މަރު ކޮމިޝަނު މެމްބަރުންގެ މައްޗަށް ތަހުގީގު ހިނގަންޖެހޭ: ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ: ޕީޕީއެމް

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަށާއި، ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓު ނެރުނު މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނުން ބެލި، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވިކަމަށް ތުހުމަތުކުރެވޭކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުސް އޮފީހަށް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.

އެކަމާ ނުރުހުން ފާޅުކުރައްވާ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައި ކަމަށެވެ. އަދި އެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށްފައިވާ ކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

https://sun.mv/129592

ޝަހީމް ވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައިވާ ކަންތައްތަކަށް ފާޑުވިދާޅުވެފައެވެ.

"އަފްރާޝީމްގެ މަރުގެ މިސްރާބު، ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވުމަށް،" ޝަހީމް ވިދާޅުވިއެވެ.

އަދި ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި ކަމަށް ބުނެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ރިޔާސީ ކޮމިޝަނުން ޑިސެމްބަރު މަހުގެ ކުރީކޮޅު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް، ތަހުގީގުގައި ފުރިހަމަކުރަންޖެހޭ ކަންކަން ހުރިކަމަށް ބުނެ އެ އޮފީހުން މައްސަލަތައް ކޮމިޝަނަށް އަނބުރާ ފޮނުވާލިއެވެ.

ޝަހީމް ވިދާޅުވީ ކޮމިޝަނުން ފޮނުވި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލި ފޮނުވާލުމުން ދޭހަވަނީ ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު "ސިޔާސީ ކުޅިއެއް" ކުޅުނުކަން ކަމަށެވެ.

އަދި މިހާރު ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ސުއޫދަކީ ނަޒާހާތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށާއި އޭނާ މަގާމުން އަޒުލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓު ނެރުނު މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

https://sun.mv/129972

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ހުސްނުއްސުއޫދު އެ މަގާމުން އިސްތިއުފާދެއްވީ އޭނާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޑރ. އަފްރާޝީމް ދީނުގެ ބައެއް ހުކުމްތަކާ މެދު ދެކޭ ގޮތުގެ ސަބަބުން، ދީނީ ހައްދުފަނައަޅާފައިވާ މީހުން އޭނާ ދެކެ ރުޅިއައެވެ. އަދި އޭނާއަށް އެކި ފަހަރު މަތިން ގޯނާ ކުރި އެވެ. އޭނާ އަވަހާރަކޮށްލީވެސް ދީނީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވެއެވެ.

"ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިނަމަ، ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ"ކަމަށް ބުނެ ޑރ. ޝަހީމަށް މީހަކު ފޮނުވި މެސެޖެއް އޭނާ އަފްރާޝީމަށް ފޯވާޑު ކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ޑރ. ޝަހީމަށް އެ މެސެޖު ފޮނުވީ ކޮން ފަރާތަކުންތޯ ކޮމިޝަނުން އެހުމުން އެ މެސެޖު ފޮނުވީ ކާކުކަން ހަނދުމަފުޅު ނެތްކަމަށް ވިދާޅުވެ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާކަމަށެވެ.

comment ކޮމެންޓް