އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއެކު އެ ދެ ފަނޑިޔާރުންގެ މަގާމު މިއަދު ވަނީ ގެއްލިފައެވެ.
ޖޭއެސްސީއިން ބުނެފައިވަނީ އުއްތަމަފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގުކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން 15 ނުކުތާއެއް ފާހަގަކޮށްފައި ވާއިރު ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ކަންކަން އުއްތަމަފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ކިބައިގައި ހުރިކަމަށް ނުފެންނާތީއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ފަނޑިޔާރުން ވަކި ކުރަން ޖެހުނީ އެނޫން އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
އެމްޑީޕީން ވެރިކަމަށް އައީ އަދުލު އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ވައުދާއެކުގައި ކަމަށާއި އެހެން ނަމަވެސް، ފަނޑިޔާރުން ވަކިކޮށް، ފަނޑިޔާރުގެ ސާފުކޮށްގެން މެނުވީ އެ ވައުދު ފުއްދޭނެ ގޮތެއް ނެތް ކަމަށެވެ.
ވަކިކުރަން ޖެހެނީ ކަންކަން ހައްދުފަހަނައަޅައި ދިޔައީމަ!
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ފަނޑިޔާރުގޭގެ އެންމެ އިސްކޮށް ހުންނެވި ފަނޑިޔާރު އެ މަގާމުން ވަކިކުރަން ޖެހުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި ފަނޑިޔާރަކު ނުވަތަ އެހެން މަގާމެއްގައި ހުރި ބޭފުޅެއް ނަމަވެސް، އެ މަގާމުން ވަކިކުރަން ޖެހުމަކީ ކުރަން ބޭނުން ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މަޖުބޫރުވެގެން. އެއްވެސް މީހަކު އެ ހުރި މަގާމުން ވަކިކުރުމަކީ އަޅުގަނޑުމެންނަކަށްވެސް އެހާ ފަސޭހަ ކަންތައްތަކެއް ނޫން. އަދި ކުރަން ބޭނުންވާ ކަންތައްތަކެއްވެސް ނޫން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަނީ އިންސާފު ނެތުމުން ކަމަށާއި ޝަރުއީ ދާއިރާގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބުން ދެން ރައްޔިތުންވެސް ބަލަން ނުތިބޭނެ ކަމަށެވެ.
ސަރުކާރަށް އަހަރެއް ފުރުނު އިރު އިންސާފު ގާއިމުކޮށްދޭން ވީ ވައުދު ފުއްދައިދިނުން މިހާރުވެސް ލަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ކަމަށާއި ނަމަވެސް އަވަސް އަރުވާލާފައި އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މި މަޖިލީހުން ހުރިހާ ކަމެއްވެސް ކުރާނީ އުސޫލެއްގެ ދަށުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"ފަނޑިޔާރުގެ ރަނގަޅު ކުރުމަށް، ފަނޑިޔާރުގެއިން ފެންނަން ނުޖެހޭ އެތައް ނާތަހުޒީބު ކަންތައްތަކެއް ފެނިގެން ދާތީވެ، އެ ފަނޑިޔާރުން ވަކި ކުރަން މިޖެހެނީ،" އާޒިމް ވިދާޅުވިއެވެ.
މިއީ ފަނޑިޔާރުގެ ސާފުކުރުމުގެ ފަހު މަރުހަލާ!
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ މި ސަރުކާރުން ފަނޑިޔާރުގެ އިސްލާހު ކުރާނީ ފުރާޅުން ޓިނު ނަގައިގެން ނޫން ކަމަށާއި، އެކަން ކުރާނީ ރީތި ގޮތުގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ޝަހީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލަތަކަށް ޖަވާބުދާރީ ވާން ފުރުސަތު ލިބުމުން ވެސް، ރީތި ގޮތުގައި އެކަން ނުކޮށް ދެ ފަނޑިޔާރުން ބޮޑާހާކަން ތިއްބެވީ ކަމަށެވެ. އެފަދަ ބަޔަކު ސުޕްރީމްކޯޓުގައި ތިބެގެން އިންސާފު ލިބޭނެކަމަށް އެއް އިރެއްގައިވެސް ގަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ،
"މިއީ ފަނޑީޔާރުގެ އިސްލާހުކުރުމުގެ މެންޑޭޓު ފުރިހަމަކުރުމުގެ ފަހު މަރުހަލާ ކަހަލަ ގޮތަކަށް ފެށި، ނިމިގެން ދާތީ އުފާކުރަން،" މެމްބަރު ވިދާޅުވިއެވެ.
ޖޭއެސްސީ، ގާނޫނުއަސާސީއަށް ވުރެ މަތީގައި!؟
ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީ ހުރިހާ މެމްބަރުންގެ ވާހަކަތައްވެސް ހުރީ ދާދި އެއްގޮތަކަށެވެ. އެހެން ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ މި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ފެނިގެން ދަނީ ގާނޫނުއަސާސީ "ފުނޑާލާ" މަންޒަރު ކަމަށާއި، ޖޭއެސްސީގެ ގާނޫނު މިހާރު މުޅި ގާނޫނުއަސާސީއަށް ވުރެ ބާރުގަދަ އެއްޗަކަށް ހަދާފައިވާ ކަމަށެވެ.
"މިއަދު މިފެންނަނީ މާ ބާރުގަދަ މުއައްސަސާއަކަށް ޖޭއެސްސީ ވެގެން ދިވެހި ރައްޔިތުންނަށް ބިރު ދައްކަން މަސައްކަތް ކުރާތަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޖޭއެސްސީން އަމަލު ކުރަމުން އަންނަނީ ޖޭއެސްސީގެ މެންޑޭޓުގެ ވެސް ބޭރުން، ފަނޑިޔާރުންގެ ގާނޫނާވެސް ހިލާފަށް ކަމަށެވެ.
ޝިޔާމް ވަނީ ޖޭއެސްސީއަށް ބެލެނީ ވަކި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިންގެ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ގާޒީ އަލީ ރަޝީދުގެ މައްސަލަ އަދިވެސް ބަލަން ނުފެށޭކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.
"ޖޭއެސްސީން ބޭނުންވާ ގޮތަކަށް. ބޭނުންވާ ފަނޑިޔާރެއްގެ ކަރުގައި ހިފައި ފިތާލާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.
"ރައީސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަނީ"
ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެ ނަމުގައި މަޖިލީހުން ވަރަށް ބޮޑު ގޯސްތަކެއް ހަދަމުން އަންނަ ކަމަށެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ފަނޑިޔާރުގެއަކީ އަމިއްލަ މިލްކިއްޔާތަކަށް ހަދަން އަމާޒުހިފާފައިވާ ކަމަށާއި މިއީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރައްވާ ކަމެއްކަމަށްވެސް ޖާބިރު ތުހުމަތުކުރެއްވިއެވެ.
ބާރު ގެއްލޭ ދުވަހަކުން ކަން ވާނެ ގޮތް ވިސްނާލުމަށް ޖާބިރު ބަހުސްގައި އެދެނު އިރު، މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޖާބިރު ބައިވެރިވެވަޑައިނުގަންނަވައެވެ.