ގަތަރުގެ ވެރިރަށް ދޯހާއިން އަޔަލެންޑްގެ ޑަބްލިންއަށް މިއަދު ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލެންސްގައި ޖެހި، ލޮޅުންއެރުމުގެ ސަބަބުން 12 މީހަކަށް އަނިޔާވެއްޖެއެވެ.
ބޯއިން 787-9 މަރުކާގެ އެ ބޯޓަށް ލޮޅުން އެރީ ތުރުކީ މަތިން ދަތުރުކުރަމުން ދަނިކޮށެވެ. ނަމަވެސް ބޯޓު ޖެއްސީ ދަތުރު ނިންމުމަށް ފަހު ޑަބްލިން އެއާޕޯޓުގައެވެ.
އެ އެއާޕޯޓުގެ އޮޕަރޭޓަރު ޑީއޭއޭ ހަވާލާދީ އިނގިރޭސި ނޫސްތަކުގައިވާ ގޮތުން ގަތަރު އެއާވޭސް ފްލައިޓް ކިއުއާރު017 ޑަބްލިންގައި ޖެއްސީ އެ ސަރަހައްދުގެ ގަޑިން 13:00ގައެވެ. އެ ވަގުތު، ބޯޓުގައި ތިބި މީހުންނަށް އެހީވުމަށް އެއާޕޯޓް ފުލުހުންނާއި ސިއްހީ ކުއްލި ފަރުވާ ދޭ ޓީމާއެކު އެމްބިއުލާންސެއް އޮތް ކަމަށް ޑީއޭއޭއިން ބުންޏެވެ.
އެ ހާދިސާގައި އަނިޔާވީ ހަ ފަސިންޖަރުންނާއި ހަ ކުރޫ މެންބަރުންނަށް ކަމަށާއި އޭގެ ތެރެއިން އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެއާޕޯޓް އޮޕަރޭޓަރު ބުންޏެވެ.
ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ވަނީ ބޯޓު ރައްކާތެރިކަމާއެކު ޑަބްލިންގައި ޖެއްސި ކަމަށާއި ނަމަވެސް ބައެއް ފަސިންޖަރުންނާއި ކުރޫ މެންބަރުންނަށް ކުދި އަނިޔާތަކެއް ވެފައިވާތީ ސިއްހީ ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ހިންގާނެ. އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކީ އަޅުގަނޑުމެންގެ ފަސިންޖަރުންނާއި ކުރޫގެ ސަލާމަތާއި ރައްކާތެރިކަން،" އެ ބަޔާނުގައިވެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ، މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ވަރަށް ބޮޑަށް ލޮޅުން އަރައި، ފަސިންޖަރަކު މަރުވި ފަހުންނެވެ.
އެ ހާދިސާގައި މަރުވީ އިނގިރޭސިިވިލާތުގެ 73 އަހަރުގެ ރައްޔިތެއް ކަމަށްވާ ޖޮފްރީ ކިޗެން އެވެ. މިހާތަނަށް ބެލިބެލުމުން، އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.
ކޮޅިގަނޑެއްގައި ޖެހުމުން ބޯޓަށް އަންނަ ވަރުގަދަ ލޮޅުންތަކުގައި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެއެވެ.
ނަމަވެސް އޭވިއޭޝަން މާހިރުން ވިދާޅުވާ ގޮތުގައި ޓާބިއުލެންސްގެ ސަބަބުން ސީރިއަސް ހާދިސާތައް ހިނގަނީ މަދުންނެވެ. އެގޮތުން އެފަދަ ހާދިސާތަކުގައި މީހަކަށް ސީރިއަސް އަނިޔާ ލިބެނީ ފަސް އަހަރުން އެއް އަހަރު ނުވަތަ އެއަށް ވުރެ މަދުން ކަމަށް ވިދާޅުވެއެވެ.