ކޮވިޑް19އިން ފަތުރުވެރިކަން ސަލާމަތްކުރަން ހާއްސަ ވެބިނާއެއް

މާޗް 18، 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އިން ފަތުރުވެރިކަމުގެ ސިނާއަތް އަރައިގަތުމަށް ތައްޔާރުވުމަށްޓަކައި އެމްއެމްޕީއާރުސީން ހާއްސަ ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރާ ފަރާތްތަކަށް ހާއްސަ މި ވެބިނާ އޮންނާނީ މި މަހުގެ 27ވަނަ ދުވަހުގަ އެވެ.

މި ވެބިނާއަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އަދި ޓްރިޕްއެޑްވައިޒާއާ ގުޅިގެން ބާއްވާ ވެބިނާއެކެވެ.

މި ވެބިނާގައި އިސްކޮށް ވާހަކަ ދައްކަވާނީ އީ ޓޫރިޒަމް ފްރަންޓިއާސްގެ ސީއީއޯ ދާމިއަން ކުކް އެވެ. އޭނާއަކީ އެބޯލާ އަދި ސާސްފަދަ ބަލިމަޑުކަމުގެ ކާރިސާތަކުން އަރައިގަތުމަށްޓަކައި ކްރައިސިސް މެނޭޖްމަންޓް ރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ.

ދޮޅުގަޑިއިރަށް ދެމިގެންދާ މި ވެބިނާގައި ކުކްގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދުއާއި ޕާޓާގެ ދެބޭފުޅުންނާއި ޓްރިޕްއެޑްވައިޒާގެ ދެބޭފުޅުން ބައިވެރިވާނެ އެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މި ވެބިނާ ޑިވެލޮޕްކޮށްދިނީތީ އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބް ވަނީ ޕާޓާއާއި ޓްރިޕްއެޑްވައިޒާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކެނޑިނޭޅި މަސައްކަތްކުރަމުން މިދަނީ މީހުންގެ ހަނދާނުން ރާއްޖެއާއި ރާއްޖޭގެ ރީތިކަން ނުފޮހެވި ދެމެހެއްޓުމަށްޓަކައި... މި ވެބިނާގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަން ހިއްސާކުރާ ކުދިބޮޑު ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެމްއެމްޕީއާރުސީގެ މެމްބަރު ނޫން ފަރާތްތަކަށް ވެސް މި ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ވާނީ ހުޅުވާލާފައި." ތޮއްޔިބް ވިދާޅުވި އެވެ.

މި ލިންކް މެދުވެރިކޮށް މި ވެބިނާގައި ރަޖިސްޓްރީކޮށްލެވޭނެ އެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓިފަ އެވެ.

އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނީ ރާއްޖޭގައި މި ވައިރަސް ފެތުރުން ކޮންޓްރޯލު ކޮށްގެން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދިރާސާތަކެއް ކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިކަން ފެށޭނެ ތަފާތު މުއްދަތުތައް ހިމެނޭ ފަސް ހާލަތެއް ވެސް ސަރުކާރުން މިހާރު ވަނީ ލަފާކޮށްފަ އެވެ.

https://sun.mv/135420

comment ކޮމެންޓް