ލޯކަލް ކައުންސިލުގެ މުއްދަތު ތިން އަހަރު ރަނގަޅު

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލުގެ ޤާނޫނަށް ގެނެވޭ ގިނަ ބޮޑެތި އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްގެ އުމުރު ތިން އަހަރުން ފަސް އަހަރުގެ މުއްދަތަށް ދިގު ކުރުން ވެސް ހިމެނެ އެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމެއް ކަމުގައި ވަނީ ކައުންސިލްތަކުން މަސައްކަތް ކުރުމަށް އޮންނަ މުއްދަތު ކުރު ކަމުން، ކައުންސިލްތަކަށް، ކަން ކަން ނިންމަން ދަތިވާތީވެ ކަމުގައިވެ އެވެ. މުއްދަތު ދިގު ކުރުމަކީ، ކައުންސިލްތަކުން ވެސް އެދޭ ކަމެއް ކަމުގައިވެ އެވެެ. އަޅުގަނޑުގެ ނަޒަރުގައި ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ދިގު ކުރުމަކީ ކައުންސިލް ތައް އުފެއްދުމުގެ މައި މަޤްސަދާއި ފުށު އަރާ ކަމެކެވެ. ސަރުކާރު ގެ ބޭނުމަކީ ކައުންސިލުތައް ބާރުވެރި ކުރުން ކަމުގައި ވިޔަސް އެކަމާއި މުއްދަތާއި ހުރި އެއްވެސް ގުޅުމެއް ނެތެވެ. ކައުންސިލުގެ އުމުރު ތިން އަހަރަށް އޮތް ކަމުގައި ވިޔަސް ކައުންސިލްތަކަށް ލިބިދޭ އާ ބާރުގެ ބޭނުން އެ މުއްދަތުގެ ތެރޭ ގައި ކުރެވޭނެ އެވެ. މުއްދަތު ހަމަވެގެން އާ އިންތިޚާބައަކާ ކުރިމަތި ލާއިރު ރަށުގެ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކައުންސިލް އަށް ކޮށްދެވިފައިވާ ނަމަ ދެވަނަ ދައުރަކަށް، އެ ރަށެއްގެ ރައްޔިތުން އެ ކައުންސިލް އިންތިޚާބު ކުރުމުގެ ފުރުޞަތު އޮންނާނެ އެވެ. މިހާރު ހަމަޖެހެމުން ދާ ގޮތުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް ލިބެ އެވެ. އޭގެ ތެރޭގައި މާލީ ބާރު ވެސް ހިމެނެ އެވެ. އަދި ކައުންސިލުގެ ޤާނޫނީ ބާރު އޮންނަ ސަރަހައްދުން ސަރުކާރަށް ނެގޭ ފީތަކާއި ކުލި ވެސް ކައުންސިލަށް ލިބޭނެ ގޮތަށް ބަދަލުވެގެން ދާނެ ކަމުގައިވެ އެވެ. ކައުންސިލަށް އިޤްތިޞާދީ ބާރެއް ދިނުމަށެވެ. ކައުންސިލުގެ ޤާނޫނީ ވެރިކަން ހިނގާ ދާއިރާ ތަރައްޤީ ކުރުމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުންނަށް އެންމެ ދަތިވާ، އަދި އެންމެ ބޭނުންތެރި ކަންކަން އަވަހަށް ކުރުމަށް ޚަރަދު ކުރުމަށް ފުރުޞަތު ދިނުމަށެވެ.

ލޯކަލް ކައުންސިލު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ޑެމޮކްރެޓިކް ވެއްޓެއްގައި ވެރިކަން ކުރުމަށް ރައްޔިތުން ތަައްޔާރު ކުރުމެވެ. ނުވަތަ މަޝްވަރާ އާއި ލަފާ ހޯދައިގެން ކަންތައް ކުރުމަށް ރައްޔިތުންނަށް ބަސްކިޔަން ތިބޭ މީހުން ތަމްރީނު ކުރުމެވެ. ލޯކަލް ކައުންސިލްތައް ހިންގުމުގެ ޤަވައިދަށް ޒަމާނީ ޑެމޮކްރެޓިކް ބަދަލުތަކެއް ގެންނަން ވެއްޖެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ވިދި ވިދިގެން ދެ ދައުރަށް ކައުންސިލަރަަކަށް ހުރުމަށް ފަހު އެއް ދައުރު މެދު ކެނޑުމަށް ފަހު އިތުރު ދައުރަކަށް ކުރިމަތި ލެވޭ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުން ރަށު ފެންވަރުގައި ރަނގަޅަށް މަސައްކަތް ކުރުމަށް ރާއްޖެ އަދި ވެސް އާދަ ނުވެ އެވެ. އެހެންނަމަވެސް ރަށު ފެންވަރުގައި ކޮމިޓީ އާއި ކައުންސިލުތައް އުފައްދައިގެން މަސައްކަތް ކުރުމަކީ ރާއްޖެ އަށް އާ ކަމެއް ނޫނެވެ. މަރުޙޫމު އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ވެސް ރަށް ކުރިއަރުވާ ކޮމިޓީ އާއި އަތޮޅު ކުރިއަރުވާ ކޮމިޓީތައް އުފައްދައިގެން މަސައްކަތްތަކެއް ކުރެވުނެވެ. ކޮމިޓީތަކުގެ އިންތިޚާބުތައް ބޭއްވުނީ ވެސް ވޯޓު ލައިގެން ނެވެ. ވަރަށް ވާދަވެރި ކޮންނެވެ. ވަރަށް ޑެމޮކްރެޓިކް ކޮންނެވެ. އިންތިޚާބުތަކުގައި އޮންނަ ހައިޖާނުގަނޑާ ވެސް އެކުގަ އެވެ. ކޮމިޓީތައް ހިންގުމުގައި ކޮންމެ ފަހަރަކު ވެސް މައްސަލަތައް ނުކުންނަނީ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުން ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ނެވެ. ކުރީގެ ޒަމާނަކީ ޑެމޮކްރެޓިކް ވެރިކަމެއް ކުރުމަށް ގިނަ ރައްޔިތުންގެ ހޭލުންތެރިކަން އެހާ ބޮޑު ޒަމާނަކަށް ނުވުމާ އެކު ސަރުކާރުން ބޭނުންވި ފެންވަރުގައި ކޮމިޓީތައް އޮމާންކަމާ އެކު ހިންގޭނެ ގޮތެއް ނުވި އެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ވެސް ރަށުގެ ތަރައްޤީ އަށް ކޮމިޓީތަކެއް އުފެއްދި އެވެ. އަންހެނުން ކުރިއަރުވާ ކޮމިޓީއެއް ވެސް އުފެއްދި އެވެ. އަންހެނުން ކުރިއަރުވާ ކޮމިޓީގެ އެންމެ ބޮޑު މަސައްކަަތަކަށް އެ އިރު ވެފައި އޮންނަނީ މާލެ އިން ރަށް ރަށަށް ޒިޔާރަތް ކުރާ ވަފްދުތަކުގެ ކެއިންބުއިމުގެ ކަންތައް ހަމަޖެއްސުމަށް ރަށު އޮފީހުން ނުވަތަ އަތޮޅު އޮފީހުން އެންގުމުން، އެ މަސައްކަތް ހިލޭ ކޮށްދިނުމެވެ. އަތޮޅު ގޭގައި ނުވަތަ ރަށު އޮފީހުން ދައްކާ ތަނެއްގަ އެވެ. އޭގެ އިތުރަށް، ރަށް ސާފު ކުރުމުގެ ޙަރަކާތްތަކުގައި ބައިވެރި ވުމެވެ. ހިލެ އެވެ. އަންހެނުންގެ ސީދާ ކުރިއެރުމާއި ތަރައްޤީ އަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަކަށް ނުފެނެ އެވެ. އެހެންނަމަ ވެސް ބައެއް ރަށް ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީން، މާލީ ތަނަވަސް ކަން ހޯދުމަށް ކޮމިޓީގެ އަމިއްލަ އިސްނެގުމަށް، ރަށުގައި ހޮޓާ ހިންގާ ރަނގަޅު އާމްދަނީއެއް ވެސް ހޯދި ކަމުގައިވެެ އެވެ. ކޮމިޓީތަކުން ބޭނުންވާ އަންހެނުންގެ ތަރައްޤީ އަށް ބޭނުންވާ ބައެއް ކަންކަމުގައި ބައިވެރިވުމަށް މާލީ ތަނަވަސް ކަން ހޯދުމަށެވެ. މިސާލަކަށް ދަންނަވާ ނަމަ ކުދި މަސައްކަތު ބައްދަލުވުމާއި ކުދި ކޯސް ތައް ބޭއްވުމެވެ. ފަހަން ދަސްކޮށްދިނުމުގެ ކޯސް ފަދަ ކޯސްތަކެވެ. އުތުރުގެ ބައެއް އަތޮޅުތަކުގެ ކުދި ރަށްތަކުން ވެސް ރައްޔިތުންގެ މަސައްކަތުން އާމްދަނީ ހޯދައިގެން ރަށަށް ކަރަންޓުގެ ޚިދުމަތް ވެސް ދީފައިވެ އެވެ. ރަށް ކުރި އަރުވާ ކޮމިޓީ އާއި ރަށުގެ ޒުވާނުންގެ މަސައްކަތުން ނެވެ.

މިހާރު ވެސް އަޅުގަނޑު މެން ބައެއް ރަށް ރަށަށް ޒިޔާރަތް ކުރުމުން، ރަށު ކައުންސިލުން ރަށް ކުރި އަރުވަން އެއްވެސް މަސައްކަތެއް ނުކުރާ ވާހަކަ ދައްކާ އަޑު އިވެނީ މަދުން ނެެއް ނޫނެވެ. ބައެއް ރަށް ރަށަށް ބަލާލީމާ ވެސް އެ ގޮތަށް ދެކެވޭ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮންނަ ކަމުގައި ވެސް ހީކުރެ ވެ އެެވެ.

ރަށެއްގެ ރައްޔިތުން ބޭނުންވާ ފެންވަރަށް އެ ރަށަކުން އިންތިޚާބު ކުރާ ކައުންސިލަކުން މަސައްކަތް ނުކުރާ ނަމަ އެ ކައުންސިލެއް ބަދަލު ކުރުމުގެ ފުރުޞަތު ރައްްޔިތުން ނަށް ލިބޭނީ މިހާރު އޮތް ގޮތުން ފަސް އަހަރު ފަހުން ނެވެ. ވަކި މުއްދަތަކަށް އިންތިޚާބު ކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ބޭނުން ވާނީ ވީހާ ވެސް ދިގު މުއްދަތަކަށް އެ މަޤާމު ގައި ދެމިތިބެވޭ ތޯ ބަލާށެވެ. ވޯޓުން އިންތިޚާބު ކުރެވޭ މަޤާމު ތަކުގައި ތިބޭ މީހުން، އެކަށީގެން ވާ ޚިދުމަތެއް ނުކުރުމުން، ވަކި އަދަދެއްގެ ރައްޔިތުން ސޮއި ކޮށްގެން އެފަދަ މީހުން މަޤާމުން ދުރު ކުރެވޭ ކަަހަލަ ނިޒާމެއް ރާއްޖެ އަށް އަދި ތަޢާރަފް ނުވެއެވެ. މިހެން ވުމާއި އެކު ވޯޓުން ހޮވޭ މީހުން ޖިނާއީ ކުށެއް ކޮށްގެން ނުވަތަ އަމިއްލަ އަށް އިސްތިޢުފާ ދީގެން ނޫން ގޮތަކަށް އެ މީހުން ގެ މަޤާމުން ދުރުކުރެވޭނެ ގޮތެއް ނުއޮންނާނެ އެވެ.

ޑެމޮކްރަސީ އަކީ ހިންގުމަށް އަގު ބޮޑު ނިޒާމެކެވެ. އަދި ކަންތައް ކުރުމަށް ލަސް ނިޒާމެކެވެ. ލަފާ ހޯދައިގެން، ޢާއްމުންގެ ޚިޔާލު ހޯދައިގެން، ގިނަ މީހުންގެ ރުހުން ހޯދައިގެން، އިންތިޚާބުތައް ބާއްވައިގެން ވެރިކަން ކުރާ ނިޒާމަކަށް ވާތީވެ އެވެ. އިންތިޚާބު ބޭއްވުމަކީ ޚަރަދު ބޮޑު ކަމަކަށް ވާތީވެ، ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކައުންސިލުތަކުގެ އިންތިޚާބު ކޮންމެ ފަސް އަހަރުން އެއްފަހަރު ބޭއްވުމަކީ ރައްޔިތުން ބަދަލެއް ބޭނުންވާ ފަހަރު ބަަދަލަކަށް ދިގު އިންތިޒާރެއް ކުރަން ޖެހޭނޭ ކަމެކެވެ. ރަށްފުށުގެ ފެންވަރުގައި ކައުންސިލް އިންތިޚާބުތައް ބާއްވާ ހެދުމުގެ ބޭނުންތަކުގެ ތެރޭގައި، ރައްޔިތުން ޑެމޮކްރަސީ އަށް އަހުލުވެރި ކުރުވުން ހިމެނެ އެވެ. އަދި މުސްތަޤްބަލުގެ ޤައުމީ ލީޑަރުން އުފެއްދުމަށް ބިންގާ އެޅުން ހިމެނެ އެވެ. ކައުންސިލުތަކުގެ އުމުރު ދިގުވުމުން އެ ފުރުޞަތު ހަނިވެގެން ދާނެ އެވެ.

ކައުންސިލްތަކުގެ މުއްދަތާ މެދު ދެވަނަ ވިސްނެވުމަކަށް ދާނެ ނަމަ ހާދަ ރަނގަޅޭ، އަޅުގަނޑުގެ ހިތަށް އަރަ އެވެ.

comment ކޮމެންޓް