ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ގަތަރު މީހުންނަށް ހާއްސަ އޮފާއެއް

ގަތަރު އެއާވޭސްގެ ފްލައިޓެެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަތަރުގެ ރައްޔިތުންނަށާއި ވަޒަން ވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލެވޭނެ ހާއްސަ ޕެކޭޖެއް ގަތަރު އެއާވޭސް ހޮލިޑޭސް އިން ތައާރަފު ކޮށްފި އެވެ.

މި އޮފާގެ ދަށުން ގަތަރުގެ ރައްޔިތުންނާއި ވަޒަންވެރިންގެ ތެރެއިން ރާއްޖެ އަންނަ މީހުންގެ ވެކްސިން ދެޑޯޒް ހަމަވެފައިވާނަމަ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގަތަރަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ.

ގަތަރު އެއާވޭސް ހޮލިޑޭސް އިން ބުނީ މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ މީހުންނަށް ތިން ރޭގެ އޯލް އިންކްލޫސިވް ޕެކޭޖެއް ލިބޭނެ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ މީހުންނަށް ސޭންޑީސް ބަތަލާ ނުވަތަ ޑައިމަންޑްސް ތުނޑުފުށީގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮވިޑު19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެ އަށް އެންމެ ފުރަތަމަ ދަތުރު ފެށި އެއާލައިނަކީ ގަތަރު އެއާވޭސް އެވެ. މެދުއިރުމައްޗާއި ޔޫރަޕު އަދި އެމެރިކާ ސަރަހައްދުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް އުފުލާ ގަތަރު އެއާވޭސް ގެ ގަތަރު އެއާވޭސް ހޮލިޑޭސް އިން މީގެ ކުރިންވެސް ވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ.

ޖުލައި 15 އިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ގަތަރު އެއާވޭސް އިން 52,103 ސިންޖަރުން ރާއްޖެ އުފުލާފައި ވެއެވެ. މި މުއްދަތުގައި ދެވަނަ އަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އަށް އުފުލި އެއާލައިނަކީވެސް ގަތަރު އެއާވޭސް އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ މިހާރު ރާއްޖެ އެތެރެވުމަށް ޕީސީއާރު ނެގެޓިވް ރެޒަލްޓެއްވެސް ބޭނުމެއް ނުވެއެވެ.

comment ކޮމެންޓް