެން މައްސަލަ ކޮމިޓީން ބަލަން ހުށަހަޅުއްވައިފައެވެ.