ރާއްޖެއަށް އަލުން އާދައިގެ ގޮތަކަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ.
ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ދިރާސާތައްކޮށް ހާއްސަ ފަސް ސިނާރިއޯއެއް ވަނީ އެކުލަވާލާފަ އެވެ.
އެކަމާ ގުޅޭގޮތުން މިއަދުގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޖުލައި، އޯގަސްޓް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލުކުރެވި އޮކްޓޯބަރު ހަމައަށް ދާއިރު ކޮންމެވެސް ވަރަކަށް ހުޅުވާލެވިދާނެ ކަމަށެވެ.
"ޖުލައިން ފެށިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ އީޒްތަކެއް އެތެރޭގައި އަދި އަޅުގަނޑުމެން އެއާޕޯޓު ނުހުޅުވުނަސް ޖުލައި މަހުން ފެށިގެން ކޮންމެވެސް ވަރެއްގެ އީޒްތަކެއް ދެވެން ފަށާނެ،" އަމީރު ވިދާޅުވިއެވެ.
ސަރުކާރުން އެކުލަވާލާފައިވާ ފަސް ސިނާރިއޯގެ ތެރެއިން އެންމެ އެކަށީގެންވާ ސިނާރިއޯ އަކީ ތިންވަނަ ސިނާރިއޯ ކަމަށް އަމީރު ވިދާޅުވި އެވެ. އެއީ ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ ސިނާރިއޯ އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ އެކަށީގެންވާ ސިނާރިއޯއަކީ ތިންވަނަ ސިނާރިއޯ އަށް ވާއިރު އެ ސިނާރިއޯގައި ފަތުރުވެރިން އަންނަ އަދަދަކީވެސް ފާއިތުވި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ 50 ޕަސެންޓް މަދު އަދަދެއް ކަމަށެވެ.
ރާއްޖެއަށް އެންމެ ގެއްލުން ކުޑަކޮށް ލަފާކުރެވޭ ސިނާރިއޯއަކީ ފުރަތަމަ ސިނާރިއޯ އެވެ. އެއީ މިއަންނަ މަހުގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމާއެކު ބެލެވޭ ސިނާރިއޯ އެވެ. އެ ސިނާރިއޯގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 962،398 އެވެ.
ސިނާރިއޯ ދެއެއްގައި ޖޫން މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދަކީ 883،288 އެވެ.
ސިނާރިއޯ ހަތަރެއްގައި އޮކްޓޯބަރު މަހުގައި ފަތުރުވެރިކަން ހުޅުވާލުމަށް ބަލައިފިނަމަ ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ބެލެވެނީ 626،082 އެވެ. އެއީ މިދިޔަ އަހަރު ފަތުރުވެރިން އައި އަދަދަށްވުރެ 63 ޕަސެންޓް ދަށް އަދަދެކެވެ.
އެންމެ ފަހު ސިނާރިއޯއަކީ އަންނަ އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމެވެ. އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލައިފިނަމަ މުޅި މިއަހަރުވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހުންނާނީ 382،678 ގައެވެ. އެއީ ރާއްޖެ ލޮކްޑައުން އަށް ގެނައުމުގެ ކުރީން ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ.