ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާ: ރައީސް

ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ކުންފުނިތަކަށް ބަދަލުގެ ގޮތުގައި 6.7 ބިލިއަން ރުފިޔާއަށް އަރާ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބޮޑެތި އަދަދުން ކުންފުނިތަކަށް ބަދަލު ދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ނިމިފައި ހުރި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި މިހާރުވެސް ނުނިމި ހުރި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 5.4 ބިލިއަންނެއްހާ ރުފިޔާއަށް އަރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގްރީމަންޓްތައް ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ރޫޅާލައިގެން މިއަދު ރާއްޖޭގެ ކޯޓުތަކުން ނިންމައިގެން ސަރުކާރަށް 882 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކަން ޖެހޭ. އާބިޓްރޭޝަން އިން ނިންމައިގެން އެބައޮތް 17.89 މިލިއަން ޑޮލަރު [277 މިލިއަން ރުފިޔާ] ބޭރު ފަރާތަކަށް ދޭން ނިންމާފައި،" ރާއްޖޭގެ ކޯޓުތަކާއި އާބިޓްރޭޝަނުން މިހާތަނަށް ނިންމި ނިންމުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

"ކޯޓުތަކުގައި އަދި އެބަ ހިނގާ 216 މިލިއަން ރުފިޔާގެ މައްސަލަތައް. އާބިޓްރޭޝަންގައި އެބަހުރި 350 މިލިއަން ޑޮލަރު [5.4 ބިލިއަން ރުފިޔާ] ގެ މައްސަލަ،"

އެހުރިހާ މައްސަލަތަކުގެ ޖުމްލަ އަދަދު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ވިދާޅުވީ، މިހާރު ކޯޓުތަކާއި އާބިޓް ރޭޝަންގައި ހިނގާ 5.6 ބިލިއަން ރުފިޔާގެ މައްސަލަތައް ސަރުކާރުގެ ކޮޅަށް ނިންމިދާނެ ކަމުގެ ޔަގީން ކަމެއް ދައުލަތުގެ ގާނޫނީ ވަކީލުންނަށް ނެތް ކަމަށެވެ.

"މިއިން ގިނަ މައްސަލަތައް ލޯޔަރުން އަޅުގަނޑުމެންނަށް ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިސް ކަމަށް. ވިން ނުކުރެވޭނެ އެއްޗިސް ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯޓުތަކުން ނިންމައިގެން އެގޮތަށް ދައުލަތުން ކުންފުނިތަކަށް ބަދަލު ދޭން ޖެހުމުން ސަރުކާރުން ވަކި ބަޔަކަށް ފައިސާ ދެނީ ކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. ނަމަވެސް އެއީ ކަން ހިނގާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯޓުތަކާއި އާބިޓްރޭޝަންގެ ނިންމި އެކި މައްސަލަތަކުގައި 1.1 ބިލިއަން ރުފިޔާގެ ބަދަލުގެ ގޮތުގައި މިހާތަނަށް ދިން ފައިސާގެ ބައެއް ތަފްސީލުތައްވެސް ރައީސް މިއަދު ދެއްވިއެވެ.

މިހާތަނަށް ފައިސާ ދިނުމަށް ސަރުކާރުން ނިންމި/ދައްކާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި ކުންފުނިތައް:

  • ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައްކަންޖެހޭ 29 މިލިއަން ޑޮލަރުގެ ތެރެއިން ޓެކްސްއަށް ކަނޑައި 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ)
  • ނެކްސްބިޒް އަށް 17 މިލިއަން ޑޮލަރު (263 މިލިއަން ރުފިޔާ)

މީގެއިތުރުން ރައީސް ވިދާޅުވީ، ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިއަން ރުފިޔާ ބަދަލުގެ މައްސަލައިގައި އެ ކުންފުންޏާއެކު އެކަމަށް ރަނގަޅު ހައްލެއް ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ފްލެޓްތައް އެޅުމަށް ހަވާލު ކުރި އިންޑިއާގެ ޓާޓާ ކުންފުންޏަށް 32 މިލިއަން ޑޮލަރު (496 މިލިއަން ރުފިޔާ)ގެ ބަދަލުގެ މައްސަލަގައި ކޯޓުން ބޭރުން މަޝްވަރާ ކުރެއްވި ނިންމުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.7 ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ ދައުލަތުގެ ބަޖެޓްގެ 23 ޕަސަންޓެވެ. ދައުލަތުގެ ބަޖެޓްގެ އަދަދަކީ 30 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް