ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ މައްސަލަތަކާ މެދު އިންސާނީ ނަޒަރަކުން ބަލަން ވެއްޖެ އެވެ. އެއީ އަޅުގަނޑުމެންގެ އެންމެންގެ އާދޭސް އެވެ. އިންސާނިއްޔަތަށް ލޯބި ކުރާ މީހުންގެ އާދޭހެވެ. އެއް ގޮތަކަށް އެއް ބަޔަކު ކުރާ އެކްސިޑެންޓުތައް ތަކުރާރުވަމުން ދާ ނަމަ، އެކަމުގައި، ކޮންމެވެސް މަސްއޫލު ފަރާތެއްގެ ޒިންމާ އެއް އެބައޮތެވެ. ރާއްޖޭގެ މަގުތައް ނުރައްކާތެރި އެވެ. މަގުމަތީގެ ޤާނޫނުތައް ޒަމާނާ އެއްގޮތަށް ބަދަލު ކުރެވިފައެއް ނެތެވެ. މަގުމައްޗާ ބެހޭ ނުވަތަ ޓުރެފިކް އާ ބެހޭ ޤާނޫނުތައް ތަންފީޒު ކުރުމުގައި ދޯހަޅި ކަމެއް އެބަހުއްޓެވެ. މަގުމަތީގައި ކުށް ކުރާ މީހުންނަށް ދެވޭ އަދަބު ޒަމާނާ އެއްގޮތަށް ބަދަލު ވެފަައެއް ނުވެ އެވެ. މަގުމަތީގައި ކުށް ކުރާ މީހުންގެ މައްސަލަތައް ބަލާ ފަރާތްތަކުން ކަން ކަން ނިންމޭ އިރު "ޒަޚްމީ" އަށް ލިބުނު ދާއިމީ އަނިޔާ އަށް ރިޢާޔަތް ކުރެވެންވީ ވަރަށް ރިޢާޔަތް ކުރެވޭ ކަމަކަށް ނުފެނެ އެވެ. ކުށް ކުރާ މީހާ އެ ކުށް ކުރުމަށް ފަހު މަގުމައްޗަށް ދޫކުރެވިފައި ހުންނާތީވެ އެވެ. އެ ކުށުން އަނިޔާ ލިބުނު މީހާ އެތަކެއް މަހެއް ހޭދަކުރަންޖެހެނީ، ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމުގައި ހޮސްޕިޓަލު ގައެވެ. ނޫން ނަމަ އުމުރު ދުވަހަށް އޮންނަން ޖެހެނީ އެދުމަތި ވެފަ އެވެ. ނުވަތަ އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑި އެއްގަ އެވެ. ނޫން ނަމަ އޭނާ އޮންނަނީ މަރުވެގެން ގަބުރުސްތާނުގައި ވަޅުލެވިފަ އެވެ. މަގު މަތީގައި ހިނގާ އެކްސިޑެންޓުތައް ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް ނުވަތަ އެއްވައްތަރަކަށް ހިނގާ އެކްސިޑެންޓުތައް ތަކުރާރު ވިޔަ ނުދިނުމުގެ ޒިންމާ ހަމައެކަނި ޓުރެފިކް ބަލަހައްޓާ ފުލުހުން ނާއި ހަމައަށް ފޮނުވާލުން އިންޞާފްވެރި ނުވެދާނެ އެވެ. ހަމައެކަނި ޓުރާންސްޕޯރޓު މިނިސްޓުރީ އާ ހަމަ އަށް ފޮނުވާލުން ވެސް އުނދަގުލެވެ. ހަމައެކަނި މުނިސިޕަލް ކައުންސިލާ ހަމައަށް ފޮނުވާލުން ވެސް ރަނގަޅެއް ނުވާނެ އެވެ. މިއީ ހުރިހާ ފަރާތްތަކެއް ގުޅިގެން ފަންނީ އެހީއާ އެކު ކުރަން ޖެހޭ ކަމެކެވެ.
މާލޭގެ މަގުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަ ދައްކަން ފެށުމާ އެކު އެއް ތަނަކުން ހަފްތާއެއްގެ ތެރޭގައި އެތައް ސަތޭކަ އިސްޓިކާ ޖެހި ވާހަކަ ބުނެފާނެ އެވެ. ޤަވައިދާ ޚިލާފަށް ޕާކް ކޮށްގެން ނެވެ. އަނެއްތަނަކުން ޕާކިން ކުރާނެ އިތުރު ތަނެއް ހެދި ވާހަކަ ބުނެފާނެ އެވެ. އަނެއް ތަނަކުން ޓުރެފިކާ ބެހޭ ޤާނޫނެއް ނުވަތަ ޤަވައިދެއް ހަދަނީ ކަމަށް ބުނެފާނެ އެވެ. ކަން ކަން ނުކުރެވުމުން ބަހަނާ ދައްކަން ބޭނުންވާ މީހުން ބުނަނީ މާލޭގައި ދުއްވާ އެއްޗެތި މާ ގިނައީ ކަމަށެވެ. ދުއްވާ އެއްޗެތި އެތެރެ ކުުރުމުގައި އެއްވެސް ކަންޓުރޯލެއް ނުއޮންނާތީވެ ކަމުގަ އެވެ. ގަރާޖެއް ނެތި ކާރު އެތެރެ ކުރުމަށް ހުއްދަ ދެވޭތީވެ ކަމުގަ އެވެ. ބައެއް ގަރާޖުގެ ނަމުގައި ސަތޭކަ އަށް ވުރެ ގިނަ ކާރު ވެސް ރަޖިސްޓުރީ ކުރެވިފައިވާ ކަމުގަ އެެވެ. މި ކަން ކަން ހަމައަކަށް ނެއެޅުވެނީ ކީއްވެތޯ އެވެ. ހަމައަކަށް އަޅުވަން ތިބީ ކޮން ބައެއްތޯ އެވެ. ބަހަނާ ދައްކާ ފަރާތްތަކެވެ. އެ ބުނާ ކަންތައް ތައް އެ ބުނާ ގޮތަށް ކުރެވެން އޮތީ ވެސް އެ ފަރާތްތަކުން ފިޔަވަޅު އެޅުމުން ނެވެ. ޤާނޫނެއް ހެެދޭނީ އެ ޤާނޫނެއް ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިގެން ނެވެ. ޤަވައިދަކަށް އަމަލު ކުރެވޭނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ އާ ބަސް ލިބެގެން އެ ޤަވައިދެއް ގެޒެޓް ކުރެވިގެން ނެވެ. ނޫސްވެރިން ސުވާލު ކުރުމުން ކޮންމެ ދުވަހަކު "ބަދު ނަސީބު" ވާހަކަ ކިޔައިދީ ގެން ނުފުދޭނެ އެވެ. އެޅޭ ފިޔަވަޅު ދެކެން ބޭނުން ވާނެ އެވެ.
މަގުމަތި ތައްޔާރު ކުރެވިފައި އޮންނަން ވާނީ ދުއްވާ އެއްޗެއްސަށް ރައްކާތެރި ގޮތަށެވެ. ދުއްވާ މީހުންގެ ސަލާމަތަށް ބެލެވިގެން ނެވެ. ހުޅުމާލޭގެ މައި މަގުތައް ހުޅުވާ ލެވިފައި ވަނީ މިފަދަ ކަންތައް ތަކަށް ބެލެވިގެން ކަމަކަށް ނުފެނެ އެވެ. ނިޝާންތަކާއި ވައްބުރުތަކާއި ރާސްތާ ދައްކައި ދީފައި އޮންނަން ވާނީ ދުއްވާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ފަސޭހަ ގޮތަކަށެވެ.
އައްޑު އަތޮޅު ގައްޔާއި ލ. އަތޮޅުގައި ހިނގާ އެކްސިޑެންޓުގެ ވާހަކަ ފާއިތު ވި އަހަރުތަކުގައި ތަކުރާރުކޮށް އަޅުގަނޑުމެން އަޑު އަހަމުން ގެންދިޔައީމެވެ. އެ އެކްސިޑެންޓުތައް މަދު ވާނެ ގޮތެއް ނުވަތަ ނުވާނެ ގޮތެއް ކަމާ ބެހޭ ފަރާތްތަކުން ހަމަނުޖެހެ އެވެ. އެކްސިޑެންޓުތަކުގައި މީހުން މަރުވަމުން ދިޔަ އެވެ. ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެގެން ދިޔަ އެވެ. މިއީ ކޮންމެ ސަބަބަކާ ހުރެ ވެސް މިކަން އޮންނަން ވީ ގޮތެއް ނޫނެވެ.
މަގުމަތީގެ ރައްކާތެރި ކަމާ ބެހޭ ގޮތުން ފިޔަވަޅު އަޅަން ވާނީ އެންމެ ފަރާތަކުން ނެއް ނޫނެވެ. ކަމާ ބެހޭ ހުރިހާ ފަރާތެެއް މަަޝްވަރާ ކޮށްގެން ނެވެ. މިހާރު ވެސް މަޝްވަރާ ކުރެވޭ ކަމުގައި ވެދާނެ އެވެ. މަގު މަތީގެ ޙާލަތަށް ބަލާ އިރު އެއީ ނަމެއްގައި ކުރެވޭ މަޝްވަރާއެއް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.
ފަރުވާ ކުޑަކަމުން ހިނގާ އެކްސިޑެންޓުގައި ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ލިބެން ވާނެ އެވެ. އަދަބު ނުދެވޭ ކަމުގައި ވަނީ ނަމަ އެފަދަ ކުށަށް އެހެން މީހުން ވެސް އަރައިގަތުމުގެ ފުރުޞަތު އޮންނާނެ އެވެ. އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އާސެނަލްގެ ދެ ކުޅުންތެރި އަކު ދާދިފަހުން ކާރުގައި ދަނިކޮށް މަގު މަތިން ކާރު ހުއްޓުވާ ފައި ދެ މީހަކު ހަމަލާ ދިނެވެ. އެ މީހުންގެ އަތުކުރީ ގަޑި އާއި ބައެއް އަގު ބޮޑު އެއްޗެތި އަތުލައި ގަތުމަށެވެ. އެ ދެ ކުޅުންތެރިން އެމީހުންގެ ފޭރުން ނާކާމިޔާބު ކުރި އެވެ. އަދި ފުލުހަށް ރިޕޯޓު ކޮށްގެެން އެމީހުން އަތުލައިގަތެވެ. މީގެ ހަފްތާ އެއް ހާ ދުވަހުގެ ކުރިން އޭގެ ތެރެއިން އެކެއްގެ ކުށަށް ޙުކުމް ކުރެވުނެވެ. ދިހަ އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އެފަދަ ކަންތަކުން އެހެން މީހުން ދުރުކުރުމުގެ ގޮތުން ކަމުގައިވެ އެވެ.
މަގު މަތި ޓުރެފިކުން ސަލާމަތް ކުރެވޭނީ ބައިވަރު ކަންތައް ކޮށްގެން ނެވެ. ކަމުގެ ތަޖުރިބާާކާރުންގެ އެހީ ވެސް ހޯދައިގެންނެވެ. ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމަށް ފަހު ސަޢޫދީ ޢަރަބިއްޔާގައި ޓުރެފިކް ކަންޓުރޯލު ކުރުމާ ބެހޭ ގޮތުން އެތެރޭގެ ބައްދަލުވުމެއް އޮންނަ ކަމުގައިވެ އެވެ. ބޭރުގެ ކަމުގެ ތަޖުރިބާކާރުންނާ ވެސް އެކުގަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ހުޅުމާލޭގައި ދިރިއުޅޭ މީހުން އުޅުނީ ވަރަށް އަރާމު ގަ އެވެ. (އަޅުގަނޑު ދިރިއުޅެނީ ހުޅުމާލެ އަކު ނޫން) ފާލަން އެޅުމާ އެކު އެ މީހުންގެ ހިތްފަސޭހަ ދިރިއުޅުން ހަލަބޮލި ދިރިއުޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. ހުޅުމާލޭގެ ޓުރެފިކް އެންމެ ބޮޑުވަނީ މާލެ އިން ދަތުރުކުރާ ދުއްވާ އެއްޗެތީގެ ސަބަބުން ނެވެ. ހުޅުމާލެ އަށް ފާލަމުން ދަތުރު ކުރާ އުޅަނދުތަކުން ކުޑަ ނަމަ ވެސް ފީއެއް ނުނެގެންވީ ކީއްވެތޯ އެވެ. އެ ތަން މަރާމާތު ކުރުމަށް ޚަރަދު ކުރަނީ އަޅުގަނޑުމެން ޓެކްސަށް ދައްކާ ފައިސާ އިން ނެވެ. އެ ފާލަން ދުވާލަކު އެތައް ފަހަރަކު ބޭނުން ކުރާ މީހުންގެ އަތުން ކުޑަ ނަމަވެސް އެއްޗެއް ނުނެގެން ވީ ކީއްވެތޯ އެވެ؟ ފެރީގައި ހުޅުމާލެ އަށް ދިއުމަށް ވެސް އަޅުގަނޑުމެން ފައިސާ ދެމެވެ. ކިތަންމެ ގިނަ ދަތުރެއް ކުރިއަސް ދަތުރު ހިލޭ ނުކުރެވެ އެވެ. ފާލަމުން ދަތުރު ކުރުން ހިލޭ ވާންވި ސަބަބެއް ނޭނގެ އެވެ.
އަޅުގަނޑު ދުޢާ ކުރަނީ މާލޭގެ ޓުރެފިކްގެ މައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި އަވަހަށް ނޫނީ ލަހުން މަޖިލީހުގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މަޖިލީހަށް ހުށައެޅޭ ކުއްލި މައްސަލަތަކުން ރައްޔިތުން ނަށް ކަމާ ބެހޭ ގޮތުން ހޭލުންތެރިކަން ގެނެސް ދެއެވެ. އަދި ނިދިޖެހިފައި ތިބި ކަމާ ބެހޭ ފަރާތްތައް ސިއްސުވާލަ އެވެ. ނަތީޖާ އަކީ ހައްލެއް ހޯދުމަށް އަވަހަށް މަސައްކަތް ކުރަން ފެށުމެވެ.