ވިލާ ކުންފުންޏަށް ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ ދައްކައިފި

ވިލާ ކުންފުނީގެ ޗެއާމަން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ވިލާ ގުރޫޕުގެ ކުންފުންޏެއް ކަމަށްވާ ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ފައިސާ ދައްކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް 130 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދައްލައިފި އެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ދީފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލައިގައި މިދިޔަ މާޗް 28 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ، 29 މިލިއަން ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އަދަދު ދައުލަތާއެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް 15 މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.

އޭޖީ އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން 'ސަން' އަށް ވިދާޅުވީ ދައުލަތުން ޑަބުލިއުއެލްޓީއަށް ދައްކަން ޖެހޭ ފައިސާ މީގެ ކުޑައިރުކޮޅެއް ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

"ޑަބުލިއުއެލްޓީއަށް ޓެކްސްއާ ހުރިހާ އެއްޗަކަށް ކަނޑާފައި 130 މިލިއަން ރުފިޔާ ދައުލަތުން ވަނީ ދައްކާފައި. އެފައިސާ ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ޑަބުލިއުއެލްޓީއަށް ދައްކާ ހަލާސްކޮށްފައި." ހުސައިން ހަސަން ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ ޑަބްލިއުއެލްޓީއަށް 29 މިލިއަން ޑޮލަރު ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ މެދު، ކޯޓުން ބޭރުން މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވުނީ ޖުމްލަ 15 މިލިއަން ޑޮލަރު ދިނުމަށް ކަމަށެވެ. އަދި ވިލާ ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަން ހުރި ޓެކްސް ފައިސާ އާއި ޖޫރިމަނާ އުނިކޮށް ބާކީވާ، 5.6 މިލިއަން ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށްވެސް ރައީސް ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް