ފަނޑިޔާރުންނަށް ކުރެވޭ އެކި ތުހުމަތުތަކުގައި އެ ފަނޑިޔާރުން އަމިއްލައަށް ބަޔާންނެރެ ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީ ވެގެން ނުވާނެކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިރޭ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފުތާގެ ތެރޭ ވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފައެވެ.
އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އޭގެ ފަހުން ޖޭއެސްސީއަށެވެ.
ހަމައެއާއެކު މިއަދު ވަނީ ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ބަޔާނެއް ނެރެފައެވެ.
މި ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި "ސަން"އާ ވާހަކަދައްކަވަމުން މުހުތާޒު ވިދާޅުވީ އަދުލުއިންސާފުގެ ބާރުގައި މަސައްކަތްކުރައްވާ ފަނޑިޔާރުން އެ ބޭފުޅުންގެ ތެދުވެރިކަމާއި ނަޒާހާތްތެރިކަމުގެ ތަސައްވުރު ދަމަހައްޓަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
ފަނޑިޔާރުންނަށް ތުހުމަތުތައް ކުރެވޭކަން އެއީ ފެންނަ މަންޒަރެއް ނަމަވެސް އެއާއެކީ އޮތް ހަގީގަތަކީ ފަނޑިޔާރުންނަށް އެ ކަންކަމަށް ޖަވާބުދާރީވެ ރައްދުދޭން ލިބިފައި އޮންނަ ފުރުސަތުތައް ވެސް ހަނިވުންކަމަށް މުހުތާޒު ވިދާޅުވިއެވެ.
"އެ ބޭފުޅުންނަށް އެހެން ބޭފުޅުންނެކޭ އެއްގޮތަކަށް އެ ކަންކަމަށް ރައްދު ވެސް ނުދެވޭނެ،" މުހުތާޒު ވިދާޅުވިއެވެ.
ނަމަވެސް ކުރެވޭ ތުހުމަތުތަކަށް ފާޅުގައި ރައްދުދީ ބަޔާންތައް ނެރެ ހެދުމަކީ އެއްވެސް ފަނޑިޔާރަކު އަމަލުކުރަންވާނެ ގޮތް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ހިސާބުން ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ތެރޭގައި އެ ފަނޑިޔާރަކީ ކިތަންމެ އިންޑިޕެންޑެންޓް ވެފައި ކިތަންމެ ރަނގަޅު ފަނޑިޔާރެއްކަމުގައިވީ ނަމަވެސް އެ ފަނޑިޔާރެއްގެ އިންޓެގްރިޓީ[ތެދުވެރިކަމާމެދު]އާމެދު ވެސް ސުވާލު އުފައްދަން ބަޔަކަށް ފުރުސަތެކޭ އެ ދެވެނީ އެ ލެވެލަށް ފައިބައިވަޑައިގަތީމާ. އެ ގޮތަށް ބަޔާން ނެރުއްވަންޏާ އިސްތިއުފާދީފާ ބަޔާން ނެރުއްވަންވީއޭ. މަގާމުގައި ތިއްބަވައިގެން އެ ކަން ކުރައްވައިގެން ނުވާނެ. ކުރެވިގެން ވެސް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
މުހުތާޒު ވިދާޅުވީ ގޭތެރޭގައި އުޅޭ އުޅުމާއި، ދިރިއުޅުމުގެ އާދަތަކާއި މަސައްކަތުގެ މާހައުލުގައި ވެސް ތެދުވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އަމިއްލަ ޒިންމާއެއްކަމަށެވެ.
އެއާ ޚިލާފަށް ފަނޑިޔާރުންގެ ފަރާތުން ފާޅުގައި ރައްދުދީ، ބަސް ބުނެ ހަދާނަމަ ފަނޑިޔާރުންނާމެދު އޮންނަ ނަޒާހާތްތެރިކަމާއި ތެދުވެރިކަމުގެ ތަސައްވުރު ގެއްލޭނެކަމަށް މުހުތާޒު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރުންނަށް ކުރެވޭ އެކި ތުހުމަތުތަކުގައި އެ ފަނޑިޔާރުން އަމިއްލައަށް ބަޔާންނެރެ، ނުވަތަ އެ ބޭފުޅުންގެ ފަރާތުން އެހެން ބޭފުޅަކު ބަޔާން ނެރުމަކީ އޭނާ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް މުހުތާޒު ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީވާން އޮންނަ ތަނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ކަމަށާއި، އެ ތަނަށް ޖަވާބުދާރީވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދުލު އިންސާފުގެ ބާރުގެ ތެރެއަށް ވެސް ސިޔާސީ ނުފޫޒު ވަންނަ އެއް ސަބަބަކީ ދާއިރާގައި މަސައްކުރާ ބޭފުޅުން އަމިއްލަފުޅަށް ކުރައްވާ ކަންކަންކަމަށެވެ. އެ ފަދަ ނުފޫޒެއް ވަދެއްޖެނަމަ މިނިވަންވުމަކީ އުނދަގޫވާނެ ކަމެއްކަމަށާއި، އެހެންކަމުން އެއީ ވެސް ސަމާލުވުން މުހިންމު ކަމެއްކަމަށް މުހުތާޒު ވަނީ ވިދާޅުވެފައެވެ.