ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވަމުން އަންނަ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން އެކުލަވާލައި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ބޭނުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުންފުނިތަކުން ހިފައިގެން ދިވެހި އިގުތިސާދު ކުރިއެރުވުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރާކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ބުނެފިއެވެ.
މަސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖަށް ފުރިހަމައަށް ތާއީދުކޮށް، ސަރުކާރަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީތީ އެ އެސޯސިއޭޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުއަދާ ކުރިއެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ދިވެހި ކުންފުނިތަކަށް ހަވާލުކުރުމަށް އިސްކަން ދިނުމަށާއި، ވީހާވެސް ގިނަ ކުންފުނިތަކަށް މަސައްކަތްތައް ބެހިގެންދާނެ ގޮތަށް ޕްލޭން ކުރެވިފައި އޮތުމަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމެއް ކަމަށްވެސް މަސީއިން ބުންޏެވެ. އެއީ އެކަމުގެ ހެޔޮ އަސަރު ވީހާވެސް ގިނަ ކުންފުނިތަކަށްކޮށް، އިންޑަސްޓްރީއަށް މި ދަނޑިވަޅުގައި ހަމަޖެހުމެއް ލިބޭނެކަމަށް ގަބޫލުކުރެވޭތީ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުންފުނިތަކުން އެ ޕެކޭޖުގެ ބޭނުން ހިފައި އިގުތިސާދު ކުރިއެރުވުމަށް ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މި އެސޯސިއޭޝަނުން އުންމީދުކުރަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ކުންފުނިތަކުންވެސް މި ޕެކޭޖުގެ ބޭނުން ހިފުމުގައި ސަރުކާރުން ރާވާފައިވާގޮތަށް ކަންކަން ކުރިއަށް ގެންގޮސް ދިވެހި ރައްޔިތުންގެ ވަޒީފާތައް ހިމާޔަތްކޮށް ދިވެހީންގެ ވިޔަފާރި ދަތިކަމެއް ނެތި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، މި ޕެކޭޖުގެ ބޭނުންހިފައިގެން ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި ސަރުކާރަށް އެއްބާރުލުން ދެމުން ގެންދިޔުމެވެ،"
ސަރުކާރުން އިއްޔެ އިއުލާނު ކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ކުންފުނިތަކަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވަނީ ނިންމައިފައެވެ. ލޯނުތައް ދޫކުރުމުގެ މައިގަނޑު ޝަރުތަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމެވެ. އަދި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރަން ވަނީ ނިންމައިފައެވެ.
ކޮރޯނާވައިރަހާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަންވެސް ނިންމާފައިވެއެވެ.