ކޮވިޑް19 ރޯގާއަކީ އާދައިގެ ބަލިމަޑުކަމެއް ކަމަށާއި، ބައްޔާ ގުޅިގެން ރައްޔިތުން "ޖަލެއްގައި" ބަންދުވެގެން ތިބެންނުޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންްގެ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މައާފަށް އެދިވަޑައިގެންފިއެވެ.
މާޗު މަހުގެ ނުވަ ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ރާއީ ވިދާޅުވެފައި ވަނީ ކޮރޯނާއާ ގުޅިގެން ދުނިޔެ ނިމުނީކަމަށް ގަބޫލުކޮށް، ރައްޔިތުންގެ ދިރިއުޅުން
ބަދަލުކުރާ ހިސާބަށް ދާންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި ހަމަ އާންމު އުސޫލުން ދިރިއުޅުން ކުރިއަށް ގެންދަން ވެސް މެމްބަރު ގޮވާލެއްވިއެވެ.
"އެއްވެސް ވަރަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުމެން އަމިއްލައަށް ޖަލެއް ހަދައިގެން އޭގެތެރޭގައި ބަންދުވެގެން ތިބުމެއް،" މެމްބަރު ވިދާޅުވިއެވެ.
އަދި ކޮވިޑް19 އަކީ އާދައިގެ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކުރައްވައި މެމްބަރު ވިދާޅުވީ، ރައްޔިތުން ރޯގާއަށް ބިރުން އުޅެނީ ބައެއް މީޑިއާތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ އުސޫލުން ކަންކަން ކުރާތީ ކަމަށެވެ.
މެމްބަރުގެ ވާހަކަތަކާ ގުޅިގެން އޭރު ރައްޔިތުންގެ މާބޮޑު ނުރުހުމެއް އަމާޒުނުވި ނަމަވެސް، ރާއްޖޭގައި ކޮވިޑް19 ފެތުރެން ފަށައި، މާލެ ސަރަހައްދު ލޮކްޑައުން ކުރަން ޖެހުނު ހިސާބުން، މަޖިލީހުގައިި މެމްބަރު ރާއީގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ކްލިޕްތައް މިހާރު ވަނީ ދައުރުވާން ފަށައިފައެވެ.
އެފަދަ ވީޑިއޯއެއް ރީޓުވީޓުކުރައްވައި މެމްބަރު ރާއީ އިއްޔެ ވިދާޅުވެފައި ވަނީ އެދުވަހު މަޖިލީހުގައި އެގޮތަށް ވާހަކަދެއްކެވީ އޭރު ބައްޔާ ބެހޭގޮތުން ލިބިހުރި މައުލޫމާތުގެ އަލީގައި ކަމަށެވެ.
"އޭރު އެއީ ކޮރޯނާ، ބައްޔަށް ނަމެއްވެސް ނުދެވޭ. އޭރު ލިބިހުރި މައުލޫމާތާއެކު ދެކެވުނު ވާހަކަތަކަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު މިހެން ވިދާޅުވި ނަމަވެސް، އަލަށް ފެނުނު ކޮރޯނާވައިރަސް އަށް ޑަބްލިއުއެޗްއޯ އިން "ކޮވިޑް19" ގެ ނަން ދީފައި ވަނީ އޭގެ ގާތްގަނޑަކަށް މަސް ދުވަސް ކުރިން، ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
މެމްބަރު ރާއީގެ އިތުރުން މަޖިލީހުގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އެމޭރުމުން ވާހަކަދައްކަވައިފައެވެ. ކޮވިޑް19 އަކީ އާދައިގެ ރޯގާއެއް ކަމަށާއި، ދުނިޔޭގައި އުޅޭ ރޯގާއެއް ވިއްޔާ ރާއްޖެއަށް ވެސް އަންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުން ވަނީ ލޯކަލް ކައުުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވެސް އޭރު ވާހަކަދައްކަވައިފައެވެ.
އަދި ރާއްޖެ ލޮކްޑައުން ކުރުމާ ދެކޮޅަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގައި ވާހަކަދައްކަވައިފައެވެ. އޭރު މެމްބަރުން ވިދާޅުވީ ލޮކްޑައުން ކޮށްފިނަމަ އިގްތިސޯދަށް ލިބޭ ގެއްލުން ކޮވިޑް19 އިން ލިބޭ ގެއްލުމަށް ވުރެ ބޮޑުވާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރި، މާލޭގެ އިތުރުން އުތުރުގެ އަތޮޅުތަކުންވެސް އަންނަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ. އަދި ތިލަދުންމަތީގެ ބައެއް ރަށްތައް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.އެގޮތުން ހއ. އުތީމު، ހއ. ދިއްދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ އަދި ހދ. ކުމުންދޫ އޮތީ މޮނީޓަރިން ހާލަތުގައެވެ.
މިހާތަނަށް ރާއްޖެއިން 491 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް19 ގެ ނުރައްކާ ލުއި ގޮތަކަށް ނަންގަވައި ރާއީ ވާހަކަދެއްކެވި ބަހުސް އޮތް އޮތް ދުވަހު މުޅި ދުނިޔެއިން 10،9577 މީހަކަށް ކޮވިޑް19 އޮތީ ޖެހިފައެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު ހުރީ 3،809 ގައެވެ. އަދި ގައުމުތަކުން ވައިރަހާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އޭރު ދިޔައީ ގޮވާލަމުންނެވެ.