މިދިޔަ އަހަރު ގަތަރު އެއާވޭސްއިން އަންހެނުންތަކެއްގެ ހަށިގަނޑު ބަލާ ފާސްކުރުމުގައި އަމަލުކުރި ގޮތަކާ ގުޅިގެން އޮސްޓްރޭލިއާގެ ހަތް އަންހެނަކު އެ އެއާލައިނާ ދެކޮޅަށް ދައުވާކުރަން ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ހާދިސާ ހިނގަން މެދުވެރިވީ އަލަށް އުފަންވި ކުއްޖަކު ސިޑްނީ އެއާޕޯޓުގެ ޑަސްބިނަކަށް އެއްލައިލައިފައިވަނިކޮށް ފެނުމުންނެވެ. އެއާއެކު ގަތަރު އެއާވޭސްގެ ނުވައަކަށްވުރެ ގިނަ ފްލައިޓުގައި ތިބި ހުރިހާ އަންހެނުންގެ ހަށިގަނޑުވަނީ ބަލައި ފާސްކޮށްފައެވެ.
އެ ހާދިސާގައި ހަށިގަނޑު ފާސްކުރި އަންހެނެއް ބުނި ގޮތުގައި އެ މީހުން ފާސްކޮށްފައިިވަނީ އެމްބިއުލާންސެއްގެ ތެރެއަށް ވެއްދުމަށްފަހު ލައިގެން ހުރި ހެދުން ބޭލުވުމަށްފަހެވެ.
މި މައްސަލައާ ގުޅިގެން އޮސްޓްރޭލިއާގެ ހަތް އަންހެނަކު އެ އެއާލައިނާ ދެކޮޅަށް ދައުވާކުރަން ނިންމައިފައިވަނީ އެ އެއާލައިނުން ހެދި ގައިނޮކޮލޮޖިކަލް އެގްޒަމިނޭޝަންގެ މައްސަލައިގެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލު ޑާމިއަަން ސްޓާޒޭކާ ބުނީ އެ އަންހެނުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާކަމަށެވެ. އަދި އެއީ ދައުވާކުރުމަށް ތައްޔާރުވަމުން އަންނަ ސަބަބުކަމަށެވެ.
"ދައުވާކުރަނީ އެ ވަގުތު އެ މީހުންނަށް ކުރި އަސަރުގެ ސަބަބުންނާއި މިހާރު ވެސް އެ މީހުން އެ ކުރި އަސަރު ތަހައްމަލުކުރަމުން ގެންދާތީ،" ސްޓާޒޭކާ ބުންޏެވެ.
އެ ހާދިސާގައި އޮސްޓްރޭލިއާގެ 13 އަންހެނަކު ފާސްކުރި އިރު އޭގެ ތެރެއިން އެކަކަށް ވަނީ އެ ދުވަހު ކަންކަން ހިނގި ގޮތުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
އެ މީހުންގެ ވަކީލު ބުނިގޮތުގައި މި މައްސަލައިގައި އެ އަންހެނުން ބޭނުންވަަނީ ގަތަރުގެ ސަރުކާރުން އެ މީހުންގެ ކިބައިން މާފަށް އެދުމަށެވެ. އަދި އެ ފަދަ ކަމެއް ތަކުރާރުނުވާނެކަމުގެ ޔަގީންކަން ދިނުމަށެވެ.