ގަތަރު އެއާވޭސް އިން މުވައްޒަފުން މަދުކުރަނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް ކައިރީ އެ އެއާލައިންގެ ބައެއް ޕައިލެޓުންނާއި ކެބިން ކްރޫއިން ---

ގަތަރުގެ ފްލެގް ކެރިއާ، ގަތަރު އެއާވޭސް އިން މުވައްޒަފުން މަދުކުރަން ނިންމައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުތައް މެދުކެނޑިފައިވާއިރު، އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ. ގަތަރު އެއާވޭސް އިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިޔުލާއެއްގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ތައްޔާރަށް ތިބުމަށެވެ. އޭގެ ތެރޭގައި ކެބިން ކްރޫ އިންވެސް ހިމެނެއެވެ.

ގަތަރު އެއާވޭސް އިން މިިހާރުވެސް 35 މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. ނަމަވެސް ޑިމާންޑު ނެތުމުގެ ސަބަބުން އެ އެއާލައިނަށްވެސް ދަނީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންނެވެ.

"މިހާރު ކުރިމަތިލާން ޖެހިފައި މިވަނީ އާ ރިއަލިޓީ އަކާ. ގިނަ ގައުމުތަކުގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައި. އެއާލައިނުން އުދުހޭ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ނުބޭއްވޭތީ، ނަތީޖާއަކީ ގިނަ ފްލައިޓުތައް ގްރައުންޑް ކުރަން ޖެހުން. މިކަމަށް އަވަސް ހައްލެއް އަންނާނެ ކަމަކަށް ނުފެނޭ،" އެ އެއާލައިނުގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކުރު، މުވައްޒަފުންނަށް ފޮނުވި ނޯޓިސްގައި ވެއެވެ.

އެ ނޯޓިސްގައި ވަޒީީފާ އިން ވަކިކުރާނީ ކިތައް މުވައްޒަފުންކަމެއް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަތަރު އެއާވޭސް އިން މިހާރު އޮޕަރޭޓު ކުރަނީ ކޭޝް ރިޒާވުން ކަމަށާއި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެހީއަށް އެދެންޖެހޭނެ ކަމަށް އެ އެއާލައިނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ގަތަރު އެއާވޭސް މުވައްޒަފުން ވަކިކުރި ނަމަވެސް، މުވައްޒަފުންނަށް ދޭންވާ އިނާޔަތްތަކާއި އުޖޫރަ ދޭނެ ކަމަށާއި، ވަޒީފާ ގެއްލޭ މުވައްޒަފުން އެނބުރި ގައުމަށް ދެވެންދެން ލިވިން އެލަވެންސް ފޯރުކޮށްދޭނެ ކަމަށްވެސް މުވައްޒަފުންނަށް ފޮނުވި ނޯޓިސްގައި ބުނެފައި ވެއެވެ.

ގަތަރު އެއާވޭސްގައި 46،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު މިހާލަތުގައި މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ މުވައްޒަފުންގެ މުސާރައިން އުނިކުރިބައި ފަހުން ދޭނެ ކަމަށްވެސް އެ އެއާލައިނުް ވަނީ މުވައްޒަފުންނަށް އަންގައިފައެވެ.

comment ކޮމެންޓް