މަޒީދުއާއި ސާމިތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް އަނބުރާ ފޮނުވާލައިފި

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް --- ސަންފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދުނު ފަރާތްތަކުގެ މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ފޮނުވުމަށް އެދި މައްސަލަތައް އަނބުރާ ފޮނުވާލައިފި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި ކަމަށް ބުނެ މަރު ކޮމިޝަނުން ވަނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ ތިން ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައި ނުވާނެ ކަމަށެވެ. މަރު ކޮމިޝަނުން ދައުވާކޮށްދިނުމަށް އެދި ފޮނުވި ތިން މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން އެ އޮފީހަށް ފާހަގަ ކުރެވިގެން އެކަންކަން ފުރިހަމަ ކުރުމަށް މައްސަލަ އަނބުރާ ފޮނުވާލީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

" އެ ކޮމިޝަނުން ތަހުގީގުކޮށް މި އޮފީހަށް ހުށަހެޅި ތިން މައްސަލަ މި އޮފީހުން ދިރާސާ ކުރުމަށްފަހު، ތަހުގީގުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް މި އޮފީހަށް ފެންނާތީ، ދަޢުވާ ކުރުމުގެ ކުރިން އެކަންކަން އިތުރަށް ތަހުގީގުކޮށް ތަހުގީގު ފުރިހަމަކުރުމަށްޓަކައި އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލެވިފައިވާ ވާހަކަ ދަންނަވަން." ޕީޖީ އޮފީހުން ބުންޏެވެ.

މަރު ކޮމިޝަނުން ޑރ. އަފްރާޝީމާއި ރިލްވާންގެ މަރާ ގުޅިގެން ތައްޔާރު ކުރި ރިޕޯޓުތަކުގައި ބުނެފައި ވަނީ އެ މީހުންގެ މަރުތަކުގެ އަޑީގައި ވަނީ މަޒީދާއި ސާމިތު، އިސްވެ ތިބި ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްފެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ އަޑީގައިވެސް ތިބީ އެމީހުން ކަމަށް ކޮމިޝަނުން ބުންޏެވެ.

އަލްގައިދާ ބްރާންޗުން އޮޕަރޭޝަންތައް ހިންގަނީ އެ ގްރޫޕުން ތަމްރީނު ކުރާ މީހުންގެ "ސެލްތައް" ބޭނުންކޮށްގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ޔާމީން ރަޝީދާއި ރިލްވާން މަރާލީ އެ ޖަމާއަތުގެ އެފަދަ ސެލްތަކުން ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އެކަމަކު، އަފްރާޝީމް މަރާލީ، މާލޭގައި ކުށް ކުރާ ގޭންގެއްގެ ބަޔަކާ ކޮންޓްރެކްޓު އުސޫލުން ހަވާލުކޮށްގެން ކަމަވެސްވެ އެވެ.

އެ ޖަމާއަތުން އެ ތިން މީހުންވެސް މަރާލީ ދީނީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުތަކުގައިވެ އެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.

ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

comment ކޮމެންޓް