ބޮޑު ހިޔާނާތުގެ ފައިސާ 16 މެމްބަރަކަށް، ސަރުކާރުގެ 7 ބޭފުޅަކަށް، 6 ފަނޑިޔާރުންނަށް

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ފުލުހުން

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ، މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި މިހާރު ކޯތުތަކުގައި ތިއްބެވި ހަ ފަނޑިޔާރަކަށް ލިބިވަޑައިގެންފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭ އާ މައުލޫމާތުތަކެއް މިއަދު ވަނީ ހާމަކޮށްފައެވެ.

އިސްކަންދަރު ކޮށީގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ، ކުރިއާއި މިހާރުގެ ސަރުކާރުގެ ބޭފުޅުންނާއި، ކުރިއާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނަށްވެސް ލިބިފައިވާ ކަމަށެވެ.

މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ (18 ވަނަ) ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެމްއެމްޕީއާރުސީ ސްކީމުން ފައިސާ ދީފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު އޭރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ފަސް ފަރާތަކަށާއި ކުރީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 23 ފަރާތަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ތުހުމަތުތަކާ ގުޅިގެން ތަހުގީގެއް ކުރިއަށްދާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަން ސާވިސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ސަލާމަތީ ހިދުމަތްތައް ހިމެނޭ ގޮތުން ހަތް އޮފިސަރަކަށް ސްޕޮންސަޝިޕް އަދި އެހީގެ ގޮތުގައި ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ފުލުހުންގެ ތެރޭގައި އިންޓާނަލް ތަހުގީގެއް ކުރަމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މި އެންމެންނަކީ ހިޔާނާތުގެ ބައިވެރިން ކަމުގައި ނިންމަން އަދި މާ އަވަސް ކަމަށެވެ. ހިޔާނާތުގެ މައުލޫމާތު އާންމުވުމުގެ ކުރިން ވެސް އެ ފައިސާ ބައެއް ފަރާތްތަކަށް ލިބިފައިވާއިރު އަދި އެ ފައިސާއާ ހަވާލުވީ އެއީ ހިޔާނާތުގެ ފައިސާކަން އެނގިގެންތޯ ބަލަން އިތުރު ތަހުގީގުތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އެ ހިޔާނާތް ރާވައި، އެކަމުގައި އުޅުނު މީހުންގެ ސިޔާސީ ބޭނުން ތަކެއް ހާސިލު ކުރުމަށް ހަރަދުކޮށް، ފައިސާ ހޯދަން ހިންގި ސްކީމެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން ތަހުގީގަށް އެކި ފަރާތްތަކުން ދީފައިވާ މައުލޫމާތާއި ލިބެން ހުރި ހެކިތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފައިސާ ނަގަން ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނުކޮށް، އިންތިހާބަށް ތައްޔާރުވާން ފެށި ހިސާބުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެގޮތުން އެ ފައިސާ ހަރަދުކޮށްފައި ވަނީ

  • 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުގެ ޕްރައިމަރީއަށް.
  • ޕްރައިމަރީތައް ކާމިޔާބުކުރި ފަރާތްތަކުގެ ކެމްޕޭނަށް.
  • މަޖިލީހުގެ ރައީސް އިންތިހާބު ކުރުމަށް.
  • މެމްބަރުން ޕާޓީ ބަދަލުކުރުމަށް.
  • އެ ދައުރުގައި މަޖިލީހުގައި ހިނގާދިޔަ ބޮޑެތި ވޯޓުތަކަށް (ގާނޫނު ބަދަލު ކުރުމާއި މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ފަދަ ކަންކަމަށް)
  • ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމަށް.
  • ވިޔަފާރިވެރިންގެ ވިޔަފާރީގެ ޑިއުޓީތައް ދެއްކުމަށް.
  • މީހުންނަށް ކިޔަވައިދިނުމަށާއި ސިއްހީ ފަރުވާއަށް.
  • ފުލުހުންނާއި ސިފައިންގެ ބައެއް ކަންކަމަށް ސްޕޮންސާ ދިނުމުގެ ގޮތުން.
  • ސަރުކާރުގެ އެކި އިވެންޓުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް.

ނޯޓު: މި ޚަބަރުގައި ކުރިން 8 ފަނޑިޔާރުން ކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުން. ރަނގަޅުގޮތަކީ 6 ފަނޑިޔާރުން ކަމަށް ވާތީ، މިހާރު ޚަބަރު ވާނީ އިސްލާހުކުރެވިފައި.

comment ކޮމެންޓް