ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި

ޕާޓީތަކަށް އޮންލައިންކޮށް މީހުން ވެއްދުން އީސީއިން ވަގުތީގޮތުން މެދުކަނޑާލައިފި --

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފިއެވެ.

އީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް މިހާރު ބޭނުންކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށްހެޅުން މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް އެ ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމި ނަމަވެސް "މައި ޕޯޓަލް" މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ވާހަކަ އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީއިން މިގޮތަށް ނިންމާފައި މިވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް، އެކި ޕާޓީތަކުން ވަގަށް މެންބަރުން ވައްދާކަމަށް ތުހުމަތުކޮށް، އެ ފޯމުތައް ސައްހަތޯ އަލުން ބަލައިދިނުމަށް އިދިކޮޅު އެމްޑީޕީއިން އެދިފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ވަނީ ފެންމަތިވެފައެވެ.

މިދިޔަ ނޮވެމްބަރު މަހު ޕީއެންސީން ވަނީ އެ ޕާޓީއަށް އެހާތަނަށް 97،000 ފޯމު ލިބިފައިވާ ކަމަށާއި އެއް ލައްކަ ހަމަކުރާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ވާނެ ކަމަށް ބުނެފައެވެ. އެއީ ޕީއެންސީގެ އަމާޒެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މުވައްޒަފުންތަކެއް އެ އިދާރާގެ ޑޭޓާބޭސްއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ނަގައި، އެ މައުލޫމާތާއި އައިޑީކާޑު ފޮޓޯ ބޭނުންކޮށްގެން ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަން ހޯމް މިނިސްޓަރު އަލީ އިހުސާނު ހުންނަވަނިކޮށް ފެންނަ ފޮޓޯއެއް ވެސް ވަނި ލީކުވެފައެވެ.

އެއާއެކު، ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގު ފޯމު ހުށަހެޅީ މިނިސްޓަރުގެ ބެލުމުގެ ދަށުންކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު އިދިކޮޅުން ދަނީ އިހުސާނު މަގާމުން އެކަހެރި ކުރުމަށް ގޮވައިލާފައެވެ. އަދި މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް