މިނިސްޓަރުގެ އިލްތިމާސް: އަނިޔާ ރިޕޯޓް ކުރުމުގެ ހިތްވަރު ހޯދާ

ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: މިނިސްޓަރު ވިދާޅުވީ، އަނިޔާއެއް ދޭކަން އެނގިއްޖެ ނަމަ ރިޕޯޓް ކުރުމުގެ ހިތްވަރު ލިބިގަތުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހެއްގެ މޫނަށް ބަލާލާފައި އޭނާ އެ ހުރީ އަނިޔާއެއް ދީފަކަން ނޭނގޭނެ ކަމަށާއި އެފަދަ ކަމެއް ފެނި ތަޖުރިބާ ކުރެވިއްޖެ ނަމަ ރިޕޯޓް ކުރުމުގެ ހިތްވަރު ލިބިގަތުމަށް މިނިސްޓަރު އޮފް ޖެންޑާ އަންޑެ ފެމެލީ، އާއިޝަތު މުހައްމަދު ދީދީ އިލްތިމާސް ކުރައްވައިފި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ އެކު ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ހާލަތު އޮތްގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިން ދެމަހާ އަޅާ ބަލާއިރު މިދިޔަ މަހުގައި އަނިޔާ ރިޕޯޓްކޮށްފައިވާ މިންވަރު ދަށް ކަމަށެވެ. ނަމަވެސް އެކަމުގެ އަސްލު ސަބަބު ބުނަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކަންއެހެން އޮތް އިރު އަނިޔާއެއް ދީފިކަން އެންމެ ފުރަތަމަ އެނގޭނީ އެ ވެއްޓެއްގައި ދިރިއުޅޭ ފަރާތްތަކަށް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އަނިޔާއެއް ފެނި ދެނިވެފައިވާ ނަމަ އެކަން ލަސްނުކޮށް ރިޕޯޓްކުރަން ޖެހޭނެ ކަމަށެވެ.

"މިރޭން މެސެޖު ދޭ ކަމުގައި ވަނީ ނަމަ އަޅުގަނޑު ފުރަތަމަ ވެސް ބުނާނެ އެއްޗަކީ ރިޕޯޓް ކުރުމުގެ ހިތްވަރު ހޯދާށޭ. ދެވަނަ ކަމަކަށް އަޅުގަނޑު ބުނަން ބޭނުން ވަނީ ރިޕޯޓް ކުރުމުގެ ހިތްވަރު ނެތް ކަމުގައިވަންޏާ ރައްޓިއްސެއް ރަހުމަތްތެރި އެއް އާއިލާ މީހަކާ ވާހަކަ ދައްކާށޭ،" ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަނިޔާ ހުއްޓުވުމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ އެ ވެއްޓެއްގައި ދިރިއުޅޭ މީޙުން ހޭލުންތެރިކުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެންޖީއޯތައް ގުޅިގެން މަސައްކަތް ކުރުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މެދުކެނޑުމެއްނެތި ހޭލުންތެރިކަން އިތުރުކުރުމަށް މެސެޖުތަކެއް ދޭން ޖެހޭ ކަމަށެވެ.

ގެވެށި އަނިޔާގެ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް ކަމެއް ރިޕޯޓްކުރަން ބޭނުންވާ ނަމަ 1412 އަށް ރިޕޯޓްކުރެއްވުމުން އެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ދެއްވާފަ އެވެ.

comment ކޮމެންޓް