ރައްޔިތުންގެ މަޖިލީސް ހިނގަންވާނީ މިހެން ބާ؟

މަޖިލިސް: ޖޭއެސްސީ އިން އާންމުގެ ތެރެއިން ހޮވާ މެމްބަރަކަށް އަލުން ހުޅުވާލަން މަޖިލީހުން ވަނީ ނިންމާފައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީސް މިހާރު ހިންގަމުން ގެންދަނީ އެ މަޖިލީސް ހިންގަންޖެހޭ ގޮތަށް ބާވަ އެވެ؟ މިހެން ދަންނަވާލަން ޖެހެނީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން ހުރިހާ ކަމަކާ ބެހެމުން ގެންދާތީވެ އެވެ. ޤާނޫނު އަސާސީ އިން ތިން ބާރު ވަކި ކުރެވިފައި އޮންނަ އިރު ސަރުކާރު ހިންގުމުގެ ބާރަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެކެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ތަނެވެ. އަދި މަޖިލީހުން ހަދާފައި ހުރި ޤާނޫނުތަކާ އެއްގޮތަށް، އެ ޤާނޫނުތައް ތަންފީޒު ކުރެވޭތޯ ބަލާ ތަނެވެ. ފާސް ކޮށްފައި ހުރި ޤާނޫނާ އެއްގޮތަށް ކަމާ ބެހޭ ފަރާތްތަކުން ޤާނޫނުތައް ތަންފީޒު ކުރޭތޯ ބަލާ ތަނެވެ. ތަންފީޒު ނުކުރެވޭ ނަމަ އެ ފަރާތްތައް ޖަވާބުދާރީ ކުރުވާތަނެވެ.

ކުރިން އޮތް ރައްޔިތުންގެ މަޖިލީސް އަށް ބަލާލާ އިރު މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ހާސް ގުނަ ޙަރަކާތްތެރި މަޖިލީހެކެވެ. މައްސަލަތައް ހުށައެޅުމުގައްޔާއި، މުސްތަޤިއްލު މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައްޔާއި، ހުށައެޅޭ މައްސަލަތަކުގެ ބަޙުސުތަކުގައި އޮއްޓަރު ހުރި ވާހަކަ ދެއްކުމުގަ އެވެ. އަދި ބައެއް ފަހަރު އިންޞާފްގެ މަގުން ދަތުުރު ކުރެއްވުމުގެ މާތް މަޣްޞަދު ގައި ބައެއް މެމްބަަރުންގެ ޕާޓީގެ މެމްބަރުންނާ ވެސް މަޢުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ސުވާލުތައް ކުރައްވާ ތަން ފެނެ އެވެ. ޚާއްޞަ ކޮށް ކަރަޕްޝަނާ ގުޅުން ހުންނަ މައްސަލަ ތަކުގަ އެވެ.

މިހާރު މި އޮތް ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ތާރީޚުގައި ވެސް ޤާނޫނީ ގޮތުން އެންމެ ބޮޑަށް ބާރު ލިބިފައި އޮތް އެންމެ ބާރު ގަދަ މަޖިލީހެވެ. މުސްތަޤްބަލުގައި މިހާ ބާރު ގަދަ މަޖިލީހެއް ނުއަންނާނެ އެވެ. އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް އޮންނަ ވާހަކަ އެކަންޏެއް ނޫނެވެ. މަޖިލީހުން ބޭނުން ގޮތަކަށް ޤާނޫނު އަސާސީ އިސްލާޙްކޮށް، ބޭނުން ގޮތަކަށް ޤާނޫނުތައް އިޞްލާޙްކޮށް، ބޭނުން ގޮތަކަށް ޤާނޫނުތައް އުފަންކޮށް، ބޭނުން ބަޔަކަށް ވަޒީފާދީ، ބޭނުން ބަޔަކު ވަޒީފާ އިން ވަކި ކުރުމުގެ ބާރު ބޭނުން ކުރެވޭ ފަދަ އަޣްލަބިއްޔަތެއް އޮންނަ ވާހަކަ އެވެ. އެހެން އެއްވެސް ޕާޓީ އެއްގެ ކުޑަ ވެސް އެހީ އެއް ނެތި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ރައީސަކީ ތިރީސް އަހަރު ދުވަހުގެ ދިގު ވެރިކަން ބަދަލު ކުރުމަށް ފަހު ވެރިކަމަށް އައުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެ މަސައްކަތް ކުރުމަށް އުފެއްދި ޕާޓީގެ އެއް ބާނީ އެވެ. އަދި އެ މަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް އެ މަނިކުފާނު ގެ ޕާޓީ، ވެރިކަން ކުރާ ޕާޓީގެ ރައީސް އެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތީ އެ މަނިކުފާނުގެ ޕާޓީގެ އަޣްލަބިއްޔަތެވެ. މިހެންވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ މަނިކުފާނު ކޮންމެ ކަމެއް ކުރެއްވިޔަސް، ވަރަށް މަދު ފަހަރަކު އިދިކޮޅު ޕާޓީ އަކުން އެކަމެއް ފާހަގަ ކުރުން ފިޔަވައި މާބޮޑު ކަމެއް ނުވެ އެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީސްގެ ރައީސް އަށް ލިބިވަޑައި ގަންނަވާ ފައި އޮތް ބާރަކީ އެ މަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ނާއި ރަސްމީ ހައިސިއްޔަތުން ލިބިވަޑައި ގަންނަވާފައި އޮތް ބާރެކެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ފައި ވާ އެއްވެސް ބޭފުޅަކަށް ލިބިވަޑައިގަންނަވާ ފައި އޮތް ބާރެއް ނޫނެވެ. އަދި މުސްތަޤްބަލުގައި ވެސް މި ރައީސް ފިޔަވައި އެހެން ބޭފުޅަކަށް އެ ހައިސިއްޔަތު ތަކުން އެ ބާރެއް ލިބިވަޑައި ނުގަންނަވާނެ އެވެ.

މަޖިލީހުގެ ރައީސް މަޖިލީހުގައި ހިގާ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ޢާއްމު ކަމެކެވެ. އެއީ މަޖިލީހުގެ ޤަވައިދު ހުއްދަ ކުރާ ކަމެއް ނޫނެވެ. އޭގެ އިތުރަށް ސަރުކާރުގައި ހިނގާ ކަންކަމާ ބެހޭ ގޮތުން ޚިޔާލު ފާޅު ކުރެއްވުމަކީ ވެސް ޢާއްމު ކަމެކެވެ. އެކަމެއް އެޖެންޑާ ކުރެވިފައި ނުއޮންނަ އިރުގައި ވެސްމެ އެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕގެ ހޮވުމެކެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނީ ގުޅިފައި އޮތް ޕާޓީތަކުގެ މަސައްކަތުން ނެވެ. ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތަށް އެ ފަރާތްތަކަށް ވަޢުދު ކުރެވުނު ގޮތަށް ބައެއް އިސް މަޤާމުތައް ދެއްވި އެވެ. އެ ބޭފުޅުން ނަށް ވަކި ޕާޓީ އެއްގެ ނަމުގައި މަޤާމް ލިބިވަޑައިގަތަސް، އެ ބޭފުޅުން ވެސް ތަންފީޒު ކުރައްވަނީ އެ ބުނާ "އެޖެންޑާ 19" އެވެ. އެބޭފުޅުންގެ ޕާޓީގެ އެޖެންޑާގައި އޮތީ ހަމައެކަނި ވެރިކަން ބަދަލު ކުރުމެވެ. އެކަން އެ އޮތީ ނިމިފަ އެވެ.

ސަރުކާރުން މަޖިލީހަށް ބިލްތައް ފޮނުވޭނީ ސަރުކާރުގެ މައި ޕާޓީގެ "ވަޢުދުނާމާ" ފުރިހަމަ ކުރެވޭ ގޮތަށެވެ. މަޖިލީހުގައި ތިއްބަވާ ޕާޓީގެ މެމްބަރުން ނާއި މަޝްވަރާ ކުރެވި، ކޮށާ، މަށައި، ދޫ ދޭންވާ ތަންތަނަށް ދޫ ދިނުމަށް ފަހުގަ އެވެ. މަޖިލީހަށް ބިލް ހުށައެޅުމަށް ފަހު ވެރިކަން ކުރާ ޕާޓީގެ މައި ޒިއްމާ އަކަށް ވާނީ ބިލަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ސަރުކާރުން ބިލް ފޮނުވާ ފައި އޮތް ގޮތަށް ފާސްކުރެވޭތޯ ބެލުމެވެ. މިއީ ޢާއްމު ގޮތެެއްގައި ޑެމޮކްރަސީގެ އުޞޫލުން ހިނގާ މަޖިލީހުގައި އަމަލު ކުރާ ގޮތެވެ.

ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ އެންމެ މުހިއްމު ބިލް އަކީ ޤައުމުގެ އަހަރީ ބެޖެޓް އެވެ. އަރަނި، ދަރަނި އެގޭ ގޮތަށެވެ. މި އަހަރު މަޖިލީހަށް ބަޖެޓް ހުށައެޅުމުން މަޖިލީހުން ތިން ސަތޭކަ މިލިއަން ރުފިޔާގެ އިތުރު ކުރުމެއް ގެނަ އެވެ. އެ އިތުރުކުރުމަށް ފައިސާ ހޯދާނީ ޓީ ބިލް ވިއްކައިގެން ކަމުގައިވެ އެވެ. ޓީ ބިލަށް ވެސް ފައިސާ ދައްކަން ޖެހޭ އިރު އާމްދަނީ އިތުރު ނުވާ ނަމަ މައްސަލަ އަކަށް ވެދާނެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގައި މި ބަދަލުތައް ގެނައުމަށް ވާހަކަ ދެކެވުނު ކޮމިޓީގައި ފައިނޭންސް މިނިސްޓުރީގެ ބޭފުޅަކު ނުހިމަނަ އެވެ. އަނެއްކޮޅުން އާމްދަނީ ހޯދުމަށް ހުށައަޅާ ފައި އޮތް އިންކަމް ޓެކްސް ނެގުމުގެ ޤާނޫނުގައި ޓެކްސް ނެގޭނެ ބޭންޑްތަކަށް ބަދަލު ގެނައުމުން މިނިސްޓުރީން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތް މިންވަރަށް ވުރެ، ދުއިސައްތަ މިލިއަން ރުފިޔާ އުނިވެ އެވެ. ޓެކްސް ނެގޭ ބޭންޑް ތިރި ކޮށްލުމުން ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު ޓެކްސް ދައްކަވަން ޖެހޭ މިންވަރު ކުރިއަށް ވުރެ ކުޑަވެ އެވެ. ޤައުމުގެ ރައީސް އަކީ އެމްޑީޕީގެ ރައީސެކެވެ. މަޖިލީހަކީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީ ހެކެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިނގާ ގޮތަށް ބަލާލާ އިރު "ނިޒާމާ ބެހޭ ނުކުތާ"އެއް ނެންގެވުމަށް މެމްބަރަކު އެދިވަޑައިގަތުމަކީ، ނިޒާމެއް ނެތި ބޭނުން ވާހަކައެއް ދެއްކެވުމަށް އެދިވަޑައިގަތުމެވެ. އެ ފުރުޞަތު ހޯއްދަވައިގެން މަޖިލީހުގައި ނުހިމެނޭ މީހުންގެ އަބުރާ ބެހެމުން، ވަގަށް ގޮަވަމުން، ޝަރީޢަތުން ނިންމަންޖެހޭ ކަންތަކުގެ ވާހަކަ ދެއްކުމުން ނެރެވެނީ ކޮން ނަތީޖާ އެއްތޯ އެވެ؟ ހަސަދަ އެއް ފިލުވާލުމެވެ. އޭނާ ބޭނުން މީހާ ފަޟީޙަތް ކޮށްލުމެވެ. މުޅި ޤައުމު އޮންނަނީ ބަލަހައްޓައި ގެންނެވެ. އަޑު އަހާށެވެ. މަޖިލީހުގެ ރިޔާސަތުން ހަމަޖެހިލައިގެން އަޑު އައްސަވަން އިންނަވަ އެވެ. ޒާތީ އުދާސްތައް ބޭރުކުރުން ނުހުއްޓަވަ އެވެ. މައިކް ކަނޑައެއް ނުލައްވަ އެވެ. އިށީންނާކަށް ނުއަންގަވަ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅާ ބެހެމުން ދިޔައިރު ވެސް މިކަމުގައި ތަފާތެއް ނުފެނެ އެވެ. ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އަސް، ދިވެހިން އެ މަޤާމަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ އެވެ.

ޤައުމުގެ ރައީސަކީ އެމްޑީޕީގެ ބޭފުޅެކެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ އެމްޑީޕީގެ ބޭފުޅުން ނެވެ. މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އެވެ.

comment ކޮމެންޓް