މީގެ ދަހަތަކެއް ކުރީން، ދިވެހި ގައުމު ދުށް އެންމެ ކުޅަދާނަ އެއް ލިޔުންތެރިޔާ އަދި އިލްމުވެރިޔާ އައްޝައިޚް ޢުމަރު ޢީސާ ލިޔުއްވި މަޒުމޫނެއްގެ ސުރުޚީ އަކީ "ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ" މިއެވެ. މަޒުމޫނު ޝާއިއު ކުރެއްވީ "ސަރުކާރުގެ ޚަބަރު" ގައެވެ. ދިވެހި ބަހުން ޝާއިއު ކުރެވުނު އެންމެ މޮޅު އެއް ލިޔުމަކީ އެ މަޒުމޫނެވެ.
މި ފަހަރުގެ ކޮލަމަށް ޝައިޚް ޢުމަރު ޢީސާގެ ސުރުޚީ ބޭނުން ކޮށްލާނަމެވެ. އޭނާޔަށް ހިތުގެ ލޯތްބާއި ޝުކުރުގެ ޖިޒީތަކާ އެކު ހެޔޮ ދުއާ ވެސް ކުރަމުންނެވެ. ނަމަވެސް ސުރުޚީގެ ދަށުން އަޅުގަނޑު ދައްކާން އޮތީ ވަރަށް ތަފާތު ވާހަކައެކެވެ. ޝައިޚްގެ މަޒުމޫނުގައި ލިޔުއްވައިފައި ހުރީ ދުނިޔޭގެ ދިރިއުޅުމާ ބެހޭ ހަގީގަތްތަކާއި ހިކުމަތްތަކުގެ ވާހަކަތަކެވެ. އަޅުގަނޑު ދައްކާން މި އުޅެނީ ދިވެހި ގައުމަށް ބަޔަކު ގެނައި ބަދަލުތަކާ އެކު، ގައުމަށް ޚިދުމަތް ކުރުމުގެ ބޭނުން ނެތިފައި އޮތް މިންވަރުގެ ވާހަކައެވެ. ގައުމަށް ކުރި ޚިދުމަތުގެ "އަގު" އަޅުގަނޑަށް ލިބުނު ގޮތުގެ ވާހަކައެވެ.
އަޅުގަނޑު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމަށް ޓަކައި ވަޒީފާޔަށް ނުކުތީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. އަޅުގަނޑު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އެއިރު އެ ކޯޓުގައި ހުސްކޮށް އޮތް ހަމައެކަނި ލީގަލް ވަޒީފާ ކަމުގައި ވާ ލީގަލް އެސިސްޓެންޓްގެ މަގާމަށެވެ. އަޅުގަނޑު އެތަނަށް ވަނުމަށް ފަހު މަހެއްހައި ދުވަސް ވީތަނާ، އެތަނުގައި އެސިސްޓެންޓް ލީގަލް އޮފިސަރގެ ވަޒީފާގައި ހުންނެވި ބެއިފުޅާ އެހެން އޮފީހަކަށް ބަދަލު ވެވަޑައިގެންފިއެވެ. އެ ހިސާބުން އަޅުގަނޑާ އެސިސްޓެންޓް ލީގަލް އޮފިސަރގެ ހުރިހާ މަސްއޫލިއްޔަތެއް ވެސް ހަވާލު ކުރެވިއްޖެއެވެ. ޝަރީއަތާއި ގާނޫނުގެ ޑިގްރީއެއް ހަދައިފައި ހުރުމުގެ ސަބަބުން، އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމަށް އަޅުގަނޑު ޝަރުތު ވެސް ހަމަ ވެއެވެ. އެ ވަޒީފާއަށް މީހަކު ހޯދުމަށް ހައިކޯޓުން އިއުލާން ކުރެއްވި ނަމަ، އަޅުގަނޑަށް ވެސް ކުރިމަތި ލައިގެން އެ ވަޒީފާއަށް ދިޔުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެ ވާހަކައެއް ނުދެކެވެއެވެ. އަޅުގަނޑު ލީގަލް އެސިސްޓެންޓެއްގެ މަގާމުގައި ހުރެގެން، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، އަދި އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަސްއޫލިއްޔަތުތައް ވެސް އަދާ ކުރަމުން ގެންދިޔައީއެވެ. އެއީ މިހާރު ނަމަ ހައިކޯޓުގެ ރެޖިސްޓްރާރގެ މަސްއޫލިއްޔަތުތަކެވެ. އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމަކީ އަޅުގަނޑު ހުރި މަގާމަށް ވުރެ މުސާރަ ވެސް ހަމަ އެންމެ ރަނގަޅު މިންވަރަކުން ބޮޑު މަގާމެކެވެ. ކުޑަ މުސާރަޔަކަށް، ބޮޑު މުސާރައެއްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް އަޅުގަނޑު އުފުލަމުން ގެންދިޔައީއެވެ. ދުވަހަކު ވެސް ޝަކުވާއެއް ނުކުރަމެވެ. ނުރުހިގެން ސިޓީއެއް ނުލިޔަމެވެ. މުސާރަ ބޮޑު ވަޒީފާޔަށް ބަދަލު ކޮށްދޭކަށެއް، ނުވަތަ އެ ވަޒީފާޔަށް ދެވޭނޭ ފުރުސަތެއް ތަނަވަސް ކޮށްދެއްވާކަށެއް ވެސް ނުދަންނަވަމެވެ. ވަރަށް ބޮޑަށް ޑީމޯޓިވޭޓް ވިއެވެ. ނަމަވެސް މާޔޫސްކަން ހިތުތެރޭގައި ބާއްވައިގެން، ވަޒީފާގައި ކުރާން ޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދިޔައީއެވެ.
އެއް އަހަރު ވަޒީފާގައި އުޅުމަށް ފަހު، އަޅުގަނޑު ދިޔައީ މެލޭޝިޔާއަށެވެ. އިތުރަށް ކިޔެވުމަށެވެ. މުސާރަ ލިބޭ ޗުއްޓީއެއްގައެވެ. އެނބުރި އައިސް ބޮންޑު އުސޫލުން ޝަރުއީ ދާއިރާއަށް ޚިދުމަތް ކުރުމަށް އެއްބަސް ވެގެން، އެއްބަސްވުމެއްގައި ސޮއި ވެސް ކުރުމަށް ފަހުގައެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މާސްޓަރޒް ހެދުމަށް ފަހު، އެނބުރި އަޅުގަނޑު މާލެ އައުމުން، އަޅުގަނޑު ފުރަތަމަ ހުންނާން ޖެހުނީ ވަޒީފާއެއް ނެތިފައެވެ. އެ ގޮތުގައި ހައެއްކަ މަސް ދުވަސް ހޭދަ ކުރާން ޖެހުނެވެ. އެންމެ ފަހުން، ޝަރުއީ ދާއިރާއިން އަޅުގަނޑަށް ހަމަޖައްސައިދެއްވި މަގާމަކީ އިދާރީ އޮނިގަނޑުގެ މަގާމެކެވެ. ޝަރުއީ ދާއިރާގައި އެއިރު ހުރި ކޯޓަކަށް ނުވާ ހަމައެކަނި އިދާރާ ކަމުގައި ވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އެއީ 2010 ވަނަ އަހަރުއެވެ. އަޅުގަނޑުގެ ތަޖުރިބާ އާއި، އިލްމީ ކޮލިފިކޭޝަނަށް ބަލާ އިރު، ހަމަޖެހޭނޭ ވަޒީފާއަށް ވުރެ، މަހަކު ގާތްގަނޑަކަށް ހަ ހާސް ރުފިޔާ މުސާރަ ކުޑަ ވަޒީފާއެކެވެ. ޝަކުވާއެއް ނުކުރަމެވެ. ލިޔުނު ސިޓީއެއް، ޖެއްސި މައްސަލައެއް ނޯންނާނެއެވެ. އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭށޭ ބުނެ އެ މީހެއްގެ ކައިރިޔަށް ދިޔަ މީހަކު ނުހުންނާނެއެވެ. އެކަމަކު ކަމަށް ކަމޭ ހިތައިގެން ޚިދުމަތް ކުރީމެވެ. އަޅުގަނޑާ އެކު އެތަނުގައި މަސައްކަތް ކުރެއްވި ބެއިފުޅުން އެކަމަށް ހެކި ވެވަޑައިގަންނަވާނެއެވެ. އެ ގޮތުގައި ތިން އަހަރު ވެގެން ދިޔުމަށް ފަހު، ޑިޕާޓްމަންޓުން އަމިއްލަ އިސް ނެންގެވުމަށް، ޑެޕިޔުޓީ ލީގަލް އޮފިސަރެއްގެ މަގާމު އެ ޑިޕާޓްމަންޓުގައި އުފައްދަވައި އިއުލާން ކުރެއްވުމުން، އަޅުގަނޑު އެ ވަޒީފާޔަށް ކުރިމަތި ލައިގެން ހޮވުނީއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި، އަޅުގަނޑުގެ އެއްވެސް ދެންނެވުމެއް، ބަހެއް، ޚިޔާލެއް ނެތި، އަޅުގަނޑު ބަދަލު ކުރެވުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. އެއް ރެޔަކު އޮފީހުން ގުޅުއްވައިފައި ވިދާޅުވީ "މާދަމާ ނުކުންނާނީ ސުޕްރީމް ކޯޓަށް" މިހެންނެވެ. ވަޒީފާޔަކަށް، މުސާރަޔަކަށް ބަދަލެއް ނާދެއެވެ. ޕްރޮމޯޝަނެއް ކަހަލަ ބަދަލެއް ކަމުގައި ވިޔަސް، އަޅުގަނޑު އެހައި އުފާ ވި ކަމަކަށެއް އެކަން ވެސް ނުވިއެވެ. ނަމަވެސް ހަމަ އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރީމެވެ. ކުޑަ ދުވަސްކޮޅަކަށް ފަހު، ސުޕްރީމް ކޯޓުގެ ދަށުން ހިނގާ ވަކި މުއައްސަސާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އުފެދިއްޖެއެވެ. އެތަނަށް ޗާންސެލަރއަކު ބޭނުން ވެގެން އިއުލާން ވެސް ކުރައްވައިފިއެވެ. އެ އިއުލާނާ ގުޅިގެން ކަންތައް ވީ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. ސުޕްރީމް ކޯޓުގެ ލީގަލް ޓީމާ އެކު، އެކަޑަމީގެ ގަވާއިދު ޑްރާފްޓް ކުރުމުގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އޭގެ އިތުރުން އެކަޑަމީއާ ގުޅޭ އެއްވެސް މަސައްކަތެއް އަޅުގަނޑަކާ ހަވާލެއް ނުކުރައްވައެވެ. ޗާންސެލަރއަކު ހޯދާން ކުރެއްވި އިއުލާނާ ގުޅިގެން މަގާމަށް އެދި ހުށައެއްވެސްނާޅަމެވެ. އަޅުގަނޑަށް ހީ ވާ ގޮތުން، ރަނގަޅު ބެއިފުޅުން އެޕްލައި ނުކުރެއްވުމުގެ ސަބަބުން އެ އިއުލާން ބާޠިލު ކުރެއްވީއެވެ. ދުވަސްކޮޅެއްގެ ފަހުން، އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު އޮނަރަލްބް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެއް ދުވަހަކު އަޅުގަނޑު ގެންދަވައިފައި، އެކްޓިންގ ޗާންސެލަރއެއްގެ ގޮތުގައި އެކަޑަމީއާ ހަވާލު ވާށޭ އެންގެވިއެވެ. އަޅުގަނޑު އެދުނު އެދުމަކާ ގުޅިގެން، ދެންނެވި ދެންނެވުމަކާ ގުޅިގެން، ރޭވި ރޭވުމަކާ ގުޅިގެން، ކުރި މަސައްކަތަކާ ގުޅިގެންނެއް ނޫނެވެ. އުއްތަމަ ފަނޑިޔާރަށް އެގޮތް ފެނިވަޑައިގެން، އެކަޑަމީގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ހުށައަޅުއްވައި، ފަނޑިޔާރުންގެ މަޖިލިހުގެ ލަފާ ހޯއްދަވައިގެން، އެ ގޮތަށް ނިންމެވީއެވެ. އެއީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހެވެ.
ލޯބިން، އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކުރުމަކީ އަޅުގަނޑުމެންނަށް ދަސް ވެފައި އޮތް ގޮތް ކަމުންނާއި، އަދި އެކަޑަމީގެ މަސައްކަތަކީ އަޅުގަނޑުގެ އަމިއްލަ ޝައުގުވެރިކަން ވެސް ހުންނަ ދާއިރާގެ މަސައްކަތެއް ކަމުން، ބިސްމި ކިޔައިފައި މަސްއޫލިއްޔަތާ ހަވާލު ވެއްޖައީމެވެ. އެންމެ ފުރަތަމައިނުން ވެސް، އެކަޑަމީގެ އޮނިގަނޑާއި ޕްލޭންތައް ހަދައި، މުވައްޒަފުންނާއި ބަޖެޓު ހޯދުމުގެ މަސައްކަތް ފަށައިފީމެވެ. އޮނިގަނޑާއި ޕްލޭންތަކަކީ އަޅުގަނޑު އަމިއްލަޔަށް އިނދެގެން ވެސް ތައްޔާރު ކުރެވޭނޭ އެއްޗެތި ކަމުން، އެ އެއްޗެތި ވަރަށް އަވަހަށް ތައްޔާރު ކުރީމެވެ. ނަމަވެސް އޮނިގަނޑު ފާސް ކުރުމާއި، އޮނިގަނޑަށް މުއައްޒަފުން ހޯދުމާއި، އޮފީހުގެ އިދާރީ ނިޒާމު އެކުލަވައިލުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހަމަޖައްސާން ޖެހޭ ކަންކަން ހަމަޖެއްސުމާއި، ބަޖެޓު ހޯދުމާ ހިސާބުން، ފުރޮޅާން ޖެހުނީ ހަން ކަނޑައިގެން ދާއިރު ވެސް ގުޑައިނުލާ ވަރުގެ ގާބުރިބުރިއެވެ.
ތަފްސީލުތައް ބާއްވަމާ ހިންގަވާށެވެ. ކުޑަކުޑަ މިސާލެއް ދަންނަވައިލާނަމެވެ. އަޅުގަނޑު އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް، ޝަރުއީ ދާއިރާގެ ތަމްރީނަށް 2017 ވަނަ އަހަރު ބަޖެޓެއް ނުލިބުނެވެ. ބައެއް ބެއިފުޅުން އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. "ބަޖެޓް ދިނުމަކީ ދައުލަތުގެ ކަމެކެވެ. ބަޖެޓް ނުދިނީމާ، ދެން މަސައްކަތް ނުކުރެވޭނީއެވެ. ޒިންމާ ނަގާން ޖެހޭނީ ދައުލަތުންނެވެ. ޕްރޮގްރާމެއް ނުހިންގައި ތިބޭނީއެވެ. ނުހިންގީ ކީއްވެގެންހެއްޔޭ އެއްވެސް މީހަކު ސުވާލު ކޮށްފި ނަމަ، ބަޖެޓް ނުދެއްވާތީއޭ ބުނީމާ އެ ނިމުނީއެވެ." އަޅުގަނޑު އެފަދަ ބެއިބެއިފުޅުންނަށް ދެންނެވީމެވެ. "ނޫނެކެވެ. ތިޔަހެނެއް ކަމަކު ނުދާނެއެވެ." މިހެން ދަންނަވައިފައި، އަޅުގަނޑު އަމިއްލަޔަށް ޕްރޮގްރާމް ޕްރޮޕޯސަލްތައް ތައްޔާރު ކޮށްގެން ޔުނިސެފާއި ޔޫއެންޑީޕީއާ ބައްދަލު ކޮށް، އެ އިދާރާތަކާ މަޝްވަރާ ކުރީމެވެ. އެތައް ބައްދަލުވުންތަކަކަށް ފަހު، އެ ދެ އިދާރާއިން 2017 ވަނަ އަހަރު ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ތަމްރީނުތަކަށް 2.1 މިލިޔަން ރުފިޔާ ހޯދީމެވެ. ޝަރުއީ ދާއިރާގެ ތާރީޚު ބައްލަވާށެވެ. އެއް އަހަރެއްގެ ތެރޭގައި، އެހައިތަނަށް ޔޫއެން އިދާރާތަކުން ޝަރުއީ ދާއިރާގެ ތަމްރީނަށް އެންމެ ބޮޑު އެހީއެއް ލިބުނު އަހަރަކީ އެއީއެވެ.
ދެހާސް އަށާރަ ވަނަ އަހަރު، ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުޅުވައިލެއްވުމުން، އަޅުގަނޑު ވެސް މަގާމަށް ކުރިމަތި ލީމެވެ. މާތްރަސްކަލާނގެ ރަހުމަތްޕުޅުން، ހޮވުނީ އަޅުގަނޑެވެ. މަގާމަށް ޓަކައި އެއްވެސް މީހަކަށް ހުށައެޅި ހުށައެޅުމެއް، އެދުނު އެދުމެއް، ބައްދަލު ކުރި ބައްދަލުކުރުމެއް ފަދަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަޅުގަނޑު އައްޔަން ކުރެވުނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް އޭގެ ފަހުން އަހަރެއްހައި ދުވަސް ފަހުން، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އަމަލު ކުރާން ފެށުނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއަކުން އަޅުގަނޑު މަގާމުން ވަކި ކުރާން ނިންމަވައި، އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަވައިގެން، އަނގަބަހުން ވަޒީފާއިން ވަކި ކުރެވިއްޖެ ކަމަށާއި، ލިޔުން "މާދަމާ އިރާދަ ކުރެއްވިއްޔާ ހަވާލު ކުރާނަން" ކަމުގައި ވިދާޅުވި ވިދާޅުވުމެއްގެ މައްޗަށް، މި ހުންނަނީ ގޭގައެވެ. އަދިވެސް އަޅުގަނޑަކަށް އަޅުގަނޑު ވަޒީފާއިން ވަކި ކުރެވުނު ގޮތުގެ ތަފްސީލުތަކެއް ރަސްމީ އެއްވެސް ލިޔުމަކުން ނާންގަވައެވެ. ދައުލަތުން އަޅުގަނޑާ އެކު ކޮށްފައި އޮތް ވަޒީފާގެ އެއްބަސްވުން، އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި އުވައިލުމުން، ދެން ވާނީ ކޮން ގޮތެއްކަން ވެސް އަދިއެއް ނޭނގެއެވެ.
އެކްޓިންގ ޗާންސެލަރއެއްގެ ގޮތުގައްޔާއި ޗާންސެލަރގެ ގޮތުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ޚިދުމަތް ކުރި ގޮތުގެ ވާހަކަ ވެސް ކުރު ގޮތަކަށް ދަންނަވައިލާނަމެވެ. ވަރަށް ކުރުކޮށެވެ. ވަރަށް ޚުލާސާކޮށެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރީކޮޅާ ހަމަޔަށް އަޅުގަނޑު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގައި މަސައްކަތް ކުރި އިރު، އާއްމު ގޮތެއްގައި، ދުވާލަކު އޮފީހުގެ މަސައްކަތުގައި އޮފީހުގައި ދިހަ ވަރަކަށް ގަޑި ހޭދަ ކުރަމެވެ. ބާރަ ފަނަރަ ވަރަކަށް ގަޑި އިރު އޮފީހުގެ މަސައްކަތުގައި އުޅެފައި ހުރި ދުވަސްތައް މަދެއް ނުވާނެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައި އިތުރު އެތައް ވަގުތެއް އޮފީހުގެ ފަންނީ މަސައްކަތްތަކަށް ހޭދަ ކުރަމެވެ. ޕްރޮގްރާޕް ޕްލޭންތަކާއި، ޕްރޮޕޯސަލްތައް ފަދަ އެއްޗެތި ތައްޔާރު ކުރުމުގައެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި، އަޅުގަނޑު ސަލާން ބުނެފައި ހުރި ދުވަސްތައް ހަމަ ޔަގީނުން ފަނަރަޔަކަށް ނާރާނެއެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި ނެގި ހަމައެކަނި ޗުއްޓީއަކީ 2018 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ނެގި ވިއްސަކަށް ދުވަހުގެ އަހަރީ ޗުއްޓީއެވެ. އާއިލީ ޒިންމާގެ ޗުއްޓީގެ ފަސް ވަރަކަށް ދުވަސް ނެގިފައި އޮވެދާނެއެވެ. މީގެ އިތުރުން، އަހަރީ ޗުއްޓީތައް ވެސް އޮފީހަށް ޓަކައި ގުރުބާން ކޮށްލަނީއެވެ. މި ދެންނެވި މުއްދަތުގެ ތެރޭގައި އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު އުފަން ވިއެވެ. ހުކުރު ދުވަހެއްގައެވެ. އަންހެނުން ހޮސްޕިޓަލުގައި ބޭއްވީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ސަލާމް ބުނީއެވެ. ހުކުރު ދުވަހު ދަރިފުޅު އުފަން ވުމަށް ފަހު، ޖެހިގެން އައި ފުރަތަމަ ރަސްމީ ދުވަސް ކަމަށް ވާ އާދީއްތަ ދުވަހު ހުރީ ސަލާމުގައެވެ. ހޯމަ ދުވަހުން ފެށިގެން އޮފީހަށް ނުކުތީއެވެ. ދަރިފުޅަށް ހަތް ދުވަސް ވީ ދުވަހު، ދަރިފުޅަށް ނަން ކިޔައިގެން ބަހާން ގެނައި ބޮނޑިބަތް ޕާރުސަލްތަކުގެ އެއްބައި ވެސް އުކައިލާން ބަހައްޓައިފައި، އޮފީސް ދަތުރެއްގައި ދާން މަޖުބޫރު ވެގެން ފުރައިގެން ދިޔައީއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އަލްފާޟިލް ޙަސަން ސަޢީދު ހުންނެވި ދުވަސްވަރު އެތަނުން، އަދި ފަހުން މިނިސްޓްރީ އޮފް ފިނޭންސުން، މެދުވެރި ވަމުން ދިޔަ ހުރަސްތަކުގެ ސަބަބުން އެކަޑަމީގައި އެއްވެސް އިރަކު އެކަށޭނަ އަދަދަކަށް ފަންނީ މުއައްޒަފުންނެއް ނުތިބެއެވެ. އަޅުގަނޑު އެތަނުގައި ހުރި ތިން އަހަރުގެ ތެރެއިން ގިނަ ދުވަސްތައް ފާއިތު ވެފައި ހުންނާނީ ހަމަ އެންމެ ލީގަލް މުވައްޒަފަކު ވެސް ނެތިއެވެ. އެހެންކަމުން، ތަނުގެ އިލްމީ އަދި ފަންނީ ހުރިހައި މަސައްކަތްތަކެއް ކޮށްފައި ހުންނާނީ އަޅުގަނޑެވެ.
މި ދެންނެވި ތިން އަހަރުގެ މުއްދަތުގައި، ޝަރުއީ ދާއިރާގެ މުއައްޒަފުންނަށް ތަމްރީނު ދިނުމަށް ޓަކައި، އެއިގެ ކުރީން ވެއަތުވި ދިހަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި ހިންގިފައި ނުވާ އަދަދަށް ޕްރޮގްރާމްތައް ހިންގައިފައި ވާނެއެވެ. އެއީ ޖުމުލަ ގާތްގަނޑަކަށް ސާޅީހާއި ފަންސާހާ ދެމެދުގެ އަދަދެއްގެ ޕްރޮގްރާމެވެ. ވަރަށް ބޮޑެތި މަސައްކަތްތައް ކުރެވިފައި ހުންނާނެއެވެ. މިސާލަކަށް، އިނގިރޭސި ވިލާތުގެ ފަނޑިޔާރަކު ލައްވައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ގާނޫނުތަކާއި އުސޫލުތަކުގެ މައްޗަށް ބިނާކޮށް "ބެންޗް ފޮތެއް" ތައްޔާރު ކުރެވިފައި ވާނެއެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އާއި، ތުރުކީގެ ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާ އާ އެކު، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ތަމްރީނާއި ދިރާސާތަކުގެ މަސައްކަތް ކުރުމާއި، އެކަޑަމިކް ތަރައްގީގައި ހިއްސާ ވެގެން މަސައްކަތް ކުރުމާއި، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުއައްޒަފުންނަށް ދުނިޔޭގެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިލްމީ އަދި ދިރާސީ ގާބިލިއްޔަތު އިތުރު ކުރުމުގައި އެހީތެރިކަން ފޯދު ކޮށްދިނުމުގެ އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައި ވާނެއެވެ. ހަމަ އެފަދަ އެއްބަސްވުންތަކެއްގައި ތުރުކީ ވިލާތުގެ ޖުޑީޝަލް އެކަޑަމީ އާއި، ޕާކިސްތާނުގެ ޖުޑީޝަލް އެކަޑަމީ އާއި، ސިންގަޕޯރުގެ ޖުޑީޝަލް ކޮލެޖާއި، މެލޭޝިޔާގެ ޖުޑީޝަލް ޓްރެއިނިންގ އިދާރާއާ އެކު ސޮއި ކުރުމުގެ މަސައްކަތް ފަށައި، ބައެއް ތަންތަނާ އެކު ސޮއި ކުރެވޭ ވަރަށް މަސައްކަތް ފުރިހަމަ ކޮށްފައި ވާނެއެވެ. ކެނެޑާގެ ތަޖުރިބާކާރެއްގެ އެހީގައި، ދިވެހިރާއްޖޭގައި ކުޑަކުދީންގެ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި އެހެނިހެން ޕްރޮފެޝަނަލް ބެއިފުޅުންނަށް ދޭނޭ ތަމްރީނުތަކުގެ ފުރިހަމަ މޮޑިޔުލްތަކެއް ތައްޔާރު ކޮށްފައި ހުންނާނެއެވެ. ކައުންޓަރިންގ ޓެރަރިޒަމްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުން ގެނެސްގެން އެ ބެއިފުޅުންގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު، ޖުޑީޝަލް ކޮންފަރެންސެއް ބާއްވައި، ނެޝަނަލް ޕްލޭނެއް ތައްޔާރު ކޮށް ނެޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރ އާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާ ކޮށްފައި ވާނެއެވެ. ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު އިސްލާހު ކުރުމާ ބެހޭގޮތުން، މީގެ ކުރީން ދުވަހަކުވެސް ތައްޔާރު ކުރެވިފައި ނުވާ ފަދަ ޝާމިލު ޕްލޭނެއް، ގިނަ ދިރާސާތަކަކަށް ފަހު، ތައްޔާރު ކޮށްފައި ވާނެއެވެ. ހަމަ އެފަދަ ޕްލޭނެއް ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރި ކުރުމާއި ޖުވެނައިލް ޖަސްޓިސް އާ ގުޅޭގޮތުން ތައްޔާރު ކޮށްފައި ވާނެއެވެ.
މި ދެންނެވި ގޮތުގެ މަތީން ޖުޑީޝަލް އެކަޑަމީގައި އަޅުގަނޑު މަސައްކަތް ކުރި އިރު، ދުވަހަކު ވެސް އެ ކިޔާ ނަޒާހަތްތެރިކަމުން ބޭރު ވާނޭ އަމަލެއް ކޮށްފައި ނޯންނާނޭކަމުގައި ދަންނަވަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ހަމްދު ކުރުމާ އެކުގައެވެ. ކޯޓެއްގައި ހިނގަމުންދާ މައްސަލަޔަކާ ބެހޭގޮތުން، ނުވަތަ އެފަދަ އެއްވެސް ކަމަކާ ގުޅިގެން ދުވަހަކު ވެސް އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި، ބައްދަލު ކޮށް، ވާހަކަ ދައްކައި، ނާޖާއިޒު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެއެވެ. ސިޔާސީ ކަމެއްގައި ބައިވެރި ވުން ފަދަ އެއްވެސް ކަމެއް ވެސް ކޮށްފައެއް ނޯންނާނެއެވެ. ހުރި މަގާމުގެ ހައިސިއްޔަތުން އެއްވެސް ނާޖާއިޒު ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިފައި ނޯންނާނެއެވެ. އެފަދަ ފައިދާއެއް އެއްވެސް މީހަކަށް ހޯދައިދީފައެއް ވެސް ނޯންނާނެއެވެ.
ނަމަވެސް ފަނޑިޔާރުގެ "އިސްލާހު" ކުރުމުގެ ނަމުގައި ހިންގުނު ޣައިރުގާނޫނީ، ޣައިރުދުސްތޫރީ، އަދި ޣައިރުއަޚްލާގީ ޖަރީމާތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަންބަޅިއެއް ހެން ގުރުބާން ކުރެވުނު އެކަކީ އަޅުގަނޑެވެ. ދައުލަތުން އަޅުގަނޑާ އެކު ވެފައި އޮތް ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް އަޅުގަނޑު ވަޒީފާއިން ވަކި ކުރެއްވީ ކީއްވެގެން ކަމެއް، ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ. އެކި ދިމަދިމާއިން އަންނަނީ އެކި ވާހަކައެވެ. ބައެއް ދިމަދިމާއިން ފެންނަ ޓުވީޓުތަކުން އެނގޭ ގޮތުގައި، އަޅުގަނޑުގެ ކުށަކީ ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދަށް ފާޑު ކިޔުމުގެ ބަސްތަކެއް ތަންކޮޅެއް ކުރީން ބުނެފައި އޮތުމެވެ. އެހެން ބައެއް ދިމަދިމާއިން އަންނަ ޚަބަރުތަކުން އެނގޭ ގޮތުގައި، އަޅުގަނޑުގެ ކުށަކީ ރައްޔިތުންގެ މަޖިލިހާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބާރު ބޭނުން ކޮށްގެން، ބަޔަކު ޝަރުއީ ދާއިރާއާ ދިމާ ކުރި ވަގުތު "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދިފާއުގައި" ވާހަކަ ދައްކާން ނޫސްވެރީންގެ ބައްދަލުވުންތަކަށް އެރުމެވެ. މިކަމާ ގުޅިގެން ވާހަކައެއް ދަންނަވައިލާނަމެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ބައެއް ފަނޑިޔާރުންނާއި، އާއްމުކޮށް ޝަރުއީ ދާއިރާއާ ދިމާ ކުރުމަށް ބަޔަކު ހިންގަމުން ގެންދިޔަ ޣައިރުގާނޫނީ ޖަރީމާތަކާ ދެކޮޅަށް، ގާނޫނީ ގޮތުން ދެކެވޭން ހުރި ސައްހަ، ހަގީގީ، އަދި ހައްގު ވާހަކަތައް އަޅުގަނޑު ދެއްކީމެވެ. އެ ވާހަކަތައް ދައްކަމުން ދިޔަ އިރު، ދައުލަތުގެ ވަރަށް މަތީ ބެއިފުޅަކާ ގުޅުން އޮތް އަޅުގަނޑުގެ ގާތް ރައްޓެއްސަކު ވެސް އަޅުގަނޑުގެ ގާތުގައި އެ ޕްރޮގްރާމްތަކަށް ނާރާށޭ، އެ ޕްރޮގްރާމްތަކަށް އަރާތީ އަޅުގަނޑު ވަރަށް ބޮޑަށް "ބްލެކް ލިސްޓް" ވަމުން އެބަދެޔޭ ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. "އެ ޕްރޮގްރާމްތަކަށް އަޅުގަނޑު އަރަނީ ވަކި ފަނޑިޔާރެއްގެ ޒާތު ނުވަތަ ޝަޚްޞިއްޔަތު ދިފާއު ކޮށްދޭކަށެއް ނޫނެވެ. އަޅުގަނޑު އަރަނީ ފަނޑިޔާރުގެއާއި ފަނޑިޔާރުން ރައްކައުތެރި ކުރުމާ ބެހޭ ދުސްތޫރީ، އާލަމީ އުސޫލުތަކެއްގެ ދިފާއުގައެވެ. އަޅުގަނޑު އެ ޕްރޮގްރާމްތަކުގައި ދެއްކި ވާހަކަތައް އެހެރީއެވެ. މި ދެންނެވި ފަދަ ހައްގު ބަސްތަކެއް މެނުވީ އެއިން ދައްކަވާށެވެ. އެއިރުން ބްލެކް ލިސްޓަކަށް ނުލެއްވިޔަސް އަޅުގަނޑު މަގާމުން އިސްތިއުފާ ދީފައި ގެޔަށް ހިނގައިދާނަމެވެ. އެހެން ނޫންނަމަހީ، ކިތަންމެ ބޮޑު ބްލެކް ލިސްޓަކަށް ލައިގެން، ކިތަންމެ ބޮޑު ބިރުތަކެއް ދައްކައިގެން ވިޔަސް، ހައްގު ވާހަކަތަކެއް ދެއްކުމަކުން އަޅުގަނޑު ދުރުހެލިއެއް ނުކުރެވޭނެއެވެ."
އަޅުގަނޑު ޝަރުއީ ދާއިރާގައި ޚިދުމަތް ކުރަމުން ދިޔަ އިރު، ބައެއް ރައްޓެހީން ދޭތެރެދޭތެރެއިން ބުނެލައެވެ. "ތިޔައީ ދެން ކޮން ބޭކާރު ކަމެއް ހެއްޔެވެ؟ ތިޔަހެން މަހަކު ލިބޭ މުސާރަކޮޅަކަށް ދައުލަތުގެ ވަޒީފާގައި ހުރުމަށް ވުރެ، ލޯވ ފާރމެއް ހަދައިގެން އަމިއްލަޔަށް މަސައްކަތް ކުރާން ފެށީމާ ލިބޭ އާމުދަނީ މާ ރަނގަޅު ވާނެއެވެ." އެއީ ތެދެއް ކަމަށް އަޅުގަނޑަށް ވެސް ގަބޫލު ކުރެވެއެވެ. އަޅުގަނޑު ކިޔަވައިދިން އަޅުގަނޑުގެ ދަރިވަރުން، މަހެއްގެ މައްޗަށް އަޅުގަނޑަށް ލިބޭ މުސާރަޔަށް ވުރެ ދެގުނަ އިތުރު އާމުދަނީ، ކޯޓުތަކުގައި ވަކާލާތު ކޮށްގެން ހޯދަމުން ގެންދިޔަކަން އަޅުގަނޑު ވެސް ދެނެހުރީމެވެ. ނަމަވެސް އަޅުގަނޑު އެމީހުންގެ ގާތުގައި ބުނަމެވެ. "ގައުމަށް ޚިދުމަތް ކުރުމަކީ އަހަރެމެން ކޮންމެ މީހެއްގެ ވެސް އެންމެ އިސް ވާޖިބަކަށް ހަދާކަށް ނުޖެހޭ ހެއްޔެވެ؟ ހުރިހާ ފަހަރަކު އަމިއްލަ މަސްލަހަތަށް ނޫނީ ވިސްނައިގެން ނުވޭ ހެއްޔެވެ؟"
މި ކަހަލަ "އައިޑިއެލިސްޓް" އަދި "ރޮމޭންޓިކް" ހުވަފެނެއްގައި ހުއްޓައި، ގައުމަށް ކުރި ޚިދުމަތާއި، ނަޒާހަތްތެރިކަމާއި އިޚްލާސްތެރިކަމާ އެކު، ކަމަށް ކަމޭ ހިތައިގެން، ނަތީޖާ ނެރެގެން، ކުރި ޚިދުމަތުގެ ބަދަލުގައި އަޅުގަނޑަށް ދިވެހި ދައުލަތުން ކުރީ ބޮޑު އަނިޔާއެކެވެ. ކަންކަށިމަތީގައި ޖެހި ވަރުގަދަ ތަފާލަކުންނެވެ. އަސާސީ ހައްގެއް ކަމަށް ވާ ވަޒީފާ ނިގުޅައިގެންފައި، މަގުމަތި ކޮށްލީއެވެ. އެއްކަލަ "ނަޒާހަތްތެރިކަން" އިސް ކުރާން ހަދައިގެން، އަޅުގަނޑަށް ލިބުނު ފުލެޓެއް، ލޯނެއް، ކާރެއް، އެހެން އެއްޗެއް ވެސް ނެތެވެ. އެކައުންޓަށް ވަން ގޮތް ނޭނގޭ ފައިސާތަކެއް ވެސް ނެތެވެ. މާތްކަލާނގެ އިމަށް މިންވަރު ކުރެއްވި ގޮތުގެ މަތީން، ބޯހިޔާ ކޮށްލާނޭ ފުރާޅުގަނޑެއް ވެސް މި ގައުމުގެ ބިންމައްޗަކު އަޅުގަނޑަކަށް ނެތެވެ. ވަރަށް ގާތް ބެއިފުޅަކު އަޅުގަނޑުގެ ގާތުގައި އެއްދުވަހަކު ވިދާޅުވިއެވެ. "މާޖިދެވެ. އަހަރެމެން ކުޑައިރު އަހަރެމެން އަހަނީ ވައްކަން ނުކުޅަޔަސް ޒިލޭބި ކެވިދާނެޔޭ ބުނެ ކިޔާ ރީތި ވާހަކައެކެވެ. އެ ވާހަކަ ވަރަށް ރީއްޗެވެ. ވާހަކަ އަހައިލުމުން ހިތަށާއި ޒަމީރަށް ފިސާރި އަސަރު ކުރެއެވެ. އެއީ ހައުދަހައި ބޮޑު ތެދެކޭ ހީ ވެއެވެ. ނަމަވެސް ޒަމާންތަކެއް ފަހުން، މިއަދު ކަންކަން ހިނގަމުންދާ ގޮތާއި، އަހަރެމެންނަށް ކުރެވުނު ތަޖުރިބާޔާ މެދުގައި ވިސްނައިލުމުން، އެނގުނު ކަމަކީ ކުޑައިރު އިވުނު އެ ވާހަކަޔަކީ ހަމަ ހުސް ދޮގުކަމެވެ. ވައްކަން ނުކޮށް ހަމަ ޒިލޭބީ ނުކެވެނީއެވެ. ޒިލޭބީ ލިބެނީ ވެސް، ޒިލޭބީ ކެވެނީ ވެސް ހަމަ ވައްކަން ކުރާ މީހުންނަށެވެ. ވައްކަން ނުކުރާ މީހުންނަށް ޒިލޭބީ ނުލިބޭ ތާނގައި، ވަގުންގެ ސިއްކަ ވެސް އާޚިރުގައި ޖެހެނީ އެމީހުންގެ ނިތްކުރީގައެވެ."
ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތުން، ދިވެހި މުޖުތަމައުގެ ސިޔާގުގައި، ރަހުމަތްތެރިޔާ އެ ވިދާޅުވީ ތެދަކަށް މެނުވީ ނުވެއެވެ. މި މުޖުތަމައުގައި ޒިލޭބި ލިބެނީ އެންމެ ގިނައިން ވައްކަން ކުރާ މީހުންނަށެވެ. އެންމެ ގިނައިން ދޮގު ހަދާ މީހުންނަށެވެ. އެންމެ ބޮޑެތި ޚާއިނުންނަށެވެ. ވެއަތު ވެދިޔަ ބާރަވަރަކަށް އަހަރުގެ ތަޖުރިބާއިން އަޅުގަނޑަށް އެނގުނު ކަމަކީ، މި ގައުމުގައި "ހައްގު" ނުވަތަ "ތެދު" އެއީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަމެވެ. އެންމެން "އިންސާފަށް" ގޮވާ އިރު، ހަގީގަތުގައި އިންސާފަށް ލޯބި ކުރާ ދާދި މަދު ބަޔަކު މެނުވީ މިތަނުގައި ނެތް ކަމެވެ. ދިވެހި ގިނަ ރައްޔިތުންނަށް މުހިއްމީ އެމީހުން ބައިއަތު ހިފައިގެން ތިބި "ސިޔާސީ ސާހިބުން"ގެ ބަސްކަމެވެ. ތިމާމެންގެ ސިޔާސީ ސާހިބުމީހާ މީހެއްގެ ކަރުގައި ޖައްލާދުގެ ކަނޑި ޖައްސައިފި ނަމަ، އެމީހެއްގެ ކުށެއް އޮތްތޯ ބެލުމެއް ނެތި، ރައްޔިތުން ގޮވަނީ "ކަތިލާ، ކަތިލާ، ކަތިލާ" މިހެން ކަމެވެ. ތަޖުރިބާއިން އަޅުގަނޑަށް އެނގި ކަށަވަރު ވީކަމަކީ ދިވެހި ގައުމަށް ކުރާ ޚިދުމަތެއްގެ ބަދަލުގައި ހެވެއް ލިބުން އެއްކިބައިގައި އޮއްވައި، އެއްވެސް ރަހުމެއް ހަމްދަރުދީއެއް ވެސް މިއަދު މި އޮތް ދިވެހި ގައުމު އެމީހަކަށް ނުކުރާނެކަމެވެ.