ލަވަކިޔައިގެން މަހުލޫފުގެ މަގުބޫލުކަން ރަނގަޅަށްވެސް އިތުރުވި!

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މަހުލޫފަކީ ހަމައެކަނި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ މޫނެއް ނޫނެވެ. މަހުލޫފުގެ ހުނަރު ސިޔާސީ ޕޯޑިއަމްތަކުގެ ބޭރުން މުނިފޫހިފިލުވުމުގެ ސްޓޭޖުތަކުންވެސް ވަނީ ފެނިފައެވެ.

ރާއްޖޭގެ އެކި ޗެނަލްތަކުން ކުރިއަށްގެންދިޔަ ލަވަ ޝޯތަކުގައި މިނިސްޓަރު މަހުލޫފު ވަނީ އެކި އަހަރުތަކުގައި ލަވަ ވިދާޅުވެފައެވެ. އެންމެ ފާހަގަ ކުރެވުނީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޝޯއެއްގައި ވިދާޅުވި ލަވައެވެ.

އެއީ ލަވަކިޔުންތެރިޔާ އައިމިނަތު ލަމްހާ ލަތީފްއާއެކު "އެހަނދާނުގައި" ޝޯގައި ވިދާޅުވި ލަވަ "އެދިގެން މިރޭ ދާނަމޭ"އެވެ.

ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި މަހުލޫފު ވަނީ އެ ޝޯގައި ލަވަ ވިދާޅުވީ ކީއްވެކަން ވިދާޅުވެ ދެއްވައިފައެވެ.

"އެއީ އަނެންހެން ބުނަންޏާ ބުނެވޭނީ އެއީ ކެމްޕެއިންގެ ބައެއް ކަމަށް،" މަހުލޫފު ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ އަބަދުވެސް ލަވަ ވިދާޅުވާހިތްވާ ކަމަށާއި ރައްޓެހިންނާއެކު އުޅޭއިރު އަދި ގޭގައި ދަރިފުޅާއެކު ހޭދަކުރާ ވަގުތުގައިވެސް ލަވަ ވިދާޅުވާ ކަމަށެވެ.

"އަބަދުވެސް ވަރަށް ރީތި ކުރީގެ ލަވަތައް. މިހާރު އެ ލަވަތައް ބަދަލުކޮށްގެން ކިޔާ ގޮތްވެސް ވަރަށް ރީތި،" މަހުލޫފު ވިދާޅުވިއެވެ.

"އެހަނދާނުގައި"ގެ އިތުރުން، ކުރިން ހިންގި ދިޓީވީއިން ރޯދަމަހު ގެނެސްދިން "ތަރިންގެ ރޭ" ޝޯގައި ދެ އަހަރެއްގައިވެސް މަހުލޫފް ލަވަ ވިދާޅުވިއެވެ.

ކެމްޕޭނު ސްޓަންޓެއްގެ ގޮތުގައި ޓީވީގައި ލަވަ ވިދާޅުވުން ވެގެން ދިޔައީ، ހަމަ ރަނގަޅަށްވެސް މަހުލޫފްގެ މަގުބޫލުކަން އިތުރުވި ކަމަކަށެވެ. ދެހާސް އެގާރައިން ފެށިގެން މިކަންތައް ކުރިއަށް ގެންދެވި އިރު، މެޖޯރިޓީ އެމްޑީޕީއަށް އޮންނަ މާލެ ސިޓީގެ މަޖިލިސް ގޮނޑިތަކުގެ ތެރެއިން 2014 ގެ އިންތިހާބުން އެންމެ ބޮޑު ތާއީދަކާއެކު އޭރުގެ އިދިކޮޅު ޕީޕީއެމްއަށް ލިބުނީ މަހުލޫފްގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއެވެ.

ސިޔާސީ ގޮތުން ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން ތައާރަފުވި މަހުލޫފް ހަގީގަތުގައި އެކަމުގެ ތެރެއަށް ތައާރަފުވީ މީހެއްގެ އަތުގައި ހިއްޕަވައިގެންނެއް ނޫނެވެ. އަމިއްލައަށް "ވަދެގަތީ"އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޑީއާރުޕީ އުފައްދައިގެން އޭރުގެ ސަރުކާރުގައި އިސްކޮށް އުޅުން ވެސްޓްޕާކުގައި ބައްދަލުވުމެއް ބޭއްވި އިރު ޒުވާން މަހުލޫފު އުޅުއްވީ ބައިސްކަލެއްގައި އެހިސާބަށް ގޮސް "ކަން ބަލާށެ"ވެ.

"ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދާއެކު އަޅުގަނޑު އޭރުވެސް ޔޫތު ކަންތައްތަކުގައި ބައްދަލުވެފައި ހުރީމާ، އަޅުގަނޑު އަމިއްލައަށް ހަމްދޫންއަށް ގުޅާފައި، އަޅުގަނޑުމެންނަށް އޭގައި ބައިވެރިވެވޭނެ ގޮތެއް އޮތްތޯ ބަލާ ހެދީ،" ސިޔާސީ މަސައްކަތަށް ނިކުންނެވީ އެގޮތަށް ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފުގެ ސިޔާސީ ކެރިއަރު ފެއްޓެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުގައި ހުންނަވައިގެންނެވެ. ނަމަވެސް ވަކި ހިސާބަކުން ދެބޭފުޅުންގެ ސިޔާސީ ވިސްނުން ތަފާތުވިއެވެ. ނަމަވެސް ރައީސް މައުމޫނަކީ އަބަދުވެސް ވަރަށް އިހުތިރާމު ކުރާ ބޭފުޅެއް ކަމަށާއި އަދިވެސް ބައެއް ކަންތައްތަކުގައި ރައީސް މައުމޫނުގެ ލަފާ ހޯއްދަވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

"މިއަދު ޕޮލިޓިކަލީ އެހެން ވިސްނުމެއްގައި ހުރިކަމުގައި ވިޔަސް، އަޅުގަނޑު މިކުރާ މަސައްކަތަށް ރައީސް މައުމޫނުވެސް އިހުތިރާމު ކުރައްވާނެކަން ޔަގީން،" މަހުލޫފު ވިދާޅުވިއެވެ.

comment ކޮމެންޓް