ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި މުހުތާޒު ފޮރިން މިނިސްޓްރީއަށް

ފެބްރުއަރީ 18، 2019: ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ޕީޖީ، މުހުތާޒު މުހުސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ޕީޖީ، މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީން މަގާމުން ވަކިކުރުމުން، މުހުތާޒް އެ މަގާމަށް އައްޔަން ކުރަންއުޅޭކަމުގެ އަޑުތައް ވެސް ފެތުރުނެވެ. މުހުތާޒު ޕީޖީގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ނަމަވެސް، 2015 ވަނަ އަހަރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާ އޭނާ މަގާމުން ދުރުކުރިއެވެ.

މުހުތާޒު ރައީސްގެ އެޑްވައިޒަރަކަށް އައްޔަން ކުރެއްވީ ޖަނަވަރީމަހުގެ 30ވަނަ ދުވަހުއެވެ.

އޭގެ ކުރިން ޖަނަވަރީ 27ގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި އޭނާ ވަނީ ދަނގެތީ ދާއިރާގެ ޓިކެޓަށް ވާދަކޮށް ނާކާމިޔާބުވެފައެވެ. އޭނާއަށް ލިބިވަޑައިގަތީ 185 ވޯޓެވެ.

އެ ދާއިރާގެ ޓިކެޓު 246 ވޯޓާ އެކު ކާމިޔާބު ކުރެއްވީ އަބްދުﷲ ރަޝީދު، ބަގީޗާގެ، އދ. ދަނގެތި، އެވެ. މިހާރު މަޖިލީހުގައި ދަނގެތި ދާއިރާ ތަމްސީލު ކުރައްވަނީ ވެސް އަބްދުﷲ ރަޝީދެވެ.

މުހުތާޒު ވަނީ ކްރިމިނަލް ކޯޓުގައި ވެސް ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައެވެ.

އޭގެ ފަހުން ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. މި މައްސަލައިގައި އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، 2018 ގައި ވެރިކަން ބަދަލުވުމަށް ފަހު، ހައިކޯޓުން ވަނީ މުހުތާޒުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްފައެވެ.

comment ކޮމެންޓް