އއ. ހިމަންދޫގެ އުތުރު ފަރާތު މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބެމުންދިޔަ 18 އަހަރުން ދަށުގެ ދެ ކުއްޖަކު، ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުންނެވެ. މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނިފައި ވެއެވެ.
އެ ދެ ކުދިން ސަލާމަތްކުރުމަށްޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ފަރާތެއް ކަމަށްވާ އއ. ހިމަންދޫ/ ދިލާސާގެ މުޙައްމަދު އާޙިލް ވަނީ ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ސަރަހައްދަށް ގޮސްފައެވެ.
މި ހާދިސާގައި ސަލާމަތްކޮށްފައި ވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
މި ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކު ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންމެންގެ އެހީތެރިކަމާއެކު އެ ދެ ކުދިން ވަނީ ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތުން ގެނެވިފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވެއެވެ. ނަމަވެސް އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި، ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.