ކޯޓުތަކާއި ފަނޑިޔާރުންނަށް އިހުތިރާމު ކުރުން

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރުއީ ކޯޓަކުން ކުރާ ހުކުމަކާ މެދު ހިތް ހަމަނުޖެހިއްޖެ ނަމަ، ކޯޓުތަކަށާއި ފަނޑިޔާރުންނަށް އެއްޗެތި ގޮވުމާއި، ބިރު ދެއްކުމާއި، ކޯޓުތަކުގެ ހުރުމަތް ކަނޑައިލުމަކީ ބަޔަކު ދިވެހިރާއްޖޭގައި ސަގާފަތަކަށް ހަދައިފައި ވާ ކަމެކެވެ. އެކަން އާއްމު ވެގެން ދިޔައީ 2000ގެ އަހަރުތަކުގެ ކުރީކޮޅު، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ނުކުތް މީހުންގެ އަމަލުތަކުގެ ތެރެއިންނެވެ. މި ނުބައި ސަގާފަތް ރާއްޖޭގައި އާއްމު ކުރީ ސިޔާސީ ލީޑަރުންނާއި ގާނޫނީ ވަކީލުންގެ ތެރެއިން ބަޔަކު މީހުން އިސް ދައުރެއް އަދާ ކޮށްގެން، ވިސްނުމެއް ނެތި ކުރި ކަންތައްތަކުންނެވެ. އެމީހުންނަކީ އަޚްލާގީ ހަމަތައް އެއްފަރާތް ކޮށްފައި، މުޅި ދައުލަތުގެ ހައިބަތާއި ހުރުމަތް ނަގައިލައި، ރައީސުލްޖުމްހޫރިއްޔާއެއް، ވަޒީރެއް، ފަނޑިޔާރެއް، އާއްމު ރައްޔިތެއްގެ އެއްވެސް ގަދަރެއް، އަބުރެއް، ކަރާމާތެއް ނޯންނާނެ ކަމުގައި ހެދި މީހުންނެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބެއިފުޅުންނަށް ހުތުރު އެއްޗެތި ގޮވުމުގެ އާދަ އާއްމު ދިވެހީންގެ ގައިގައި ހިއްޕުވި މީހުންނެވެ. އެއިރު ޝަރުއީ ކޯޓުތަކާ ދެކޮޅަށް އެމީހުން އެއްޗެތި ގޮވި ގޮވުމުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް މުރުތައްދު ފަނޑިޔާރޭ ކިޔައިގެން އުޅުނު އުޅުމަކީ މި ދަންނަވާ ބަހުގެ އެއް ހެއްކެވެ.

އޭގެ ފަހުން، ވެއަތު ވެގެން މި ދިޔަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި މި ނޫން މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އެންމެ ފަހުން މީގެ މިސާލެއް ފެނިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. މަނީ ލޯންޑަރ ކުރެއްވިކަމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވާކަމަށް ނިންމަވައި، ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރެއްވި ހުކުމަށް ފަހުގައެވެ. މީޑިޔާތަކުގައި ލިޔެފައި ހުރީ ތެދު ކަމުގައި ވާނަމަ، އެ ހުކުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ބެއިފުޅަކު ވަނީ ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހުތުރު ލަފުޒެއް ބޭނުން ކުރައްވައި، އެ ބެއިފުޅުން ޖަލަށް ލައްވަވާނެކަމުގެ އިންޒާރު ދެއްވައިފައެވެ.

ދަންނަވާން މި އުޅޭ މައިގަނޑު ވާހަކަޔާއިގެން ކުރިޔަށް ދިޔުމުގެ ކުރީން، އެއް ކަމެއް ރަނގަޅަށް ސާފު ކޮށްލުން މުހިއްމެވެ. އެ ކަމަކީ، އަޅުގަނޑުގެ މަގުސަދަކީ ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ހުކުމް ރަނގަޅޭ ބުނުން ނޫންކަމެވެ. އެ ހުކުމް ރަނގަޅޭ ވެސް، އަދި ގޯހޭ ވެސް ބުނާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި، އެފަދަ ބަހެއް ބުނެވޭނީ ހުކުމާއި، ހުކުމަށް ވާސިލު ވެވަޑައިގަތުމުގައި ފަނޑިޔާރުން ޝަރުއީ އަދި ގާނޫނީ ގޮތުން ބެއްލެވި ކަންކަމާއި، ގަޒިއްޔާއާ ގުޅޭ ލިޔެކިޔުންތަކާއި ހެކިތައް ފަދަ ކަންކަން ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައެވެ. އަޅުގަނޑު އެފަދަ ދިރާސާއެއް ކޮށްފައި ނުވާތީ، އެކަމާ މެދު އެއްޗެއް ދަންނަވާކަށެއް ނޭނގެއެވެ.

ހުކުމް ގޯހަސް، އަދި ރަނގަޅަސް، އެ ހުކުމާ ގުޅިގެން އެއްވެސް ބެއިފުޅަކު ފަނޑިޔާރުންނަށް ހުތުރު އެއްޗެތި ވިދާޅުވުމާއި، ފަނޑިޔާރުން ޖަލަށް ލާނެކަމުގެ، ނުވަތަ މަގާމުން ވަކި ކުރާނެކަމުގެ، ނުވަތަ އެހެން ވިޔަސް ގޯނާއެއް ކުރާނެކަމުގެ ނުވަތަ ބަދަލު ހިފާނެކަމުގެ އިންޒާރު ދެއްވުމަކީ ވަރަށް ބޮޑު ގޯހެކެވެ. ވަރަށް ދެރަ ކަމެކެވެ. އާއްމު ރައްޔިތަކު ވެސް، މުޖުތަމައުގައި އިސް މަގާމެއް ނުވަތަ ހައިސިއްޔަތެއްގައި ހުންނެވި ލީޑަރަކު ކަމުގައި ވިޔަސް، އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލު ވެވަޑައިގެން ހުންނެވި ބެއިފުޅަކު ވިޔަސް، އެހެން ހައްދަވައިގެން ނުވާނެއެވެ. ވަކީން ޚާއްސަ ގޮތެއްގައި، ކޯޓުގެ ހުކުމަކަށް އެ ބީދައިން އެއްޗެތި ގޮވުމަކީ އަދި ފަނޑިޔާރުންނަށް އެއްވެސް ގޮތަކުން ބިރު ދެއްކުމަކީ ދައުލަތުގެ އިސް ފަރާތްތަކުން ކުރުން ހަމަ އެއްވެސް ގޮތަކުން ހުއްދަ ނުކުރެވޭނެ އަދި ބަލައިނުގަނެވޭނެ ކަންކަމެވެ. ހުކުމާ މެދު ހިތްޕުޅު ހަމަނުޖެހޭ ނަމަ، ރީތި ބަހުރުވައިން "ހުކުމާ މެދު ހިތް ހަމައެއްނުޖެހެޔޭ، އިސްތިއުނާފު ކުރާނަމޭ" ވިދާޅުވާން ވީއެވެ. ޝަރުއީ އަދި ގާނޫނީ ގޮތުން ހުކުމުގައި ހުރި ކަމަށް ގަބޫލު ކުރައްވާ ގޯސްތަކެއް ހެޔޮ ގޮތުގައި ބަޔާން ވެސް ކޮށްދެއްވަވާން ވީއެވެ. ނަމަވެސް އެއަށްވުރެ ދުރަށް ގޮސް، ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކަނޑައިލުމަކީ ކަނޑައެޅިގެން ހުރި ގޯހެކެވެ.

ފަނޑިޔާރަކު ގޯސްކޮށް ހުކުމެއް ކުރާނީ، އެހެންޏާ ގަސްތުގައެވެ. ނުވަތަ ރަނގަޅަށް ހުކުމް ކުރުމަށް ހެޔޮ ހިތުން، އިޚްލާސްތެރިކަމާ އެކު ކުރާ މަސައްކަތުގައި، ކޮންމެވެސް ހިސާބަކުން އަރާ އޮޅުމެއްގެ ސަބަބުންނެވެ.

ފަނޑިޔާރަކު ގަސްދުގައި ގޯސް ހުކުމެއް ކުރައްވާނީ ރިޝްވަތަށް، ނުވަތަ ވަކި ފަރާތެއް ދެކެ ބިރުން، މަގާމުން ވަކި ކޮށްފާނޭތީ، ނުވަތަ އެނޫން ވިޔަސް އެފަދަ ނާޖާއިޒު ސަބަބަކަށް ޓަކައެވެ. އެއީ ވަރަށް ބޮޑު ފާފައެއް ކަމުގައި ވުމުގެ އިތުރުން، އެއީ ޖިނާއީ ގާނޫނުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ބެހޭ ހަމަތަކުން މަނާ ކުރެވިފައި ހުންނަ ކަންކަމެވެ. އެހެންކަމުން، ފަނޑިޔާރަކު ގަސްދުގައި ގޯސް ހުކުމެއް ކުރައްވައިފި ނަމަ، އެއީ ގަސްދުގައި ކުރެއްވި ކަމެއްކަން، ނުބައި ނިޔަތަކާ އެކު ކުރެއްވި ކަމެއްކަން ކަށަވަރު ކުރުމަށް ޓަކައި، އެކަށައެޅިފައި އޮންނަ އިޖުރާއާތުގެ ތެރެއިން ތަހުގީގު ކުރެވޭން ވާނެއެވެ. މައްސަލަ ބެލޭން ވާނެއެވެ. ފިޔަވަޅު ވެސް އެޅޭން ވާނެއެވެ. ހުކުމް ވަކި ގޮތަކަށް އޮތުމަކީ ފަނޑިޔާރުގެ ކިބައިގައި ގޯސް ނިޔަތެއް އޮތްކަމުގެ ހެއްކެއް ނޫނެވެ. އަލާމާތެއް ވެސް ނޫނެވެ. ހުކުމް ގޯހަސް، އެއަކުން ފަނޑިޔާރުގެ ނިޔަތް ނުބައިކަމުގެ އެއްވެސް ހެއްކެއް ނުލިބޭނެއެވެ. ފަނޑިޔާރުގެ ނިޔަތް ގޯސްކަން އެނގޭނީ، އެކަން ސުލޫކީ ނުވަތަ ޖިނާއީ ތަހުގީގެއްގެ ތެރެއިން ފައުޅު ވެ ފެނުމުންނެވެ. ފަނޑިޔާރަކު ހުކުމެއް ކުރުމުން، އެ ހުކުމަކީ ނުބައި ނިޔަތެއްގައި ކުރި ހުކުމެއް ކަމުގެ ޝައްކު އުފެދޭ ހާލަތުގައި ވެސް، ތަހުގީގެއް އެއްޗެއް ނެތި، ފަނޑިޔާރަށް ހުތުރު އެއްޗެތި ގޮވުމަކީ ގޯސް ކަމެކެވެ. ކޯޓުގެ ހުރުމަތް އެފަދަ ހާލަތުގައި ވެސް ކަނޑައިލައިގެން ނުވާނެއެވެ. ސަބަބަކީ ކޯޓުގެ ހުރުމަތް ރައްކައުތެރި ކުރުމަކީ، މުޖުތަމައުގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅިފައި ވާ ކަމަކަށް ވުމެވެ.

ނުބައި ނިޔަތެއް ނެތި، އޮޅިގެން ފަނޑިޔާރަކަށް ގޯސްކޮށް ހުކުމެއް ކުރެއްވެވިއްޖެ ނަމަ، އެއީ ފަނޑިޔާރަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުން ވެސް ހުއްދަ ވާނޭ ކަމެއް ނޫނެވެ. ފަނޑިޔާރުންނަކީ ވެސް އިންސާނުން ކަމުގައި ވާއިރު، އެމީހުންނަށް އޮޅޭ ތަން ވެސް އަންނާނެއެވެ. އޮޅިގެން ގޯސް ހެދޭތަން ވެސް އަންނާނެއެވެ. އެކަން ގަބޫލު ނުކުރާ ބަޔަކު، ގަބޫލު ނުކުރާނީ އެ ބައެއްގެ ވިސްނުމުގެ ކޮށިކަމުންނެވެ.

އެއްވެސް ސަބަބަކާ ހުރެ، ފަނޑިޔާރަކު ގޯސް ހުކުމެއް ކުރައްވައިފި ނަމަ، ދެން ޚަސްމުންނަށް އޮންނަ މަގަކީ މައްސަލަ އިސްތިއުނާފު ކުރުމެވެ. މަތީ ކޯޓުތަކަށް މައްސަލަ ގެންދިޔުމެވެ. ދަށުކޯޓުގައި ގާނޫނު މާނަ ކުރުމާއި، ގާނޫނު ތަޠުބީޤު ކުރުމާއި، ވާގިޔާތައް ދެނެގަތުމުގައި ހެދިފައި ހުރި ގޯސްތައް މަތީ ކޯޓުގައި ބަޔާން ކޮށްދިނުމެވެ. އެގޮތުން، އިންސާފު ލިބޭތޯ މަސައްކަތް ކުރުމެވެ. ފަނޑިޔާރު ހުކުމް ކުރީ ނުބައި ނިޔަތެއްގައި، ގަސްދުގައި އިންސާފު ނިގުޅައިގަތުމުގެ މަގުން ކަމުގައި ޚަސްމަކަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަ ހުށައަޅާނެ ޖުޑީޝަލް ސަރވިސް ކޮމިޝަނެއް، ނަމުގައި އެކަނި ވިޔަސް، މި ގައުމުގައި ވެސް އެބައޮތެވެ. އެތަނަށް "އެމީހުން ހަދާ އެއްޗެއް ހަދާން" ވިޔަސް މައްސަލަ ހުށައެޅުމަކީ ކަން ކުރާން އޮތް ރިވެތި ގޮތެވެ. މިއިން އެއްވެސް ގޮތަކުން އިންސާފު ނުލިބޭ ވަރަށް އަޅުގަނޑުމެންގެ ފަނޑިޔާރުގެއާއި ނިޒާމު ނިކަމެތި ވެފައި ވާނަމަ، އެކަކު ވެސް ރުޅި އައިސްގެން ފަނޑިޔާރުންނަށް އެއްޗެތި ގޮވުމުގެ ބޭނުމެއް ނެތެވެ. މި ހިސާބަށް އަޅުގަނޑުމެންގެ ކަންކަން ދިޔައީ އެންމެންގެ ގޯހުންނެވެ. މި ކަމުގައި ވަކި ޕާޓީއަކަށް، ވަކި ބަޔަކަށް ތުހުމަތުގެ އިނގިލި ދިއް ކުރެވޭނެ އެހެން އެއްވެސް ބަޔަކު ނެތެވެ. ދެހާސް އަށް ވަނަ އަހަރުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގެ މިނިވަން އަދި މުސްތަގިއްލު ބާރަކަށް ވީއްސުރެ، ފަނޑިޔާރުގޭގެ މައްޗަށް ނުފޫޒު ފޯރުވާން އުޅެނީ ވަކި ބަޔަކު އިސްތިސްނާ ވުމެއް ނެތިއެވެ. މިހާރު ބާރުގައި ތިބި މީހުން އެކަން ކުރާގޮތް މާ ހުތުރެވެ. މާ ނުބައެވެ. މާ އަނިޔާވެރިއެވެ. ނަމަވެސް ފަނޑިޔާރުގެއާއި ޖުޑީޝަލް ސަރވިސް ކޮމިޝަން ފަދަ ތަންތަން ހަލާކު ވުމުގައި ޒިންމާ ނަގާން ނުޖެހޭ އެއްވެސް ބަޔަކު ސިޔާސީ މަތީ ފަޑީގައި ނެތެވެ.

ދެންވެސް ކުރާން އޮތް ކަމަކީ، ހުރިހާ ސިޔާސީ ފަރާތްތަކާއި، ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިލްމީ އަދި ފަންނީ މީހުން އެއް ތަނެއްގައި އިށީނދެ، ޖުޑީޝަރީގެ މިނިވަންކަން ހަގީގީ މާނައިގައި ކަށަވަރު ކޮށް، ފަނޑިޔާރުގެ މިނިވަން ކުރެވޭނެ ގޮތްތަކާ މެދު ހެޔޮ ނިޔަތުގައި މަޝްވަރާ ކުރުމެވެ. ފަނޑިޔާރުގެއިން އެކުލަވައިލައިފައި އޮތް އިސްލާހީ ޕްލޭން ތަންފީޒު ކުރުމެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން ބަދަލު ކޮށް، އެތަނުގެ މުޅި ނިޒާމު އިސްލާހު ކުރުމެވެ. އެ ނޫން ގޮތަކަށް ފަނޑިޔާރުގެއާއި އަދުލުއިންސާފުގެ ނިޒާމު އިސްލާހެއް ނުވާނެއެވެ.

މި ކަމާ ގުޅިގެން ފާހަގަ ކޮށްލާން ޖެހޭ އަނެއް ކަމަކީ، މި ދެންނެވި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުލުހަށް ހުށައެޅުމުން، ރާއްޖޭގެ ނޫހެއްގައި އެކަން ރިޕޯޓު ކުރުމުގައި ބުނެފައި އޮތް ވާހަކައެކެވެ. ނޮވެންބަރު 28، 2019ގައި ޝާއިއު ކޮށްފައި އޮތް ލިޔުމެއްގައި އޮންނަނީ "ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކަކީ އެ ކޯޓަކަށް އަމިއްލަ އިސް ނެގުމަކަށް ވެސް ބެލޭ ފަދަ މައްސަލަތަކެކެވެ. އޭގެއިތުރަށް ފުލުހަށް ހުށަހަޅައި ތަހުގީގު ހިންގައި ދައުވާ ވެސް ކުރެވޭ ފަދަ މައްސަލަތަކެކެވެ. ޑީޖޭއޭއިން މިފަހަރު އިހްތިޔާރުކުރީ ފުލުހަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމެވެ." މިހެންނެވެ. "ޑީޖޭއޭއިން "މި ފަހަރު އިޚްތިޔާރު ކުރީ" ފުލުހަށް އެ މައްސަލަ ހުށައަޅައިގެން ކުރިޔަށް ދިޔުމަށޭ ބުނުމުގެ މާނަޔަކީ ކޮބައިބާވައެވެ! އާއްމު ދިވެހި ބަހުގެ ގަވާއިދާއި މާނަ ކުރުމުގެ ހަމަތަކަށް ބަލާ އިރު، މި އިބާރާތް، މި ދެންނެވި ސިޔާގުގައި ގެނެސްފައި އޮތް ގޮތުން، ނެރެވޭ ހަމައެކަނި މާނަޔަކީ މީގެ ކުރީން ޑީޖޭއޭއިން މިފަދަ މައްސަލަތައް ފުލުހަށް ހުށަނާޅައި، އަމިއްލަޔަށް ފިޔަވަޅު އަޅަމުން ގެންދިޔަކަމަށް ބުނުމެވެ. މި ބުނުން ތަފްސީރު ކުރެވިދާނެ އެންމެ ސީދާސާދާ ގޮތަކީ، ޑީޖޭއޭއިން ކުރީން ގޯސްކޮށް، މި ފަހަރު ރަނގަޅަށް އަމަލު ކުރިކަމެވެ. ޑީޖޭއޭ އިސްލާހު ވެފައިވާ ކަމެވެ.

ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން، ކޯޓުތަކާއި ފަނޑިޔާރުންނަށް ހަމަ އެއް ބަހުރުވަޔަކުން، މާ ހުތުރުކޮށް، މާ ނުބައި ތުހުމަތުތައް ކޮށް، ކޯޓުތަކާއި ފަނޑިޔާރުންނަށް ހިތުހުރި އެއްޗެއް ގޮވަމުން ދިޔަ މީހުންގެ ކިތައްމެ މައްސަލައެއް މީގެ ކުރީން ވެސް ޑީޖޭއޭއިން ވަނީ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން ފުލުހަށް ހުށައަޅައިފައެވެ. ބައެއް މައްސަލަތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިފައި ވާނެއެވެ. ނަމަވެސް ސިޔާސީ ނުފޫޒުގެ ސަބަބުން، ފުލުހުން ވެސް އަދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވެސް އެފަދަ މައްސަލަތަކާ މެދު އަޅައެއްނުލައެވެ. ބައެއް މައްސަލަތައް ހުށައަޅައިފައި ހުންނާނީ، ގޮވި އެއްޗެހީގެ ރިކޯރޑިންއާއި، ޓްރާންސްކްރިޕްޓާއި، ކަމާގުޅޭ ގާނޫނީ ނައްސުތައް ހިމެނޭ ރިޕޯޓާ އެކުގައެވެ. މިފަދަ ކޮންމެ މައްސަލައަކާ ގުޅިގެން، ފުލުހުންނާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން އަމަލު ކޮށްފައި ވަނީ ކޯޓުތަކަށް ޖެއްސުން ކުރުން ކަމަށް ބެލެވޭ ފަދަ ގޮތެއްގައެވެ. މަސްއޫލިއްޔަތެއް ނުއުފުލައެވެ. ޒިންމާ އަދައެއްނުކުރެއެވެ. ކޯޓުތަކުގެ ހުރުމަތް ރައްކައުތެރި ކުރުމަށް ގާނޫނުއަސާސީން ކަނޑައަޅާ ދުސްތޫރީ ޒިންމާ އަދާ ކުރުމަށް ހުވައި ކޮށްގެން ތިބެ، އެ ހުރިހައި ފަރާތްތަކުން ވެސް ގެންދިޔައީ ޒިންމާޔަށް ފުރަގަސް ދީ، ފަނޑިޔާރުންނާއި ކޯޓުތަކަށް ހިތުހުރި އެއްޗެއްސެއް ގޮވުމުގެ ސަގާފަތަށް ހިތްވަރު ދެމުންނެވެ. ބަޔަކު އިންސާފުވެރި ބެލުމަކުން ބަލައިފި ނަމަ، ފެންނާނެ އެއް ހަގީގަތަކީ ކޯޓުތަކުގެ ހުރުމަތަށް އަރައިގަނެ ފަނޑިޔާރުންނާ ދެކޮޅަށް ހިތުހުރި އެއްޗެއްސެއް ގޮވާ ފަރާތްތަކާ މެދު އަމިއްލަޔަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ޖުޑީޝަރީން ގެންގުޅޭން ފެށީ ވެސް، އެކަމާ މެދު ފުލުހުންނާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ޒިންމާ އަދާ ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމެވެ.

މި ހުތުރު އަދި ނުބައި ސަގާފަތަށް ނިމުމެއް ގެންނާން އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔަމާ ހިންގަވާށެވެ. ޚާއްސަކޮށް، ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބެއިފުޅުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް މަގު ދައްކާން، ލީޑަރޝިޕްގެ ޒިންމާ ނަންގަވައިގެން ތިއްބެވި ބެއިފުޅުން، ކޯޓުތަކުގެ ހުރުމަތް ރައްކައުތެރި ކުރުމުގެ ތަހުޒީބީ ސަގާފަތެއް މި ގައުމަށް ގެނެވޭތޯ މަސައްކަތް ފަށަމާ ހިންގަވާށެވެ. ކޯޓުގެ ނިންމުމަކުން އަޅުގަނޑުމެންގެ ހިތްތަކަށް ދެރަޔާއި ވޭން ލިބުނު ކަމުގައި ވިޔަސް، އެކަމާ ގުޅިގެން އަޅުގަނޑުމެން ދޭ ރައްދަކީ ޝަރަފުވެރި، މުހުތަރަމް، އަދި އަބުރުވެރި ރައްދަކަށް ހަދަމާތޯއެވެ؟ ރައްޔިތުންނަށް ރީތި ނަމޫނާތަކެއް ދައްކަމާތޯއެވެ؟ އިއްޒަތަކީ މީހަކު އިންނަ ގޮނޑިޔަކުން، އޮންނަ ތަނަކުން ލިބޭ އެއްޗެއް ނޫނެވެ. އިއްޒަތަކީ މީހާގެ ބަހާއި އަމަލާއި އަޚްލާގުން ލިބޭ އެއްޗެކެވެ.

comment ކޮމެންޓް