އެމްޑީޕީގެ ލީޑަޝިޕަށް ދެވަނަ ދައުރަކަށް ނަޝީދާއި ޝިފާޒް އިންތިހާބުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު އަދި ޝިފާޒް --- ސަން ފައިލް ފޮޓޯ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސަކަށް އެ ޕާޓީގެ މިހާރުގެވެސް ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަނެއްކާވެސް އިންތިހާބުކޮށްފިއެވެ.

މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ޕާޓީގެ ނައިބުކަމުގެ މަގާމު ޝިފާޒު ދިފާއުކުރެއްވީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކޮށްފަ އެވެ. އެދެ ބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ އަދަދާއި ފަރަގު ވަނީ އަދި ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް ޝިފާޒްއަށް އެމްޑީޕީގެ މެމްބަރުން ދަނީ މަރުހަބާ ކިޔަމުންނެވެ.

މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް ވޯޓު ލާފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ މީހުންނެވެ.

ރައީސް ނަޝީދާއި ޝިފާޒް ވެސް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައި ވާއިރު، އެ މަގާމަށް އެ ދެބޭފުޅުން އެންމެ ފުރަތަމަ އިންތިހާބުވެފައިވަނީ އޮގަސްޓް 2014 ގައެވެ.

އެ އިންތިހާބުގައި އެ ދެމަގާމަށް ވާދަކުރެއްވީ އެ ދެބޭފުޅުން އެކަންޏެވެ. ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދަށް ލިބިވަޑައިގަތީ، 33،709 ވޯޓެވެ. ޝިއްޕެ އަށް ލިބިވަޑައިގަތީ، 21،052 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.

comment ކޮމެންޓް