ވޭތުވެ ދިޔަ އަހަރުތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުކުރި ދެފަރާތެއް ކަމަށްވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު އަލީ ސުޒެއިން އާއި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އެފްއޭއެމްގެ މުހިއްމު ދެމަގާމަކާ ހަވާލުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޓީމަށާއި އެފްއޭއެމްގެ ހިންގުމަށް އެންމެ ބޮޑަށް ފާޑުކިޔުންތައް މީގެ ކުރިން އަމާޒު ކުރި ސުޒޭން އަށް ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ހަވާލުކޮށްފަ އެވެ. މީގެ ކުރިން ވެސް އެ މަގާމު އަދާކޮށްފައިވާ ސުޒޭން ވަނީ މިދިޔަ ބުރާސްތަފި ދުވަހު އޭނާ ކުރިން ކޯޗުކަން ކޮށްދެމުން ދިޔަ ގްރީންސްޓްރީޓުން ވަކިވެފަ އެވެ.
އެކަމަކު ގްރީންސްޓްރީޓުން އޭނާ ވަކިކޮށްފައި ވަނީ އެންގުމަކާ ނުލައި ކަމަށް ސުޒޭން އޭރު ބުންޏެވެ. އަދި އެފްއޭއެމްގެ ރައީސްގެ މަގާމުގައި މިވަގުތު ހުރި ބައްސާމް އަދީލް ޖަލީލް އަލުން އެ މަގާމަށް ގެނައުމަށް ބަޔަތު ހިފާފައިވާ ގްރީންސްޓްރީޓުން އޭނާ ދޭކޮށްލީ އެފްއޭއެމްގެ އެދުމަކަށް ކަމަށް ގިނަ ފަރާތްތަކަކުން އޭރު ތުހުމަތު ކުރި ނަމަވެސް އެ ކުލަބުން އެކަން ވަނީ ދޮގު ކޮށްފަ އެވެ.
ގްރީންސްޓްރީޓުން ދޫކޮށްލިތާ އެއް ދުވަސް ތެރޭ ސުޒޭން ގައުމީ ޓީމުގެ އެސިސްޓެންޓްގެ މަގާމާއި ހަވާލުވި އިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަހްމަދު ޝާކިރު (ޝާކިއްޓޭ) ވަނީ، އެފްއޭއެމްގެ ޓެކްނިކަލް އެހެން މަގާމަކާ ހަވާލުވެފަ އެވެ.
ވިކްޓަރީ އަށް ގިނަ ދުވަސްތަކެއްގައި ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައިވަނީ ވިކްޓަރީގެ ބެންޗުންނެވެ. އެ ޓީމަށް އެކި ގޮތްގޮތުން އިރުޝާދު ދިނުމުގައި 10 ވަރަކަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު އެފްއޭއެމްގައި މަސައްކަތްކުރިއިރު، އެނބުރި ކޯޗިންގެ ތެރެއަށް ވަނީ 2014 ވަނަ އަހަރު މާޒިޔާ އިންނެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ސީޒަންގެ މެދުތެރެއިން ފުޓުބޯޅަ ކުޅުން ހުއްޓާލި ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އިމްރާންއަށް އެފްއޭއެމުން ރޭ ވަނީ އެ އިދާރައިގެ އެކި އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ ގޯލް ކީޕަރު ޓްރެއިނިންގް ޓީމުން ޖާގަ ދީފަ އެވެ.
އިމްރާން އެފްއޭއެމްގައި މަސައްކަތް ކުރާނީ، ޒުވާން އުމުރުފުރާގެ ގައުމީ ޓީމުތަކާ ސީނިއާ ޓީމުގެ އިތުރުން އެފްއޭއެމުން ގާއިމު ކޮށްފައިވާ ގޯލްކީޕިން އެކެޑެމީގަ އެވެ. ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރާނީ ކުރިން އޭނާ އާ އެކު ގައުމީ ޓީމަށް ކުޅުނު އަދި ފަހުން ގައުމީ ޓީމުގައި އޭނާވެސް ޓްރޭން ކުރި، ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމްގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.
"ކުޅުން ހުއްޓާލާފަ އަޅުގަނޑު ވިސްނައިގެން ހުރީ ކޯޗިން ދާއިރާގެ ތެރެއަށް ވަންނަން، ކުޅުން ހުއްޓާލިޔަސް މީގެތެރެއިން ދުރައްދާކަށް ނުވިސްނަން، އެގޮތުން ގޯލްކީޕިން ކޯސްތަކާއި ކޯޗިން ލައިސެންސް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ. އެހެން އުޅުމުގެ ތެރޭގައި އެފްއޭއެމްގެ ރައީސްގެ ފަރާތުން މިލިބުނީ ދައުވަތު." އިމްރާން ބުންޏެވެ.
އިމްރާން ވަނީ ވޭތުވެ ދިޔަ ދޮޅު އަހަރެއްގެ ތެރޭގައި އެފްއޭއެމުން އޭނާއަށް ދޭން ޖެހޭ ފައިސާގެ މުއާމަލާތެއް ނުނިންމައިގެން ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައްސާމްއަށާއި އެފްއޭއެމްއަށް ފާޑު ކިޔައިފަ އެވެ. އިނގިފައިވާ ގޮތުގައި އިމްރާންއަށް އެފްއޭއެމް އިން ދޭން ޖެހިފައިވާ ލާރި ދެ އަހަރެއްހާ ދުވަސް ފަހުން ލިބުނީ މިއަހަރުގެ ތެރޭގަ އެވެ.