ރޫހާނިއްޔަތާއި ޒަމީރުގެ ލޯ ކަނު ވުމުން...

އިންސާނާޔަކީ ކާކު ހެއްޔެވެ؟ ނުވަތަ ކޯއްޗެއް ހެއްޔެވެ؟
ދިވެހި ގައުމަށް މިހާރު ޖެހިގެން އުޅޭ އެންމެ ބޮޑު އެއް މައްސަލަޔަކީ މި ސުވާލުގެ ޖަވާބު އޮޅުން ކަމުގައި ފަހަރުގައި ވެދާނެއެވެ. ދިވެހި ގައުމުގެ ދަރީންނަށް މި ސުވާލުގެ ޖަވާބު އެކަށީގެންވާ ގޮތެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން ވެސް، ހެއިލުންތެރި ކުރުމާއި ތަރުބިއްޔަތު ކުރުމާއި އިލްމު ފެތުރުމުގެ އެހެން ވަސީލަތަކުން ނުވަތަ މަންސަޔަކުން ވިޔަސް ނުދެވެނީ ކަމުގައި ވެދާނެއެވެ. ދިރިއުޅުމުގެ ޒިންމާތައް އެއްފަރާތް ކޮށްފައި، އެންމެ ފަހުގެ ސްމާޓް ފޯނާއި، ޓުވިޓަރާއި، އިންސްޓަގްރާމާއި، ފޭސްބުކަކީ ދިރިއުޅުން ކަމުގައި ހަދައިގެން އުޅެނީ އެހެން ވެގެން ކަމުގައި ވެދާނެއެވެ. ގައުމުގެ ސިޔާސީ ކަންކަމާ ޖެހުމުން، އެއްވެސް މިންވަރަކަށް ހައްގެއް ބާޠިލެއް، ޚާއިނެއް އަމާނާތްތެރިޔެއް، ޣައްދާރެއް ތެދުވެރިޔެއް، ދޮގުވެރިޔެއް ތެދުވެރިޔެއް، ނުވަތަ ހެވެއް ނުބައެއް ބެލުމެއް ނެތި ޕާޓީ މަސްތުގައި ޖެހިގެން، އަމިއްލަ އެދުންވެރިކަން ކުރިޔަށް ނެރުން އާއްމު ވެފައި ވަނީ ވެސް އެހެން ވެގެން ކަމުގައި ވެދާނެއެވެ. އިސްތިއުމާރީންނާއި އިސްލާމޯފޯބުންގެ އުނގުކުއްތާޔަކަށް މުޅި ގައުމު ވަމުން ދާ ދިޔުމަކީ ވެސް މީގެ ނަތީޖާއެއް ކަމުގައި ވެދާނެއެވެ.
އިންސާނާޔަކީ ހަމައެކަނި ހަށިގަނޑެއް ނޫނެވެ. ހަމައެކަނި މާއްދީ ޖިސްމެއް ނޫނެވެ. އިންސާނާޔަށް ބޭނުން ވަނީ ހަމައެކަނި މާއްދީ ކަންކަމާއި ތަކެއްޗެއް ނޫނެވެ. މާއްދީ ހަށިގަނޑަށް ބޭނުންވާ މާއްދީ ކާނާޔާއި، މާއްދީ ގެދޮރާއި، މާއްދީ އުނުފޭރާމާއި، އެނޫން ވެސް މާއްދީ ކަންކަން އިންސާނާޔަށް ބޭނުންވާ ފަދައިން، އިންސާނާޔަށް ބޭނުންވާ އެހެން ކަންކަން ވެސް ހުރެއެވެ. ސަބަބަކީ މާއްދީ ޖިސްމުގެ އިތުރުން، އިންސާނާގެ ވުޖޫދީ އުންސުރުތަކުގެ ގޮތުގައި ހިމެނޭ އެހެން އެއްޗެތިތަކެއް ވެސް ހުންނާތީއެވެ.
އެގޮތުން، އިންސާނާގެ މާއްދީ ޖިސްމަށް ވުރެ ވެސް މުހިއްމު އެއްޗެއްސަކީ އޭނާގެ ރޫޙާއި، ބުއްދިޔާއި، ޒަމީރެވެ.
އިންސާނާގެ ރޫޙަކީ އޭނާގެ އަސާސެވެ. ހަށިގަނޑަކީ ރޫޙުގެ ދުނިޔަވީ އަދި ވަގުތީ ތޮށިގަނޑު ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އިންސާނާގެ ހަށިގަނޑަކީ މަރާ އެކު ނެތި ފަނާ ވެގެން ދާނެ އެއްޗެކެވެ. ދާއިމީ ގޮވައްޗަށް ދަތުރު ކުރާނީ އޭނާގެ ރޫޙެވެ. ދުނިޔޭގައި ދިރިއުޅޭ ދިރިއުޅުމުގައި ވެސް، އިންސާނާގެ ރޫޙާނީ ބަޔަކީ އޭނާގެ މާއްދީ ބަޔަށް ވުރެ ހަގީގަތުގައި މުހިއްމު ބައެކެވެ. އިންސާނާގެ ރޫހަކީ އޭނާޔާ ޙައްޤާ ގުޅައިދޭ ފާލަމެވެ. ވަރަށް އުނި ގޮތެއްގައި ޚަލްގު ކުރެވިގެންވާ އިންސާނާގެ މާއްދީ ހިއްސުތަކަށް އެ ހަގީގަތްތަކާ ހަމަޔަށް ވާސިލު ނުވެވޭނެ ހަގީގަތްތަކާ ހަމަޔަށް އޭނާ ގެންގޮސްދޭ ވަސީލަތެވެ. ހަގީގީ އުފާވެރިކަމާއި ބާއްޖަވެރިކަމުގެ އަސާސަކީ ރޫހެވެ. ދިވެހި ގައުމުގެ އެންމެ ބޮޑު އެއް ފޭލިވުމަކީ އެ ގައުމުގެ ދަރީންނަށް ރޫހާނިއްޔަތުގެ މާނަޔާއި މަފްހޫމު ކިޔަވައިދިނުމުގައި ވެވުނު އިހުމާލެވެ. ނަތީޖާޔަކީ މިއަދު އެއްކޮޅުން ބަޔަކު ރޫހާނީ ހަގީގަތްތަކަށް އިންކާރު ކުރުމުން ހައްދުފަހަނައަޅައިދިޔުމާއި، އަނެއް ކޮޅުން ބަޔަކު ދީނުގެ ނަމުގައި ބޭރުފުށުގެ ކަންކަމާއި "ރިޗުއަލްސް"ގައި ހިފަހައްޓައިގެން ދީނުގެ ރޫޙާނިއްޔަތު ވަރަށް ބޮޑަށް އިހުމާލު ކޮށްލުމެވެ.
އިންސާނާގެ ރޫޙުގެ އިތުރުން، އޭނާގެ އެންމެ މުހިއްމު ދެ ބަޔަކީ އޭނާގެ ބުއްދިޔާއި ޒަމީރެވެ.
ބުއްދިޔަކީ އިންސާނާޔަށް އަގުލީ ގޮތުން މަގު ދައްކައިދޭ އާރުކާޓީއެވެ. ދެކޮޅުޖެހޭ، ސަބަބުވެރި ގޮތެއްގައި ވިސްނެނީ ބުއްދި ރަނގަޅަށް ހުރެގެންނެވެ. ހައްގާއި ބާޠިލު އޮޅުން ފިލުވުމާއި، ރޫހާނީ ހަގީގަތްތަކާ ހަމަޔަށް ވާސިލު ވުމުގައި ވެސް ބުއްދީގެ ދައުރު ވަރަށް ބޮޑެވެ. ހަމައެހެންމެ، އިންސާނެއްގެ ހަޔާތުގެ ކަންކަން ހަމަތަކެއްގެ މަތީން، ހެޔޮ ގޮތުގައި ތަރުތީބު ކޮށް އިންތިޒާމު ކުރުމަށް ޓަކައި ވެސް ހެޔޮ ބުއްދިއެއް ކޮންމެހެން ވެސް ބޭނުމެވެ. ހެޔޮ ބުއްދި ދޫ ކޮށްލައިފި ބަޔަކު ދެން އުޅޭނީ ބާޠިލު ޝިއާރުތަކާއި، ދެކޮޅު ނުޖެހޭ ފިކުރުތަކާއި، ތާކުންތާކު ނުޖެހޭ ކަންކަމާއިގެންނެވެ. ދިވެހި ގައުމަށް ވުރެ މި ފަދަ ކަންކަން އާއްމު ވެފައި އޮތް އެއްވެސް މުޖުތަމައެއް އަޅުގަނޑު ނުދެކެމެވެ. ބުއްދީގެ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ވެގެން ނުވާ ޕްރޮޕެގެންޑާތަކުގައި ދިވެހީން ޖެހެނީ ހުސް ބުޅީގައި މަސް ގަންނަ ބީދައިންނެވެ. އެންމެ ރީތި އެއް މިސާލަކީ ސިޔާސީ ލީޑަރުން އެ ހަދާ ބޮޑެތި ދޮގުތަކާއި، އެމީހުންގެ މުނާފިގު ވާހަކަތަކަށް ދިވެހީން ހެއްލޭ ގޮތެވެ.
އިންސާނާގެ ރޫހާއި، އޭނާގެ ބުއްދިޔެކޭ އެއް ފަދައިން، ނުހަނު މުހިއްމު އަނެކައްޗަކީ އޭނާގެ ޒަމީރެވެ.
ޒަމީރަކީ އިންސާނާޔަށް ރަނގަޅު ނުބައި ބުނެދޭ އެއްޗެކެވެ. އެއީ މާއްދީ ގުނަވަނެއް ނޫނެވެ. އޭގެ މަގާމަކީ ކޮބައިކަމާ މެދުގައި ވެސް ފަލްސަފާވެރީންނާއި މުފައްކިރުންގެ މެދުގައި ބޮޑެތި ބަހުސްތައް ކުރެވެއެވެ. ނަމަވެސް އެ ވާހަކަތައް މި ދަނޑިވަޅަށް ކޮންމެހެން މުނާސިބެއް ނޫނެވެ. މުހިއްމު ނުކުތާޔަކީ، އިންސާނާގެ ދިރިއުޅުމުގައި އޭނާގެ ސުލޫކާއި އަޚްލާޤު ބަހައްޓާން ވީ ގޮތުގެ އިރުޝާދުތައް ހެޔޮ ޒަމީރުން ލިއްބައިދޭކަމެވެ. އިންސާނާގެ ތަބީއީ އުނިކަމުގެ ސަބަބުން، އިންސާނާގެ އެއްވެސް ގުނަވަނަކީ އަދި އެއްވެސް ބަޔަކީ ފުރާފުރިހަމަ ނުވަތަ އާނާންދަ އެއްޗެއް ނޫންކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އެގޮތުން، ޒަމީރަކީ ވެސް އޭގެ އަމިއްލަ ބާރުގައި އެކަނި، ހުރިހައި ކަމެއްގައި ރަނގަޅު ގޯސް ދައްކައިދިނުމުގެ ގާބިލިއްޔަތު ލިބިގެންވާ އެއްޗެއް ނޫނެވެ. އިންސާނާގެ ބުއްދިޔަކީ ވެސް އޭގެ ބާރުގައި ހުރިހާ ހަގީގަތްތަކެއް ދެނެގަނެވޭ އެއްޗަކަށް ނުވާ ފަދައިންނެވެ. މި ގޮތްމަތީން، އިންސާނާގެ ޒަމީރަށް ވެސް، ބުއްދިޔެކޭ އެއްފަދައިން، ދޭއްޗެއްގެ އިރުޝާދާއި މަގުދެއްކުން ބޭނުން ވެއެވެ. އެކައްޗަކީ ތަޖުރިބާއެވެ. އަނެކައްޗަކީ އިލާހީ ހިދާޔަތެވެ.
ޚުދު އެމީހަކަށް ކުރެވޭ ތަޖުރިބާއިންނާއި ކުރީން އިސްވެދިޔަ އިންސާނީ ނައުޢުގެ ތަޖުރިބާގެ އަލީގައި އެނގިފައި ހުންނަ ކަންކަމާއި، މަތިވެރިވަންތަ މާތްރަސްކަލާނގެ ބާވައިލައްވަވާ ވަޙީން ދެއްވަވާ ހިދާޔަތާ ނުލައި، ޒަމީރަކީ މުޅީން ފުރިހަމަ ނޫން އެއްޗެކެވެ. އެންމެ އަސާސީ ފެންވަރުގައި، ޒަމީރަށް އަމިއްލަޔަށް ހެޔޮނުބައި ވަކި ކުރެވޭނެއެވެ. ނަމަވެސް ޒަމީރުގެ ބައްތީގެ އަލިކަން ފުރިހަމަ ވާނީ މި ދެންނެވި ދެ ބަހާއާ އެކުގައެވެ.
ގައުމެއްގެ ރައީސްކަމުގައި ވިޔަސް، ގާނޫނު ހަދާ މަޖިލިހުގެ މެންބަރުކަމުގައި ވިޔަސް، ވަޒީރުކަމުގައި ވިޔަސް، އަދި އެހެން މަގާމެއްގައި ވިޔަސް، ރޫހާނިއްޔަތާއި ބުއްދިޔާއި ޒަމީރު ފުރިހަމަޔަށް މަސައްކަތް ނުކުރާ ބަޔަކު ތިބި ނަމަ، ދެން ވާނޭ ގޮތުގެ އެންމެ ރީތި މިސާލު ފެންނަމުން ދާ ގައުމަކީ ދިވެހިރާއްޖެއެވެ. ގައުމުގެ މަތީ ފަޑިޔަށް ބައްލަވާށެވެ. އެމީހުން ވާހަކަ ދައްކައިފިއްޔާ ދޮގު ހަދައެވެ. އަމާނާތަކާ ހަވާލު ވެއްޖެއްޔާ، ޚިޔާނާތްތެރި ވެއެވެ. ކަމެއް ކުރާނަމޭ ބުނެފިއްޔާ، އެކަމެއް ނުކުރެއެވެ. ކަމެއް ނުކުރާނަމޭ ބުނެފިއްޔާ، އެކަމެއް ކުރެއެވެ. މަކަރާއި ހީލަތް ހެދުމުގައި ވަކި ހައްދެއް ނެތެވެ. ގައުމާއި ރައްޔިތުންނަށް ވަނީ ޣައްދާރެވެ. މަލާއިކަތުން ފަދަ މާތް ބައެއް ކަމުގައި ދެއްކިގެން ތިބެ އެކަކު އަނެކެއްގެ ބޮލުގައި ނުބައި ކަންކަމުގެ ތުހުމަތު އެޅުވުމަށް ފަހު، ދެން ގޮސް ކުރަނީ ހަމަ އެ ކަންކަމެވެ. އެމީހުން އަނގަ ހުޅުވައިފިއްޔާ، އަވަގުރާނަޔާއި ބާޒާރުމަތީ ބަހުރުވައިން ދައްކާ ވާހަކަތަކާއި، މީހުންނަށް ހަޖޫފުރައްސާރަ ކުރުން އޮންނަނީ ހައްދު ފަހަނައަޅައިފައެވެ. އެމީހުންގެ މަޖިލިސްތަކުގައި ވާހަކަދައްކައި ހަދަނީ އިސްލާމީ ކީއްކުރަންތޯއެވެ! އިންސާނާގެ އަސާސީ ކަރާމާތާއި ޝަރާފަތާ ވެސް ނުބައްދަލު ބީދައިންނެވެ. އެމީހުންނަކީ ރޫހާނިއްޔަތުގެ ލޯ ކަނު ވެފައި ތިބި ބައެކެވެ. އެމީހުންގެ ޒަމީރު ވަނީ ޣަފްލަތުގެ ނިދީގައެވެ. މި ދެ ކަންތައް ވުމުން، ދެން ބުއްދީގެ ހެޔޮ ބޭނުމެއް ވެސް ނުހިފޭނެއެވެ. އެމީހުން ބުއްދި ބޭނުން ކުރާނީ ވެސް ނުބައި ވެގެން ވީހައި ކަމަކަށް ޓަކައެވެ. މި ކަމަކަށް ހައްލެއް ލިބިދާނޭކަމުގެ އަސަރެއް ވެސް ލޮލަށް ފެންނަ އުދަރެހަކުން ނުފެނެއެވެ. ސަބަބަކީ މަދު އިސްތިސްނާތަކެއް ފިޔަވައި، މުޅި ގައުމު މި އަނދިރިކަމުގެ ތެރެޔަށް ވެއްޓިފައި ވާތީއެވެ.

comment ކޮމެންޓް