ކޮރޯނާ ޖެހިގެން ޕާކިސްތާނުގެ ޑޮކްޓަރެއްވެެސް މަރުވެއްޖެ

މަރުވި ޕާކިސްތާނުގެ ޑޮކްޓަރު އުސާމާ ރިއާޒް

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ޕާކިސްތާނުގެ ޑޮކްޓަރެއްވެެސް މަރުވެއްޖެއެވެ.

މީގެ ކުރިން އިޓަލީ އަދި ޗައިނާގެ އިތުރުން އިރާނުގެ ޑޮކްޓަރުންނަށްވެސް ކޮރޯނާ ޖެހިގެން ވަނީ މަރުވެފައެވެ.

މަރުވި ޕާކިސްތާނުގެ ޑޮކްޓަރު އުސާމާ ރިއާޒްއަކީ އިރާނުން ޕާކިސްތާނަށް އަންނަ މީހުން ސްކްރީންކުރުމުގައި އުޅުނު ޑޮކްޓަރެކެވެ.

ޑޮކްޓަރު މަރުވިއިރު، ޑޮކްޓަރުން ގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާންޖެހޭ ހެދުމާއި އެހެނިހެން ތަކެތި ނެތްކަމުގެ ޝަކުވާ ޕާކިސްތާނުގެ ޑޮކްޓަރުން ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ތަކެތި ނެތި މީހުން ސްކްރީނުކުރުމާއި ފަރުވާކުރުމުގެ ކަންކަން ނުކުރާނެކަމަށް ޕާކިސްތާނުގެ ބައެއް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

މަރުވި ޑޮކްޓަރުގެ އިތުރުން އެހެން ޑޮކްޓަރުންގެ ކިބައިންވެސް އަލާމާތްތައް ދަނީ ފެންނަމުންނެވެ.

ޕާކިސްތާނުގައި މިހާތަނަށް ކޮރޯނާގެ 658 ކޭސް ފެނިފައިވާއިރު މިއީ މުޅި ދެކުނު އޭޝިއާގައިވެސް އެންމެ ގިނައިން އެ ބަލި ޖެހިފައިވާ މީހުން ފެނުނު ގައުމެވެ.

ޕާކިސްތާނުގެ އާބާދީ 208 މިލިއަނަށް ވުރެ ބޮޑުއިރު ބޮޑު ބަޔަކަށް ބަލި ފެތުރިދާނެކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފައެވެ.

ޕާކިސްތާނުގެ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ރައީސް ޑރ. އެސްފަންދިޔަރު ހާން ވަނީ ޑޮކްޓަރުންނަށް ބޭނުންވަ ރައްކާތެރިކަމުގެ ހެދުމާއިތަކެތި ވަގުތުން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

"މިއީ އަމިއްލަ އަށް މަރުވުން ކަހަލަ ކަމެއް. ހޮސްޕިޓަލްތަކުގައި ބަލި ފެތުރުނީމަ ބަލިމީހުން ބަލާނެ ޑޮކްޓަރެއްވެސް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރު ނެތުމުގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ޕާކިސްތާނުގެ ހެލްތު މިނިސްޓަތު ޒަފަރު އިސްމާއިލް ވަނީ ޑޮކްޓަރުންގެ ރިޕްރެޒެންޓޭޓަރުންނާ އެކު މިދިޔަ ހޮނިހިރު ދުވަހު ބައްދަލުވުމެއް ބާއްވައިފައެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑަށް އިސްކަންދެނީ ސިއްހީ ދާއިރާގެ މީހުންނަށް ކަމަށެވެ.

comment ކޮމެންޓް