ޖޭޕީގެ "ބޮޑު ޖަލްސާ" ފަސްކޮށްފި

ޖެނުއަރީ 23، 2019: ޖުމްހޫރީ ޕާޓީއަށް ބޭފުޅުންތަކެއް ސޮއިކުރުމަށް ކުނޫޒްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން އަލިމަސް ކާނިވާ ސަރަހައްދުގައި "ދީނާ ގައުމުގެ ދިފާއުގައި"ގެ ނަމުގައި ބާއްވަން އުޅުނު ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ޖޭޕީން ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިންގެ ގައިން ކޮވިޑް19ގެ އަލާމާތްތައް ފެނި އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ފަތުރުވެރިޔަކަށް ބަލި ޖެހިފައިވާތީ އެވެ.

ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ރާއްޖެއަށާއި ދިވެހީންނަށް ވެސް އެ ވައިރަސްގެ ނުރައްކާތެރިކަން ފޯރާފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

މިއީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރިކަމެއް ކަމުގައި ޖޭޕީން ނުދެކޭ ކަމަށާއި މިފަދަ ހާލަތެއްގައި ބޮޑު އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށް ވުރެ ބޮޑަށް ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް އެންމެ އިސް ޒިންމާކަމަށް ހަދަންޖެހިފައިވާ ދަނޑިވަޅެއް ކަމަށް ޖޭޕީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެ ޕާޓީން މި މަހުގެ 13 ވާ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވަން ރޭވި އާންމު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޖޭޕީން ބުނީ ގައުމުގެ ހާލަތު މިއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުން އެ ޖަލްސާ އަލުން ބާއްވާނެ ވަކި ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.

ޖޭޕީން ވަނީ އެ ޕާޓީގެ ކެމްޕޭން ލޯންޗުކުރާ ޖަލްސާއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ) އާއި އެމްއާރުއެމްއަށް ދައުވަތުދީ، ގޮނޑިތައް ފުރާލާނެ ކަމަށް ބުނެފަ އެވެ.

ޖޭޕީގެ ބޮޑު ޖަލްސާ ފަސްކޮށްފައި ވާ އިރު، ޕީޕީއެމް-ޕީއެންސީން ވެސް ވަނީ އެ ކޯލިޝަނުން އަތޮޅުތެރެއަށް ކުރަމުން އަންނަ ކެމްޕޭން ޖަލްސާތައް ވެސް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ނަމަވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އަންނަނީ އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ފުޅާކޮށް، ކުރިއަށް ގެންދަމުންނެވެ. އެ ޕާޓީން އަތޮޅުތެރެއަށް ދަތުރުތަކެއް ފަށާފައިވާއިރު، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ވިލިމާލޭގައި ވަނީ ބޮޑު ކޮންފަރެންސެއް ވެސް ފަށައިފަ އެވެ.

comment ކޮމެންޓް