އިފުރު އެއާޕޯޓާއި ހޮޓާ 50 އަހަރަށް ވިއްކާލަނީ

ރ. އިފުރު އެއާޕޯޓު ހުޅުވުން----- ފޮޓޯ/ ރައީސް އޮފީސް

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އިފުރު ޑޮމެސްޓިކް އެއާޕޯޓާއެކު އެރަށުގައި ތަރައްގީކޮށްފައިވާ އިފުރު ރިސޯޓު ވިއްކާލަން އިިއުލާނުކޮށްފި އެވެ.

"ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ" (ޓީއެސްއެމްއައިސީ) އިން އިންވެސްޓުކޮށް ތަރައްގީކޮށްފައިވާ އިފުރު ރިސޯޓަކީ މުޅިން އާ، ހަތަރު ތަރީގެ ރިސޯޓެކެވެ. މި ރިސޯޓާއެކު އެ ކުންފުނިން ތަރައްގީކޮށްފައިވާ އިފުރު އެއާޕޯޓު އަދި ބ. އަތޮޅުގައި އޮންނަ ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ވިއްކާލަން އިއުލާނުކޮށްފައިވެ އެވެ.

އިފުރުގައި ތަރައްގީކޮށްފައިވާ ރިސޯޓަކީ 56.52 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ޖުމްލަ 150 ބީޗްވިލާ ހިމެނޭ މި ރިސޯޓުގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ. މި ރިސޯޓު ތަރައްގީކޮށްފައިވަނީ ޖުމްލަ ހަ ރެސްޓޯރެންޓު އަދި ބާ ހިމެނޭ ގޮތަށެވެ.

އިފުރުގައި ތަރައްގީކޮށްފައިވާ ރިސޯޓުގެ ކޮންސެޕްޓް

އެ ކުންފުނިން ވިއްކާލަން ނިންމާފައިވާ ބ. ފުނަދޫ އަކީ 11.69 ހެކްޓަރުގެ ރަށެކެވެ. އެ ރަށްވިއްކާލަނީ އެ ރަށުގައި ރިސޯޓު ތަރައްގީކުރަން ޑިވެލޮޕްކޮށްފައިވާ ކޮންސެޕްޓާއެކު އެވެ. މި ރަށުގައި 90 ވިލާ ތަރައްގީކުރެވޭނެ ކަމަށް ކޮންސެޕްޓުގައިވެ އެވެ.

ބ. ފުނަދޫ---

ޓީއެސްއެމްއައިސީ އަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓު މެނޭޖުމެންޓު ކުންފުންޏެވެ. އަމިއްލަ ފުށިވެސް ހިންގާ އެ ކުންފުނިން މީގެ ކުރިންވެސް ވަނީ ރާއްޖޭގައި މަތީފަންތީގެ ރިސޯޓުތައް ތަރައްގީކޮށްފަ އެވެ.

އިފުރުގައި ކޯސްޓްލައިން އިން ތަރައްގީކޮށްފައިވާ އެއާޕޯޓް މިހާރު ހިންގަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

comment ކޮމެންޓް