މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަމަށް އޭދަފުށީ މެމްބަރު ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް، ޕީޕީއެމް ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ހަމަޖެހިގެން ހިނގައްޖެއެވެ.

ސަލީމް މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގެން، އެކަމުގެ ހުރިހާ ލިޔުންތައް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ހަޔަކަށް އެރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނުވަތަ އިދިކޮޅު ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ.

މަޖިލީހުގެ ޕާޓީތައް ތަމްސީލުކުރާ ގޮތަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކޮންޓްރޯލުކުރަނީ 65 ގޮނޑި އޮންނަ އެމްޑީޕީންނެވެ. މީގެ ކުރިން ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީންވެސް ކޮންޓްރޯލުކުރަމުން އައީ ކޮންމެ ޕާޓީއަކުންވެސް ފަސް ގޮނޑިއެވެ. އަދި އިދިކޮޅު ޕީއެންސީއިން ތިން ގޮނޑި ކޮންޓްރޯލުކުރި އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން ކޮންޓްރޯލުކުރީ ދެ ގޮނޑިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި، މައިނޯރިޓީއަކީ އިހްތިރާމްކުރަން ޖެހޭ ބައެއްކަން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ވެގެންދާ ގޮތަކީ ބާރު ލިބުމާއެކު ކޮންމެ ބަޔަކު ވެސް ދެން ތިބި މަދު މީސްކޮޅުގެ ބައި، ނުވަތަ އިދިކޮޅު އެއީ ނެތް އެއްޗެއްކަމަށް ހަދާލާ ގޮތް ވަރަށް ބޮޑަށް އެބަ ވޭ،" ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ގައުމު ކުރިއަށްދާނީ އިތުރު ޕާޓީތަކާއެކު މަޝްވަރާކޮށްގެން، އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދަންނަން ޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަޖެހުން އޮވެ އެކުގައި މަސައްކަތް ކުރެވޭނަމަ ގައުމުގެ މަސްލަހަތު ގެއްލޭފަދަ ކަންކަން މެދުވެރި ނުވާނެ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ސަލީމަށް މަރުހަބާ ދަންނަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލީމަކީ ސިޔާސީގޮތުން ވަރަށް ތަޖުރިބާކާރު ނުހަނު ގާބިލް އަދި ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި ސަލީމަކީ އެކިއެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.

މައިނޯރިޓީ ލީޑަރުކަމަށް ސަލީމް ހަމަޖެހުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިއަދަކީ ޕީޕީއެމް އަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

އަދި ސަރުކާރު ކިތަންމެ ބޮޑު ނަމަވެސް މައިނޯރިޓީ ލީޑަރު ކަނޑައެޅުމާ އެކު ވާދަވެރި ސިޔާސީ ޕާޓީތަކާ އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕީއެންސީގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ސަލީމަކީ ވަރަށް ތަޖުރިބާކާރު، ސިޔާސީ ދާއިރާގައި ފުންނާބު އުސް އަދި ވަރަށް ރަނގަޅު އިރުޝާދުތަކެއް ދެއްވާ މަޖިލީހުގެ ތެރޭގައި ކަންކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ވިދާޅުވެދެއްވާ ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އިންނެވުމަށްފަހު ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިވެސް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުންނެވެ. ނަމަވެސް އޭނާ ޕީޕީއެމްއަށް އަލުން ސޮއިކުރައްވައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާ ގުޅިވަޑައިގަތުމުގެ ސަބަބުން، ހަ ގޮނޑިއާއެކު ޕީޕީއެމް ވެގެން ގޮސްފައިވަނީ އެމްޑީޕީ ފިޔަވާ އެންމެ ގޮނޑި ކޮންޓްރޯލުކުރާ ޕާޓީއަށެވެ.

ފެބްރުއަރީ ތިންވަނަ ދުވަހު 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި އިރު، އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބަޔާނަށް ރައްދެއް ދޭންޖެހޭނީ އިދިކޮޅު ލީޑަރު ކަމަށާއި ނަމަވެސް މަޖިލީހުގައި އޭރު ޕާޓީތަކަށް ގޮނޑިތައް ބެހިފައި އޮތް ގޮތުން އެއީ ކާކުކަން ސާފުނުވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ސަލީމްގެ އަރިހުން އެދިވަޑައިގެންފައެވެ.

މިއަދު މަޖިލީހުގައިޮ ސިޔާސީ ޕާޓީތައް ބެހިފައިވާ ގޮތަށް ބަދަލު އައުމާއެކު ތިން ކޮމިޓީއަކަށް ވެސް ވަނީ ބަދަލު އައިސްފައެވެ. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޕީޕީއެމް އާ ގުޅިވަޑައިގަތުމުން، މެމްބަރު މާލިއްޔަތު ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ތަމްސީލުކުރައްވަމުން ގެންދެވި ގޮނޑި ދޫކޮށްލަން ޖެހޭނެއެވެ.

comment ކޮމެންޓް