ރޭ ހައްޔަރުކުރި މީހާ ޑްރައިވަރު ގާސިމް މަރާލި ކަމަށް އިއުތިރާފް ވެއްޖެ

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ރޭ ހައްޔަރު ކުރި މީހާއަކީ ގާސިމްގެ ގާތިލް ކަމަށާއި އޭނާ ކުށަށް އިއުތިރާފްވެފައިވާކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހާމަކުރައްވައިފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި އެ ގަތުލުމުގެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތު އާންމު ކުރައްވަމުން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ހައްޔަރު ކުރި މީހާ ވަނީ ޑްރައިވަރު ގާސިމް ގަތުލުކޮށްލި ކަމަށް އަމިއްލައަށް އެއްބަސްވެ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައި ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖަހަން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިހާރު ޖަހައިދީފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާސިމް ގަތުލު ކޮށްލި ވަގުތު އޭނާ ލައިގެން ހުރި ފޭރާން ވެސް ގާސިމް މަރާލި ސަރަހައްދުގެ ކައިރި ހިއްސާބެއްގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ފުލުހުން ރޭ ހައްޔަރު ކުރީ ގާސިމްގެ ގާތިލް،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. "މި ކޭސް ސޯލްވު ކުރުމުގައި ފޮރެންސިކް ހެއްކިތައް މުހިންމު ދައުރެއް ކުޅުނު."

އެ މަރުގެ ތަހުގީގުގެ އިތުރު ތަފްސީލް ހާމަކުރުމަށް މި ފެށޭ ހަފްތާގެ ކުރީކޮޅު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

މީގެ ކުރިން ކޮމިޝަނަރު ހާމަކުރައްވާފައިވާ ގޮތުގައި، ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން، އޭނާ މަރާލަން ބޭނުންކުރި ހަތިޔާރާއި އޭނާގެ ގާތިލުންގެ ފިންގާޕްރިންޓް އަދި ޑީއެންއޭ ވަނީ ފުލުހުންގެ ތަހުގީގު ޓީމަށް ހޯދިފަ އެވެ.

ގސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ، ހުޅުމާލޭ މަގުމަތިންނެވެ. އަދި އޭނާ މަރުވެގެން ވެއްޓިފައި އޮތް ސަރަހައްދުގެ ޕޭމަންޓް މައްޗަށްވާ ގޮތަށް އޭނާގެ ކާރު، އިންޖީނު ވެސް ނިއްވާނުލާ އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. އަދި ބުނީ، ކާރުތެރޭގައިވެސް ލޭހުރި ކަމަށާއި އޭނާގެ ވޮލެޓާއި ފޯނުވެސް ކާރުތެރޭ އޮތް ކަމަށެވެ.

comment ކޮމެންޓް