ބިރުވެރިކަން ނުއުފެދޭގޮތަށް ކޮރޯނާގެ ހަބަރުތައް ގެނެސްދޭން މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

ކޮރޯނާ ވައިރަހާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭ ގޮތަށް ޚަބަރު ގެނެސްދިނުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭ ގޮތަށް ޚަބަރު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮރޯނާގެ ޚަބަރުތައް ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭގޮތަށް ވިސްނުމަށާއި ރާއްޖޭގެ އިގްތިސޯދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައި ވަނީ ކޮރޯނާގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޑަބްލިއުއެޗްއޯގެ ހިސާބުތަކަށް ރިއާޔަތްކުރުމަށް އިސްކަންދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެ ވައިރަހާ ގުޅޭގޮތުން ނޫސްތަކުން ފަތުރާ މައުލޫމާތަކީ ތެދު މައުލޫމާތުކަށް ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މީޑިއާ ކައުންސިލުން އިލްތިމާސް ކުރިއެވެ.

"ގައުމަށް ދިމާވެފައިވާ މިފަދަ ހާދިސާތަކުގައި މީޑިއާތަކުން މިހާތަނަށް އަމަލުކޮށްފައިވާ ޒިންމާދާރުކަން މި ކައުންސިލުން ބަލައިގަނެ، އެގޮތުގައި މިހާލަތުގައިވެސް ދެމިތިބުމަށް އިލްތިމާސްކުރަމެވެ،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ 20 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ކ. ފުނަދޫގައި އެކަހެރިކޮށްފައެވެ. އޭނާ އަކީ ޗައިނާއިން ރާއްޖެ އައި މީހެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް