ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް ސޯލިހު

ރައީސް ސޯލިހު -- ފޮޓޯ/ މަޖިލިސް

ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ނެރުއްވި ބަޔާނުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވަނީ ފިނޑި އަމަލެއް ކަމަށެވެ.

ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ދަންނަވަމެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ސިއްހޫ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް ވިދާޅުވިއެވެ.

އެފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެފަދަ އަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަމަކާއިބެހޭ މައުލޫމާތު ކަމާބޭހޭ އިދާރާތަކާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން ރައީސް ސޯލިހު އެދިވަޑައިގަތެވެ.

މިފަދަ ނުރައްކާތެރި އަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ރާއްޖެއިން ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ދިން ހަމަލާއާ ގުޅިގެން އިތުރަށް ދަންނަވަމެވެ. މި ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދަވާ ތަހުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނަމެވެ. އަދި، މިކަމާއި ގުޅިގެން ޢާންމުންނާއި ޙިއްޞާ ކުރައްވަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ޢާންމުންނާއި ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މި ފުރުޞަތުގައި ދަންނަވަމެވެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ހަމަލާދިން މައްސަލައާ ގުޅިގެން އިންޒާރުތަކެއްދީ އާންމުކޮށްފައިވާ ވީޑިއޯގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ބުނަނީ އެމީހުން އެ ހަމަލާގެ ޒިންމާ ނަގާކަމަށެވެ.

ހުޅުމާލޭގައި ހިނގި އެ މާރާމާރީގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

ފުލުހުން ބުނީ، އެ މާރާމާރީގެ ތަަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް