ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކުންފުނިތަކަށް ބިލިއަނެއްހާ ރުފިޔާ ދީފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން އެކި ކުންފުނިތަކަށާއި މީހުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ މިހާރު ދީފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިފަދައިން ކުންފުނިތަކަށް ބަދަލު ދޭންޖެހެނީ "އޭރުގެ ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓުތައް ހިންގާފައި ހުރި ދޯދިޔާ ކަމުން" ކަމަށެވެ.

"ކޮންޓްރެކްޓުތައް ހިންގާފައި ހުރި ދޯދިޔާކަމުންނާއި އެހެން ގޮތްގޮތުން އާބިޓްރޭޝަން ހުރީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ހިންގަމުން. މިހާތަނަް އައި އިރު އާބިޓްރޭޝަންތަކެއް އެވޯޑުކޮށްފައި ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިހާނަށް ދީފައިވާ ބަދަލުގެ ތެރޭގައި، 2010 ވަނަ އަހަރު ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެއްބަސްވުން 2013 ގައި އުވާލި މައްސަލައިގައި، ދިވެހި ސަރުކާރުން ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި 280 މިލިއަން ރުފިޔާއާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

https://sun.mv/121434

ރާއްޖޭގައި މަގު ހެދުމުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ސަރުކާރުން 26.1 މިލިއަން ރުފިޔާ ދައްކާފައި ވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާތަނަށް ލިކުއިޑޭޝަންގައި އެމްއާރުޑީސީ އޮތީ. އޭގެ ތެރެއިން، ކުރީ ސަރުކާރުތަކުން އެމްއާރުޑީސީ ލައްވާ މަސައްކަތްކޮށްފައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ހުރީމާ، ކުރެވިފައި ހުރި މަސައްކަތަށް ވާތީ އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެ ގޮތެއް ހަދާފައިވެސް މަސައްކަތަށް ފައިސާ ދައްކަން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

https://sun.mv/117598

މީގެ އިތުރުން ސުޕްރީމް ކޯޓުން ދާދި ފަހުން ކުރި ހުކުމަކާ ގުޅިގެންވެސް ސަރުކާރުން 7.1 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. އެ ފައިސާ ދައްކާފައިވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ މައްސަލައެއްގައި، ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމަކާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މީގެ އިތުރުން 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރި 15.2 މިލިއަން ރުފިޔާގެ ލޯނުވެސް މައާފުކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި އިރު، އެކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓަށްވެސް ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ނަމަވެސް އެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/121291

"މި އަދަދުތައް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެބަ އަރާ،" ސަރުކާރުން މިހާތަނަށް ގެއްލުމާއި އެހެނިހެން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާއާ ބެހޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ އެކިއެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު 6.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

comment ކޮމެންޓް