އިންތިހާބަށް އެމްޑީޕީ ތައްޔާރުވެއްޖެ، 87،000 މީހުންނަށް ވޯޓު ލެވޭ!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ތިން ބޭފުޅުން ---

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސް އިންތިހާބުކުރުމަށް މާދަމާ ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި 87،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އިންތިހާބުގެ މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި ތިބި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މާދަމާ އޮންނަ އިންތިހާބުގައި އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕާޓީގެ ނައިބުގެ މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ.

މާދަމާގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މާލޭގެ އިތުރުން އެމްޑީޕީ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު ފަހު 14:00 އިން ހަވީރު 18:00 އަށެވެ.

މާލޭގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާނެއެވެ. މާލެއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވޯޓުލާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ފަރާތްތައް ވޯޓު ލާނީ އެމްޑީޕީ ހަރުގޭގައި ބަހައްޓާ ފޮށްޓަށެވެ.

އޭގެ އިތުރުން ހުޅުމާލެ ޣާޒީ ސްކޫލު އަދި ވިލިމާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވެސް ފޮށްޓެއް ބަހައްޓާނެއެވެ. ހަމައެއާއެކު އަވަށްޓެރި ސްރީލަންކާގައި ވެސް ފޮށްޓެއް ބަހައްޓާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް