އިނގިރޭސިން ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

ފަތުރުވެރިންތަކެއް -- ސަން ފައިލް ފޮޓޯ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ދިން ހަމަލާއާ ގުޅިގެން އިނގެރޭސިވިލާތުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެ ގައުމުން އިލްތިމާސްކޮށްފިއެވެ.

ހުޅުމާލޭގައި ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ޗައިނާ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކެވެ. ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުންނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން އިނގެރޭސި ސަރުކާރުގެ ޓްރެވަލް އެޑްވައިޒަރީ އިއްޔެ އަޕްޑޭޓު ކޮށްފައި ވާއިރު، އެޑްވައިޒަރީގައި ބުނެފައި ވަނީ އެ ހަމަލާގެ ޒިންމާ ހަރުކަށި ޖަމާއަތަކުން ނަގާފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވެތިބެން ޖެހޭ ކަމަށެވެ.

އަދި ޓެރަރިސްޓުން ރާއްޖޭގައި އިތުރު ހަމަލާތަކެއް ދިނުން ކައިރިކަމަށް ވެސް ބުނެފައިވެއެެވެ.

އެޑްވައިޒަރީގައި ބުނެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަށް އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިނުވާ ކަމަށާއި، އިނގެރޭސި ފަތުރުވެރިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޕާސްޕޯޓު ގެއްލުމާއި، ވަގަށް ނެގުމުގެ އިތުރުން މޫދަށް އެރުމާއި ޑައިވް ކުރުމުގައި ދިމާވާ ހާދިސާތައް ކަމަށެވެ.

ހުޅުމާލޭގައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާގެ މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންޕަރެންސްގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޓް، ސްޕުރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ.

އެ ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ޝިފާއު ވިދާޅުވި އެވެ.

ފަތުރުވެރިންނަށް ވަޅިން ދިން ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަން ޝިފާއު ފާހަގަކުރެއްވި އެވެ. ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތައް ހުންނަ ވީޑިއޯ އާއި ޕޯސްޓްތައް ސޯޝަލް މީޑިއާގައި 'ޝެއާ'ކޮށް ފެތުރުމަކީ 'ނޭނގި' ނަމަވެސް ކުށެއް ކުރުން ކަން ޝިފާއު ރައްޔިތުންނަށް ހަނދާން ކޮށްދެއްވިއެވެ. އަދި އެފަދަ ކުށެއް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް