ނެކްސްބިޒް އަށް ދައްކަން ޖެހޭ 280 މިލިޔަން ރުފިޔާ ސަރުކާރުން ދައްކައިފި

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓް އެގްރިމެންޓްގައި އިމިގްރޭޝަނާއި ނެކްސް ބިޒް އިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - ސަން ފައިލް ފޮޓޯ

ސިންގަޕޫރުގެ އާބިޓަރޭޝަނުން ހުކުމް ކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ނެކްސްބިޒް އަށް ދައްކަންޖެހޭ 280 މިލިއަން ރުފިޔާ (18.1 މިލިއަން ޑޮލަރު) ސަރުކާރުން އިއްޔެ ދައްކައިފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ދިވެހި ސަރުކާރަށް 280،320.562.72 ރުފިޔާ ދެއްކުމަށް ހުކުމް ކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު 24 ވަނަ ދުވަހު އެވެ.

އެ ފައިސާ އިއްޔެ ދައްކައިފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެއީ ސިންގަޕޫރުގެ އާބިޓަރޭޝަން އިން ނެރުނު އަމުރަކީ ތަންފީޒުކުރަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށާއި ނަމަވެސް ނެކްސްބިޒް ކުންފުނިން ސަރުކާރަށް ތަކުރާރުކޮށް ސިޓީ ފޮނުވައިފައިވީ ނަމަވެސް ނިމިދިޔަ ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ދިވެހި ސަރުކާރުން ނެކްސްބިޒް ލިމިޓެޑްއަށް ދައްކަން ޖެހޭނެ ކަމަށް އެވޯޑުގައި ކަނޑައެޅި ފާއިސާ ދެއްކުމަށް އެދި އެ ކުންފުނިން ދިވެހި ސަރުކާރަށް ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް، އެ އެވޯޑު ތަންފީޒުނުކުރުމަށާއި އެ އެވޯޑުގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާ ދެއްކުމުގެ ކަންކަން ކުރިޔަށް ނުގެންދިއުމަށް، ނިމިދިޔަ ރިޔާސީ ދައުރުގައި ދިވެހި ސަރުކާރުން ނިންމާފައިވޭ،" އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދައި އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަކީ، މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ސަރުކާރުން އެއްބަސްވެގެން އާބިޓަރޭޝަން އަށް ދާ މައްސަލަތަކުގެ އެވޯޑު ތަންފީޒުކުރުމަކީ، މުހިންމުކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށްޓަކައި، އެމްޑީޕީގެ ސަރުކާރުން ނެކްސްބިޒާ ހަވާލުކުރީ 2010 ވަނަ އަހަރު އޮކްޓޯބަރު މަހު 17 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން، 2013 ވަނަ އަހަރު އޮގަސްޓް މަހު ފަސް ވަނަ ދުވަހު ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ނެކްސްބިޒުން އެދުނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 4،148 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް އޭރު އާބިޓްރޭޝަނުން ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 280 މިލިއަން ރުފިޔާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު