ދެ ރައީސުން ކައުންސިލް ކެމްޕެއިން ޕޯސްޓަރު ހަރު ކުރުމަށް ނުކުންނަނީ

ރައީސް ސޯލިހާއި ރައީސް ނަޝީދު: ދެ ރައީސުން ބައިވެރިވާ ކެމްޕެއިން ހަރަކާތެއް ބާއްވަނީ ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާ އެމްޑީޕީ ލޯކަލް ކައުންސިލް ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެޕާޓީން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބުނި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެދުނު 09:00 ގައެވެ. އަދި މާލޭގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ މައި ހަރުގެއިން ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 09:15 ގައި ދެރައީސުން ބައިވެރިވެ ވަޑައިގަންނަވާ ހެދުނުގެ ސައިފޮދަކުންނެވެ." ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ، އެ ސައިފޮދަށްފަހު ދެރައީސުން އެޕާޓީގެ ހަރުގޭގައި ކެމްޕެއިން ޕޯސްޓަރު ކުރެހުން ފައްޓަވައިދެއްވާނެއެވެ. އަދި މާލޭގެ އެކި ސަރަހައްދުގައި ޕޯސްޓަރ ހަރުކުރުން 10:00ގައި ފައްޓަވާދެއްވުމާއި އެކީގައި މުޅިރާއްޖޭގައި މިހަރަކާތް އެއްފަހަރާ ކުރިޔަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މިއީ ސިޔާސީ ޕާޓީއަކުން ކައުންސިލް އިންތިހާބުގެ ފުރަތަމަ ކެމްޕެއިން މި ހަރަކާތެވެ. މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން އެޕާޓީން ވަނީ ޕްރައިމަރީއެއް ބާއްވާ ޓިކެޓް ދޭނެ ފަރާތްތައް ހޮވާފައެވެ. އެ ޕާޓީން ބުނި ގޮތުގައި އިންތިހާބުގައި ހުރިހާ ކައުންސިލެއްގެ އަގުލަބިއްޔަތު ނަގާ މުޅި ރާއްޖެއިން 60 ޕަސަންޓް ގޮނޑި ނަގާނެ ކަމަށެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ސިޓީތަކުން ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ.

comment ކޮމެންޓް