މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ތިން މަސް ދުުވަހަށް ބަންދުކުރަން ނިންމާފައިވާ ޔުނިިވާސަލް އެންޓަޕްރައިސަސްގެ ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަތައް 380 އަށް ވުރެ ދަށްނުވާނެ ގޮތަށް ކުޑަކޮށްފިއެވެ.
ޔުނިވާސަލްގެ ރިސޯޓްތައް ބަންދުކުރަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.
ޔުނިވާސަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އެ ކުންފުނީގެ ރިސޯޓުތައް ބަންދުކުރަން ނިންމި ނަމަވެސް ހުރިހާ މުވައްޒަފުންނަށް މިމަހުގެ މުސާރަ އެއްވެސް އުނިކުރުމެއްނެތި ލިބޭނެ ކަމަށެވެ. އަދި ހުރިހާ މުސްލިމް މުވައްޒަފުންނަށް އަންނަ އޭޕްރީލް މަހުގެ މުސާރައާ އެކު ރޯދަ އިނާޔަތް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޔުނިވާސަލްގެ މުވައްޒަފުންގެ ތެރެއިން އެހެން ގައުމުތަކުގެ ރަށް ވެހިން އެ ގައުމުުތަކަށް ދިއުމަށް ނުވަތަ ދުރު ރަށް ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެއާ ޓިކެޓް ކުންފުނިން ހަމަޖައްސައި ދޭނެ ކަމަށް ވެސް އެ ކުންފުނިިން ވަނީ ބުނެފަ އެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހި މުވައްޒަފުންގެ ވަޒީފާތައް ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
އެގޮތުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކްތަކާ ގުޅިގެން އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިއުލާނު ކުރައްވާފަ އެވެ.
ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އެ ޕެކޭޖުގެ އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.
މި ޕެކޭޖުގައި ބައިވެރިވުމުގެ އެއް ޝަރުތަކީ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމާއި މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމެވެ.