މަޖިލީސް އިންތިޚާބުގައި ގޮނޑި ނުލިބޭ ޕާޓީއަށް ފައިސާ ދިނުމާ ދެކޮޅު

މަޖިލީހުގެ ކޮމެޓީއެއްގައި އިލެކްޝަންސްގެ މެންބަރުން -- ފޮޓޯ: އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ނުކުރެވޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދޭ ގޮތަށް އޮތުމަކީ އަޅުގަނޑު މެން ދެކޮޅު ހަދާ ކަމެކެވެ. ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކަށް ފައިސާގެ އެހީ ދޭ ކަމަށްވާ ނަމަ ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް ހަމަޖައްސަން އުޅުމަކީ ބަލައިގަނެވިދާނެ އުޞޫލެކެވެ. އެހެންނަމަވެސް މި ކަމުގައި އޮތް އެންމެ އިންޞާފްވެރި ގޮތެއް ކަމަށް އަޅުގަޑުމެންނަށް ފެންނަނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުން މުޅިން ހުއްޓާ ލުމެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދިނުމަށް ހުށައަޅާ ގޮތުގެ ތަފްޞީލު ހާމަ ނުވަނީސް، އެ ތަނުގެ ވިސްނުން ނުވަތަ އެ ތަނުން ހުށައަޅާ ގޮތާ މެދު ތަފްޞީލުކޮށް އެއްޗެއް ދަންނަވާކަށް ނޭނގޭނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރި ގޮތް ވަރަށް ރަނގަޅެވެ. ރައްޔިތުންގެ ޓެކްސްގެ ފައިސާ އިން ބައި އެޅޭ ފަރާތްތަކުން، އެ ތަންތަނަށް ފައިސާ ދޫކުރާނެ ގޮތާ މެދު އެ ތަން ތަނުގެ ޚިޔާލު ހޯދަނީ އެވެ. އެ ތަންތަނުން ދޭނެ ޚިޔާލު އަޅުގަނޑުމެން ނަށް ލަފާ ކުރެވެ އެވެ. އެ ތަންތަނަށް ދޫކުރެވެނީ ރައްޔިތުންގެ ފައިސާ އެވެ. ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ރައްޔިތުންގެ ފައިސާ ޚަރަދު ކުރާނެ ގޮތަކާ ބެހޭ ގޮތުން ޚިޔާލު ދޭން އަޅުގަނޑު މެން ބަަޔަކު ހޮވާފައި ތިބޭނެ އެވެެ. މި ކަމުގައި އެންމެ ރަނގަޅު ގޮތަކަށް ވީހީ ކޮންމެވެސް ކުލައެއްގެ ކަރުދާހެއްގައި ޕާޓީތަކަށް ފައިސާ ދޫކުރާނެ ގޮތުގެ ތަފްޞީލު ހާމަ ކޮށްގެން ރައްޔިތުންގެ ޚިޔާލު ހޯދަން އިލެކްޝަންސް ކޮމިޝަނުގެ ހުށައެޅުން ޢާއްމު ކުރެވުނު ނަމަ އެވެ.

ސަރުކާރުން ތަފާތު ނަން ނަމުގައި އާ ޓެކްސްތައް ތަޢާރަފް ކުރަމުން ގެންދަނީ އެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ އަށް ބޭނުން ވާނެ އެވެ. އަޅުގަނޑުމެން ކުޑަ ބައްޔެއް ވެގެން ވެސް ހިލޭ ބޭސްފަރުވާ ކުރެވޭ ގޮތަށް އާސަންދަ މެދުވެރި ވެގެން ހަމަޖެހެ އެވެ. ބޮޑެތި ބަލިތަކަށް ވެސް އަދަދެއް ނެތި އާސަންދަ އިން ހިލޭ ބޭސްފަރުވާ ކުރެވެ އެވެ. މި ކަމުގައި އަޅުގަނޑުމެން އުޅެނީ މި ސަރަހައްދުގެ ޤައުމުތަކަށް ވުރެ މާ ކުރީގަ އެވެ. ތަރައްޤީ ވެފައިވާ ބައެއް މުއްސަދި ޤައުމުތަކަށް ވުރެ ވެސް ކުރީ ގައެވެ. މިއީ މުއްސަދި، ބާރު ގަދަ އެމެރިކާ އަށް ވުރެ ކުރީގައި އަޅުގަނޑުމެން އުޅޭ އެއް ކަމެކެވެ.

ލިބޭ އާމްދަނީ އިން ޓެކްސް ނަގަން ފެށުމުން ރާއްޖޭގެ ބައިތުލްމާލަށް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެން ދާނެ އެވެ. މި ގޮތަށް އިތުރުވާ ފައިސާ ޚަރަދު ކުރަން އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ކުރިއަރުވާ ކަށެއް ނޫނެވެ. އެ ޕާޓީތައް އުފެއްދި މީހުންގެ ވިސްނުން ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށް ނުވަތަ ވިއްކަން ޚަރަދު ކުރާކަށެއް ނޫނެވެ. ޓެކްސްގެ ފައިސާ އިން ޚަރަދު ކުރުމަށް އަޅުގަނޑުމެން ބޭނުން ވަނީ ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރު މަތި ކުރުމަށެވެ. އެ ތަންތަނުން ދެވޭ ޚިދުމަތްތައް ފުޅާ ކުރުމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަރަންޓު ލިބުމުގެ ޚިދުމަތް އަގު ހެޔޮވެ، އިތުބާރު ކުރެވޭ ގޮތަކަށް އެ ޚިދުމަތް ދިނުމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައި އޮންނަ މިންގަނޑުގެ ބޯ ފެން، ކޮންމެ މޫސުމެއްގައި ވެސް ކޮންމެ ރަށަކުން ވެސް ލިބެން ހުރުމަށެވެ. ސިއްހަތަށް ގެއްލުން ނުވާނެ ގޮތަކަށް ކުނި ނައްތާލެވޭނެ ނިޒާމެއް، ކޮންމެ ރަށެއްގައި ވެސް ގައިމު ކުރެވުމަށެވެ. އެެންހިފަން މޫދަށް އެރި، ފީނާ މަސްވެރިން ރައްކާތެރި ކުރުމަށް ފީނުމުގައި ބަހައްޓަންވީ މިންގަނޑުތައް އަންގައި ދިނުމަށް މެދު ކެނޑުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މަސްވެރިންނަށް ފީނުމުގެ ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ނުވަތަ އޮޅުން ފިލުވައި ދިނުމުގެ ބައްދަލުވުންތައް ބޭއްވުމެވެ. ސަރަހައްދީ ހޮސްޕިޓަލު ހުންނަ ކޮންމެ ސަރަހައްދެއްގައި ވެސް ޑި ކޮމްޕެރެޝަން ޗެމްބަރެއް ބެހެއްޓުމެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ގެސްޓުހައުސްގެ ވިޔަފާރި މިހާރު ވަނީ ފުޅާ ވެފަ އެވެ. ޑި ކޮމްޕުރެޝަން ޗެމްބަރުގެ އެހީ އަށް ބޭނުން ވާ ފީނާ، ބައެއް މަސްވެރިންނާއި، ފަތުރުވެރިން ތިބޭކަން ހިނގާފައިވާ ބައެއް ހާދިސާތަކުން އަޅުގަނޑުމެންނަށް އެނގެ އެވެ. ތެދުފުޅެކެވެ. މި ދައްކަނީ ވަރަށް އަގު ބޮޑު ޚިދުމަތް ތަކެއްގެ ވާހަކަ އެވެ. ވަރަށް ބޮޑު ޚަރަދެއްގެ ވާހަކަ އެވެ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފައިސާ ޓެކްސްގެ ގޮތުގައި މިހާރު ވެސް ލިބެ އެވެ. އަދި މުސްތަޤްބަލުގައި މާ ގިނައިން ލިބޭނެ އެވެ. މިހާރު މިއޮތް ސަރުކާރުގެ ފެލައިލައިގެން ދިޔަ ނެރުމުގެ ސިޔާސަތުން ބައިތުލްމާލަށް ވަންނަ ފައިސާ މަދުވާނެ ކަމަކަށް ނުފެނެ އެވެ. ކުރިން ވެރިކަމުގައި އޮތް ސަރުކާރުން ގެންގުޅުނު ރައްޔިތުންގެ ފައިސާ ރައްޓެހިން ނާއި، ތާއީދު ކުރާ މީހުންނާއި، އެކުވެރިންނަށް ދީލަތިކަމާ އެކު ބަހާލުމުގެ ސިޔާސަތެއް ނުގެންގުޅޭ ތީވެ އަޅުގަނޑުމެން އުފާ ކުރަމެވެ. ކުރިން މި ދެންނެވުނު ހާ ގިނަ ގުނަ އަގު ބޮޑު ޚިދުމަތްތައް ސަރުކާރުން ރައްޔިތުން ނަށް ދޭން ވެފައި އޮންނަ އިރު ބޭކާރު ގޮތުގައި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން ވަކި ބަޔަކު ވެރިކަމަށް ގެނައުމަށް، އެ މީހުންނަށް ޤައުމީ ހައިސިއްޔަތެއް ހޯދައި ދިނުމަށް އަޅުގަނޑުމެން ޚަރަދު ކުރަންވީ ސަބަބެއް ނުވިސްނެ އެވެ. ހަމަ ގައިމު ވެސް ޓެކްސްގެ ގޮތުގައި އަޅުގަނޑު ދައްކާ އެންމެ ލާރިއެއް ވެސް އެ ގޮތުގައި ޚަރަދު ކުރާ ކަށް ބޭނުމެއް ނުވެ އެވެ.

ސިޔާސީ ޕާޓިތައް އަލަށް ރާއްޖޭގައި ތަޢާރަފް ކުރެވުނު އިރު އެ ނިޒާމް ކޮއްޅަށް ޖެހުމަށް ޓަކައި ސިޔާސީ ޕާޓީތަކަށް އެހީވެ ދިނުމަށް އެއިރު އޮތް ސަރުކާރުން ނިންމި އެވެ. އެ ދުވަސްވަރަށް އެއީ ރަނގަޅު ނިންމުމެއްކަން ނޭގެ އެވެ. ޔޫއެންޑީޕީ ފަދަ ޖަމާޢަތްތަކުން ވެސް ބައެއް ކަންކަން ދިރުވުމަށް ޓަކައި، މިގޮތަށް ދޭ އެހީ ހުރެ އެވެ. އެހެންނަމަވެސް އެތަން ތަނުން ބޭނުންވާ ފެންވަރަށް އެ ތަނެއްގެ މަސައްކަތެއް ކުރިއަށް ދިއުމުން އެފަދަ އެހީ ދިނުން ހުއްޓާލަ އެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސްގެ ފައިސާ އިން އެ ޕާޓީގެ ކުރިއެރުވުމަށްދޭ އެހީ ހުއްޓާލުމުގެ ވަގުތު އައިސް ޖެހިއްޖެ އެވެ.

ޕާޓީ ތަކުން ބޭނުންވާ ފައިސާ ހޯދާނީ ޕާޓީ އަށް ތާއީދު ކުރާ މީހުންގެ އަތުން ނެވެ. ހެޔޮއެދޭ މީހުންގެ އަތުންނެވެ. އެހެން ބައެއް ޤައުމުތަކުގައި ވެސް ހަދާ ގޮތަށެވެ. ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެ އެވެ. ޕާޓީ އަށް ޚަރަދު ކުރަން ކޮންމެވެސް ބަޔަކު ފަހަތުގައި ތިބެ އެވެ. ބޮޑެތި ސިޔާސީ ޕާޓީތަކުން ބޭނުން ވާ ޚިޔާލާއި މަޢުލޫމާތާއި ވިސްނުން ފެތުރުމަށް އަމިއްލަ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ، އާއި، އޮންލައިން ނޫހާއި ވެބްސައިޓްތަކުގެ ބޭނުން ކުރެއެވެ. ނޫން ނަމަ އެފަދަ ޕާޓީތަކުގެ ސިޔާސަތަށް އަބަދު ވެސް ވަފާތެރިކަމާ އެކު ތަރުޙީބު ދޭ މިފަދަ ތަން ތަން ހުރެ އެވެ. އެމެރިކާގައި ފޮކްސް ނިވްސް އިން ރިޕަބްލިކަން ޕާޓީގެ ސިޔާސަތަށް ތާއީދު ކުރާ ގޮތަށެވެ. މިހާ ފުދުންތެރި ބަޔަކަށް، އެ މީހުން ވެރިކަމަށް ގެނައުމަށް، އެ މީހުންގެ ޚިޔާލު ޤައުމުގައި ފެތުރުމަށް އަޅުގަނޑުމެން ޓެކްސް އަށް ދައްކާ ފައިސާ ޚަރަދު ކުރެވިގެން ނުވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެން އެދެނީ ޑުރާފްޓް ބިލް އިޞްލާޙް ކުރާށެވެ. ސިޔާސީ ޕާޓީތަކުގެ ސިޔާސީ ބޭނުންތަކަށް، އަމިއްލަ އަށް ފައިސާ ހޯދާ ގޮތަށެވެ. މިއީ މިދުވަސްވަރު ވިއްކޭނެ ޚިޔާލެއް ނޫންކަން ވެސް އެނގެ އެވެ. އެހެންނަމަވެސް މިކަމާ އިދިކޮޅު، އަޑު އުފުލަން ބޭނުން ވާ ބަޔަކު ތިބިކަން ވެސް އެގެން ޖެހެ އެވެ.

comment ކޮމެންޓް